ރޯހިތު ޝެޓީގެ 'ގޯލްމާލް5' ސިނަމާއަށް އަންނާނީ ދެ އަހަރު ފަހުން

ޑައިރެކްޓަރު ރޯހިތު ޝެޓީ-- ފޮޓޯ/ބޮލީވުޑްހަންގާމާ

ޑައިރެކްޓަރު ރޯހިތު ޝެޓީގެ މަގުބޫލު ކޮމެޑީ ފްރެންޗައިސް "ގޯލްމާ"ގެ ފަސް ވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމަށާއި ނަމަވެސް ސިނަމާއާ ހަމައަށް ފިލްމު އަންނަ ދެ އަހަރު ދުވަސް ނަގާނެ ކަމަށް ޑައިރެކްޓަރު ބުނެފިއެވެ.

އިއްޔެ އެމޭޒަން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފެށި ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ ޑައިރެކްޓަރު ބުނީ، މިހާތަނަށް "ގޯލްމާލް"ގެ ފިލްމުތަކަށް ލިބުނު ތަރުހީބަށް ބަލާފައި ފިލްމު އުފެއްދުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިއަދުގެ ސިނަމާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު ފިލްމު "ގޯލްމާލް"ގެ އެނބުރި އައުން ގެނެސްދޭން ބޭނުން ވަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި ނަމަވެސް އެ ފިލްމުގައި އެކްޝަންގެ ބައި އެއްވެސް ވަރަކަށް ނުހިމެނޭނެ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.

ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދަމުން އަންނަ "ގޯލްމާލް" ފްރެންޗައިސް އަކީ މިހާރު ބްރޭންޑެއް ކަމަށާއި ފަސް ވަނަ ބައެއް އުފައްދަނީ މި ފްރެންޗައިސްގެ ސަޕޯޓަރުންނަށް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ގޯލްމާލް"ގެ މަންޒަރެއް-- ފޮޓޯ/އިންޓަނެޓް
ފިލްމު "ގޯލްމާލް"ގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. ރޯހިތުގެ ގާތް އެކުވެރިޔާ ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން މުހިއްމު ރޯލް ކުޅެފައިވާ މި ފްރެންޗައިސްގެ ފިލްމުތަކުގެ މުހިއްމު ތަރިންގެތެރޭ އަރުޝަދު ވާރްސީ، ތުޝާރު ކަޕޫރު އަދި ބަތަލާ ކަރީނާ ކަޕޫރު ޚާން ހިމެނެއެވެ.

ރޯހިތުގެ ފިލްމެއް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހުއެވެ. އެއީ ޑައިރެކްޓަރުގެ މަޝްހޫރު އެކްޝަން ފްރެންޗައިސް "ސިންގްހަމް"ގެ ތިން ވަނަ ބައެވެ. މި ފިލްމު ސިނަމާއަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް މަހުގެ 15ވަނަ ދުވަހުއެވެ.

comment ކޮމެންޓް