ކުއްޖާ ގެނައުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސިން، ފްލައިޓެއްގައި މައްސަލަ ޖެހި ލަސްތަކެއް ދިމާވި: އާސަންދަ

އާސަންދަ އޮފީސް: ވިލިނގިލީގައި ސިއްހީ އެމާޖެންސީ ދިމާވި ކުއްޖާ ގެނައުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސި ކަމަށް އެ ކުންފުނިން ބުނޭ --

ސިއްހީ އެމާޖެންސީއެއް ދިމާވި ގއ. ވިލިނގިލީ ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސި ކަމަށާއި އެ ކުއްޖާ އަރުވަން އުޅުނު ފްލައިޓެއްގައި މައްސަލަ ޖެހި ލަސްތަކެއް ދިމާވި ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް، މިއަދު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ހޮސްޕިޓަލުން ހާމަނުކުރެއެވެ.

އެ މައްސަލައާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނުގައި ބުނީ، އެ ކުއްޖާ މާލެ ގެންދަން އެމަޖެންސީ އިވެކުއޭޝަނަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އެދުނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:03ގައި ކަމަށެވެ. އެ ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ ކޭސް 12 މިނިޓުތެރޭ ޕްރޮސެސްކޮށް، ކުއްޖާ އެމަޖެންސީގައި މާލެ ގެންނަން ހުއްދަ ދިން ކަމަށާއި، ފްލައިޓެއް ލިބޭތޯ ބަލަން އެ ކުންފުނިން 5:19ގައި ހޮސްޕިޓަލަށް އެންގި ކަމަށް އާސަންދައިން ބުންޏެވެ.

އެ އަތޮޅުގައި އޮންނަ ކޫއްޑޫ އެއާޕޯޓުން އެންމެ އަވަހަށް މާލެއަށް ފްލައިޓެއް އޮތީ ޖެހިގެން އައި ދުވަހުގެ ފަތިހު 5:55ގައި ކަމުން، ފްލައިޓެއް ޗާޓަރުކުރަން ވެސް ވަގުތުން ހަމަޖެއްސި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މޯލްޑިވިއަންއިން ޗާޓަރު ކުރެވޭ ފްލައިޓުގެ މައުލޫމާތު ދިނީ 8:57ގައި ކަމަށާއި އެ ބޯޓު ހަމަޖެހުނީ ބުރާސްފަތި ދުވަހު 14:55ގައި ކޫއްޑޫގައި ޖައްސައި، 16:20އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ގޮތަށް ކަމަށް އާސަންދައިގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ހޮސްޕިޓަލުން އެދުމުން، ކުއްޖާ 14:45ގައި އެމްއެންޑީއެފް ސީ އެމްބިއުލާންސުގައި ވިލިނގިލިން ކޫއްޑޫއަށް ގެންދަން ވެސް ހަމަޖެއްސި ކަމަށް އާސަންދައިން ބުންޏެވެ.

ނަމަވެސް މާލެއިން ކައްދުއަށް ދަތުރުކުރަމުންދިޔަ ފްލައިޓެއް ކޫއްޑޫއަށް ޑައިވާޓުކޮށް، 13:50ހާއިރު ކުއްޖާ ގެންދެވޭނެ ކަމަށް 11:40ގައި ކޫއްޑޫ އެއާޕޯޓުން އެންގި ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެންމެ ފަހު ވަގުތު އެ ފްލައިޓު ޑައިވާޓު ނުކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.

އޭގެ ސަބަބުން އަލުން ފްލައިޓެއް ޗާޓަރު ކުރަން ޖެހި، އެ ފްލައިޓުގައި ކޫއްޑޫއިން ކުއްޖާ ފޮނުވާލެވުނީ 16:35ގައި ކަމަށާއި އެ ފްލައިޓު ވެލާނާ އެއާޕޯޓުގައި ޖެއްސީ 17:15ގައި ކަމަށް އާސަންދައިން ބުންޏެވެ.

އެ ކުއްޖާ މާލެ ގެނައުން ލަސްވި ކަމަށް ބުނެ، އަތޮޅު ހޮސްޕިޓަލު ކައިރީގައި ބައެއް މީހުން މުޒާހަރާވެސް ކުރިއެވެ. އަދި ބައެއް މީހުން ވަނީ އެއީ ސިއްހީ އެމާޖެންސީތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް ބޭނުން ކުރަން ދެކޮޅު ހެދުމުން ލަސްވި، ލަސްވުމެއް ކަަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ މެޑިކަލް އިވެކުއޭޝަނަށް އާންމުކޮށް ބޭނުންކުރަނީ މޯލްޑިވިއަންގެ ފްލައިޓުތައް ކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް