މެޑިކަލް އެމަޖެންސީތަކުގައި، ބޭނުންވާ ވަގުތަކު އިމިގްރޭޝަނަށް ގޮސް ޕާސްޕޯޓަށް އެދެވޭ ގޮތް ހަދައިފި

ޕާސްޕޯޓު ހެއްދުމަށް އުމުރުން ދުވަސްވީ މީހެއްގެ ފޮޓޯ ނަގަނީ: މިއަދުން ފެށިގެން މެޑިކަލް ހާލަތްތަކުގައި އެމަޖެންސީކޮށް ފުރާ މީހުންނަށް ކޮންމެ ވަގުތަކު ޕާސްޕޯޓު ހެއްދޭ ގޮތަށް އިމިގްރޭޝަނުން ވަނީ ހަދާފަ --- ފޮޓޯ/ އިމިގްރޭޝަން

މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކޮންމެ ގަޑިއަކު ވެސް އިމިގްރޭޝަން ޑިޕާޓްމެންޓަށް ހާޒިރުވެ، ޕާސްޕޯޓު ހެއްދުމަށް ހުށަހެޅޭނެ ކަމަށް އެ ޑިޕާޓްމެންޓުން މިރޭ ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އިސްކަމެއްދީ، މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ ފަރާތްތަކަށް ވަގުތުން އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

އެގޮތުން، މެޑިކަލް އެމާޖެންސީ ކޭސްތަކުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ޕާސްޕޯޓު ހައްދަން އެ ޑިޕާޓްމެންޓަށް ހާޒިރުވެވޭނެ ކަމަށާއި އެ މީހުންނަށް އިމިގްރޭޝަންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭއިރު، އުމުރުން ދުވަސްވީ 65 މީހުންނަށް ވަނީ ޚާއްޞަ ގަޑިތަކެއް ކަނޑައަޅާފައެވެ.

އެއިދާރައިން ބުނީ އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 ގެ ނިޔަލަށް ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މީގެކުރިން ވަނީ، އުމުރުން ދުވަސްވީ ފަރާތްތަކަށާއި އެހެނިހެން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި، ޕާސްޕޯޓަށް އެދެވޭނެ އެހެން މަގެއް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ބުނީ، އެއިދާރާގެ މަގްސަދަކީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނަށް އަވަސް، ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

މިފަދައިން އިންތިޒާމު ހަމަޖައްސާފައިވަނީ ގއ. ވިލިނގިލީ 13 އަހަރުގެ ކުޑަކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވެ، އިއްޔެ އެ ކުއްޖާ ނިޔާވި ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ވަނީ، ބަލި މީހުން އުފުލުން އިތުރަށް ހަރުދަނާކުރަން އަންގަވައިފައެވެ. އެގޮތުން ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާ އެކު، ވީ އެންމެ އަވަހަކަށް ބަލި މީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށް އެ މަނިކުފާނު ވަނީ އެދިލައްވައިފައެވެ.

https://sun.mv/187636

comment ކޮމެންޓް