ޑައިވިނަށް ގޮސް އުޅެނިކޮށް ފަތުރުވެރިޔާގެ ފައިން ބުރިވި ބައި ނުފެނުނު

މީހަކު ޑައިވެއްގައި: ޑައިވަކަށް ގޮސް އުޅެނިކޮށް ފައިބުރިވި ފަތުރުވެރިޔާގެ ފައިން ބުރިވި ބައެއް ނުފެނޭ -- ސަން ފައިލް ފޮޓޯ

ޑައިވިނަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި ފައިބުރިވި ފަތުރުވެރިޔާގެ ފައިން ބުރިވި ބައި ނުފެނުނު ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ހުޅުމާލެއާ ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސް މައްޗަށް އެރި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ފަތުރުވެރިއެއްގެ ފައި ބުރިވީ އިއްޔެއެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ އަންހެނަކަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، އެ ހާދިސާގައި ފަތުރުވެރިޔާގެ ފައިން ބުރިވި ބައި ހޯދުމުގެ މަސައްކަތް އިއްޔެގެ އެ ވަގުތުން ފެށިގެން އެމްއެންޑީއެފުން ކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ މީހާގެ ފައިން ބުރިވި ބައި ފެނިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/187631

އެހެންވެ، ޑައިވް ކޮށްގެން ފައިގެ އެ ބައި ހޯދުމުގެ މަސައްކަތް މިހާރު ވަނީ މެދުކަނޑާލައިފައެވެ.

އެކަމަކު، އަދިވެސް އެ ސަރަހައްދު ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަތުރުވެރިޔާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، އެ މީހާގެ ކަކުލު ހުޅުން ތިރި، އެއްކޮށް ބުރިވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 8:30 އެހާކަންހާއިރެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް