ޒަމީލްގެ ދެބަފައިންގެ 26،000 ރުފިޔާގެ ޖޫރިމަނާ ފަސްކުރުމަށް އަމުރެއް ނުދިން

ޒަމީލްއާއި އަނބިކަނބަލުން ފޯމް ހުށަހެޅުއްވުމަށް ދަރުބާރުގޭގައި-- ސަން ފޮޓޯ: އަޙްމަދު އާޒިފް

މިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ގާނޫނުގައި ބުނާ މިންގަނޑުތަކަށް ނުފެތޭތީ, އިލެކްޝަން ކޮމިޝަނުން ކުރި 26،000 ރުފިޔާގެ ޖޫރިމަނާ ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޒަމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އަމުރު ނެރެ ނުދެވޭނެކަމަށް ހުކުމްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނާއި ދެކޮޅަށް ޙަސަން ޒަމީލާއި އަޚްމަދު މަހްރާން ޒަމީލް ހުށަހެޅުއްވި މައްސަލައިގެ ޙުކުމް ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ޤާޟީ މަރްޔަމް ވަޙީދުއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ހޯދުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށާއި، އަމުރަކަށް އެދެނީ އިލެކްޝަން ކޮމިޝަނުން 20،000 ރުފިޔާއިން ޒަމީލް އަދި 6،000 ރުފިޔާއިން މަހްރާން ޖޫރިމަނާކޮށްފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެންކަމަށް ޒަމީލް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި މައްސަލައިގެ ޙުކުމުގައި އޮތީ، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން އެންގުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ޤާޟީ ނުދެކޭ ކަމަށެވެ.

ޒަމީލްގެ ދަރިފުޅު، މަހްރާން އަކީ ޒަމީލްގެ އިންތިހާބީ ރަސްމީ އެޖެންޓެވެ. އަދި ރަނިންމޭޓަކީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ. ދެބޭފުޅުންނަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ 327 ވޯޓެވެ. އެއީ، 0.15 ޕަސެންޓެވެ.

މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލާއި، އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލުގެ އިތުރުން ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް ވެސް ހުށަހަޅަން ޖެހޭނެއެވެ.

އަދި, ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި، ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ސްލިޕްވެސް ހުށަހަޅަން ޖެހޭނެއެވެ.

comment ކޮމެންޓް