ޕެލަސް ކޮޅަށް ފަސް ގޯލު ޖަހައި، އާސެނަލް ތިންވަނައަށް

ގެބްރިއެލް ވަނީ އާސެނަލްގެ ފުރަތަމަ ލަނޑު ޖަހައިދީ ދެވަނަ ލަނޑު ޖެހުމުގައި އެހިތެރިވެދީފައި -- ފޮޓޯ/ ދި ޓެލެގްރާފް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 5-0 އިންނެވެ.

މެޗުގައި އާސެނަލުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑާ ގެބްރިއެލެވެ. އާސެނަލުން ކާމިޔާބު ކުރި ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ލިބުނު ކޯނަރަކުންނެވެ. ނަމަވެސް ކޯނަރުގައި ބޯޅަ ގޯލަށް ވަދެފައިވަނީ ޕެލަސްގެ ކީޕާ ޑީން ހެންޑަސަންގެ ގައިގައި ޖެހިފައިކަމުން އެ ލަނޑު ވަނީ ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގައި ބަލާފައެވެ.

މިމެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބު ކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑެވެ. އަދި، ފަހު ދެ ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރެއް އަދި ފަސްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ގެބްރިއެލް މާޓިނެއްލީއެވެ.

ޕެލަސް އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވުމުން 2024 ވަނަ އަހަރުގެ ފެށުން ރަނގަޅުވާނެތޯ ގިނަ ބަޔަކު ކުރަމުންދިޔަ ސުވާލަަށް މި މެޗުގައި އެޓީމުން ޖަވާބު ދީފައިވާ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ވަނީ ބުނެފައެވެ.

މި ކާމީޔާބީއާ އެކު އާސެނަލް މިހާރު ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެއީ، ކުޅުނު 21 މެޗުން ލިބިފައިވާ 43 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޕޮއިންޓްގެ ގޮތުން ހަމަކޮށްފައިވާއިރު އެއްވަނައިގައި އޮތް ލިވަޕޫލާ މިހާރު ވަނީ ދެ ޕޮއިންޓަށް ގާތްކޮށްފައެވެ.

މެޗުން ބަލިވުމުން ޕެލަސް އޮތީ 21 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގައެވެ.

comment ކޮމެންޓް