ފުވައްމުލަކު އެއާޕޯޓު ބޮޑުކޮށް، ޖެޓު ޖެއްސޭ ވަރަށް ތަރައްގީކުރަނީ

ފުވައްމުލަކު ސިޓީ: އެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްވަރާތައް ވަނީ ފަށާފައި -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ފުވައްމުލަކު ސިޓީ އެއާޕޯޓް ބޮޑުކޮށް، ޖެޓު ޖެއްސޭ ފެންވަރަށް ތަރައްޤީކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)އިން މަޝްވަރާތައް ފަށައިފިއެވެ.

ފުވައްމުލަކު އެއާޕޯޓު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އާރްއޭސީއެލުން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ފުވައްމުލަކު އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި:

  • ރަންވޭ އޮރިއެންޓޭޝަން ބަދަލުކުރުން
  • ޖެޓު ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުން
  • ޖެޓު ޕާކިންއަށް ހާއްސަކޮށް އޭޕްރަންގެ ޖާގެ އިތުރުކުރުން
  • ޖެޓު ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • ފްލައިން ސްކޫލެއް ގާއިމުކުރުން ހިމެނެއެވެ.

ފުވައްމުލަކު އެއާޕޯޓުގެ ފޮޓޯއެއް --- ފޮޓޯ/ އެއާ ގޭޓު މޯލްޑިވްސް

މި މަޝްވަރާތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން ވިދާޅުވީ، ފުވައްމުލަކަކީ ގުދުރަތީގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސިޓީއަކަށްވެފައި، އެއާޕޯޓުގެ ރަންވޭ މިހާރު އޮތްގޮތުން ފަޅު ހިއްކައިގެން ރަންވޭ އިތުރަށް ދިގުކުރެވެން ނެތް ކަމަށެވެ.

އަދި، އެކަން ކުރެވެން އަންނަނީ ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށްގެން ކަމަށްވާތީ، އެ ކަމަށް ހުރި ގޮތްތަކާ ގުޅޭ ކައުންސިލާ އެކު މަޝްވަރާކުރެއްވި ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ، ފުވައްމުލަކު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ފެސިލިޓީތައް ވެސް ހިމެނޭހެން މުޅި އެއާޕޯޓުގެ މާސްޓާ ޕްލޭނެއް އެކުލަވައިލަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެއާޕޯޓާ އިންވެގެންހުރި ހުސްބިންތަކުން ފަތުރުވެރިކަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު އުފެއްދިދާނެ ކަމަށާއި، އެ ކަމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ކައުންސިލާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.

ފުވައްމުލަކު އެއާޕޯޓުގައި މިހާރު ބޭނުންކުރަނީ 1،200 މީޓަރު ދިގު ރަންވޭއެކެވެ. މި އެއާޕޯޓު ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ރަންވޭގެ ޖާގަ 1600 ނުވަތަ 1800 މީޓަރަށް ބޮޑުކޮށް ޖެޓު ޖެއްސޭ ވަރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.

comment ކޮމެންޓް