ކުއްޖާ މަރުވުމުގައި އިހުމާލުތަކެއްވޭ، ތަހުގީގުކުރަން ޖެހޭ: ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން -- ފޮޓޯ/ ޑިމޮކްރެޓްސް

އިއްޔެ ނިޔާވި 13 އަހަރުގެ ކުޑަކުއްޖާ ނިޔާވި މައްސަލައިގައި އިހުމާލުތަކެއްވާ ކަމަށް ބުނެ އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ދަ ޑިމޮކްރެޓްސްއިން މިއަދު ގޮވައިލައިފިއެވެ.

ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް އާއިލާއިން ބުނި އެ ކުއްޖާ ނިޔާވީ އިއްޔެ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރުން ހާމަ ކުރި މައުލޫމާތުތަކުން އެ ކުއްޖާ ނިޔާވުމުގައި އިހުމާލުތަކެއްވާކަން ހާމަވެފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، އެ ކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް އެ ޕާޓީން ވަނީ ގޮވައިލައިފައެވެ.

އިތުރަށް މި ނޫސްބަޔާނުގައި ބުނީ، ބަލި ހާލަތު ބޮޑުވެ މާލެ ގެނައުމަށް އެ ރަށު ހޮސްޕިޓަލުން ލަފާ ދެއްވައިފައިވަނިކޮށް އެގޮތަށް އަމަލުކުރުން ލަސް ކުރުމުގެ ސަބަބުން އެ ކުއްޖާ ނިޔާވި، ހިތާމައިގައި އެ އާއިލާއާ އެކު އެ ޕާޓީން ބައިވެރިވާ ކަމަށެވެ.

https://sun.mv/187670

އެ ޕާޓީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދިވެސް ލިބެން ނެތުމާ އެކު، ބަލި ހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދު ވެސް އެނގޭއިރު، ބަލި މީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށެވެ.

އަދި، މި ހިނގި ހާދިސާއިން ވެސް އެނގެނީ އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަން ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

މި ފަދަ ހާދިސާއެއް ދެން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހައި ޕްރޮސީޖާ އަދި ޕޮލިސީތަކުގެ އިތުރުން ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށް ވެސް އެ ޕާޓިން ވަނީ ގޮވައިލައިފައެވެ.

އެ ކުއްޖާ ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

https://sun.mv/187636

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ހާދިސާއާ ގުޅިގެން ބަލި މީހުން އުފުލުން އިތުރަށް ހަރުދަނާކުރަން އަންގަވައިފައެވެ. އަދި، އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ވަނީ އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ތަފުސީލަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިލައްވައިފައެވެ.

ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާ އެކު، ވީ އެންމެ އަވަހަކަށް ބަލި މީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށް ވެސް އެ މަނިކުފާނު ވަނީ އެދިލައްވައިފައެވެ.

އެ މައްސަލައާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނުގައި ބުނީ، އެ ކުއްޖާ މާލެ ގެންދަން އިމަޖެންސީ އިވެކުއޭޝަނަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އެދުނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:03ގައި ކަމަށެވެ. އެ ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ ކޭސް 12 މިނިޓުތެރޭ ޕްރޮސެސްކޮށް، ކުއްޖާ އިމަޖެންސީގައި މާލެ ގެންނަން ހުއްދަ ދިން ކަމަށާއި، ފްލައިޓެއް ލިބޭތޯ ބަލަން އެ ކުންފުނިން 5:19ގައި ހޮސްޕިޓަލަށް އެންގި ކަމަށް އާސަންދައިން ބުންޏެވެ.

comment ކޮމެންޓް