މަސްކިރުމާއެކު ބަރާބަރަށް ފައިސާ ލިބޭނެ ގޮތެއް އަންނަނީ ހަމަޖައްސަމުން: މިނިސްޓަރު

މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރުން ތަމްރީނުކުރަން ފެށުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މަސްކިރުމާއެކު، ވަގުތުން މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެ ކަން ހާމަކުރެއްވީ، ދިވެހި މަސްދޯނިފަަހަރުގައި މަސައްކަތްކުރާނެ ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންމެވެ.

މިއަދު "ސަން"އާ ވާހަކަދައްކަވަމުން ވެސް މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އަދިވެސް ގިނަ އަދަދެއްގެ ފައިސާ ނުދެވި އެބަހުރިކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންގެ އެބަހުރި ބެކްލޮގް އިނގޭތޯ. މިހާރު ވެސް އެބައުޅޭ ބޮޑު އެއްޗެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ ވީހާ ވެސް އަވަހަކަށް މުޅި ބެކްލޮގް އެއްކޮށް ފިލުވައިލަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ވާހަކަ ރަސްމިއްޔާތުގައި ތަފްސީލްކުރައްވަމުން މިނިސްޓަރު ވިދާޅުވީ،

"އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް މަސްވެރިންނަށް ދޭ ފައިސާކޮޅު، ނޫނީ މަސްވެރިން މަސް ކިރައިފައި އެ ލިބޭ ފައިސާ ބަރާބަަރަށް އިރާދަކުރެއްވިއްޔާ މަސްވެރިންނަށް މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އެ އިންތިޒާމް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެބަހަމަޖައްސަވާ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 267 މިލިއަން ރުފިޔާ މިހާރުވަނީ ދީފައެވެ.

މަސްކިރައި، އެއަށް ފައިސާ ވަގުތުން ވަގުތަށް ނުލިބުމަކީ މަސްވެރިން އެންމެ ބޮޑަށް އުފުލަންޖެހޭ ދައްޗެވެ. އޭގެ ސަބަބުން ތެލާއި އައިސް ގަތުމަށް މަސްވެރިންނަށް ބޮޑު ދައްޗަކާ ކުރިމަތިވެއެވެ.

comment ކޮމެންޓް