ޖިނާއީ ބޮޑު ކުށެއްގެ ދައުވާ އުފުލުމާއެކު ޕާސްޕޯޓު ހިފަހައްޓަންޖެހޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ބޮޑު ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމާއެކު، އެ މީހަކު ރާއްޖެއިން ބޭރަށް ނުފުރޭހެން ޕާސްޕޯޓު ހިފަހައްޓަންޖެހޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ކަނޑައެޅީ މިއަދު އެ ކޯޓުގައި ކުރިއަށް ދިޔަ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ރާއްޖޭން ބޭރަށް ފުރަން ދަށު ކޯޓުން ދިން ހުއްދަ، ހައިކޯޓުން ވެސް ދެމެހެއްޓުމުން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައެވެ.

އެގޮތުން ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސޫދު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށެވެ.

އަދި ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމުގެ ވާގިނެތި އަދުލު އިންސާފުގެ ނިޒާމު ގާއިމްކުރުމަށް ހުރަސް އެޅޭނެކަމަށް ވެސް ހުސްނުއްސޫދު ވިދާޅުވިއެވެ.

"އެހެންކަމުން އެހެން އެ ކަން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަަޅަންޖެހޭ،" ހުސްނުއްސޫދު ވިދާޅުވިއެވެ.

"ގާނޫނުލްއުގޫބާތުގެ 22ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާ ލިބޭ ފަރާތް ދިވެހި ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އެންގުމާއެކު އެ ފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެ ފަދަ މީސްމީހުން ރާއްޖޭން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް،" ހުސްނުއްސޫދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ވިދާޅުވީ ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މިހާގެ މައްސަލަ އިސްތިއުނާފީ މަރުހަލާތައް ނިމެންދެން އެ މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އަދި އެ ފަދަ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއްކަން ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހާމަކުރުމުން، އެ ރައުޔާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެކޭ ގޮތް ބަލައި، އެ މީހަކު ރާއްޖެ އަންނާނެކަން ޝަރުތުކޮށްފައިކަމަށް ވިދާޅުވިއެވެ.

"ބޭސް ފަރުވާއަށް ނޫން ބޭނުމަކު ޖިނާއި ބޮޑު ކުށެއްގެ ދައުވާ ލިބޭ އެއްވެސް މީހަކު ދިވެހިރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެ ކަމަށް ޓަކައި ޖިނާއީ އިޖުރާތުގައި ކަނޑައަޅައިފައި އޮންނަ އުސޫލަކާ އެއްގޮތަށް އެކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް އިއުތިރާޒް ނުކުރާނަމަ،" ހުސްނުއްސޫދު ވިދާޅުވިއެވެ.

https://sun.mv/187666

މި ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރުވަނީ ތާއީދުކުރައްވައިފައެވެ. އެހެންކަމުން ތިން ފަނޑިޔާރުންގެ އެ ބެންޗުގައި އެ ކަމަށް އަޣުލަބިއްޔަތުވަނީ ލިބިފައެވެ.

މިއަދު އައްމަޓީގެ މައްސަލައިގައި ކޯޓުން ހުކުމްކުރީ އައްމަޓީގެ ޕާސްޕޯޓު ދޫކުރަން ދަށު ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށެވެ.

comment ކޮމެންޓް