ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދިނުމަށް "ދޮންދޫނި ރީޑިން ކޭންްޕް" ބާއްވައިފި

ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލުން ބާއްވާ "ދޮންދޫނި ރީޑިން ކޭންޕް"-- ފޮޓޯ/ ދޮންދީނި ޕްރީސްކޫލް

ކުޑަކުދިންގެ ހިތުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމަށް ކޮންމެ އަހަރަކު ވެސް ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލުން ބާއްވާ "ދޮންދޫނި ރީޑިން ކޭންޕް" މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގައި ބޭއްވި މި ކޭންޕް ޝަރަފުވެރި ކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމެވެ.

މި ކޭންޕާއި ގުޅޭގޮތުން އަޝްރަފް ވިދާޅުވީ، މި މަސައްކަތަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި ބަސް ކުރިއެރުވޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލުން ބާއްވާ "ދޮންދޫނި ރީޑިން ކޭންޕް" ހުޅުވުން -- ފޮޓޯ/ ދޮންދީނި ޕްރީސްކޫލް

އެގޮތުން، މިފަދަ ކޭންޕުތަކުގެ ސަބަބުން ކުޑަކުދިންގެ ހިތުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަދި ދިވެހިބަސް ކުރިއެރުވުމަށް ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ކޭންޕުގެ ހަރާކާތްތައް ފުރިހަމަކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތް އަޝްރަފް ވަނީ ފާހަގަ ކުރައްވައިފައެވެ.

ދޮންދޫނި ރީޑިން ކޭންޕުގައި ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ތަފާތު އުކުޅުތައް ބޭނުންކޮށްގެން ވާހަކަ ހުށަހަޅައިދީފައިވާއިރު ދިވެހި ބަހާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭންޕުގައި ތަފާތު ސްޓޭޝަންތައް ހުރިއިރު ކޮންމެ ސްޓޭޝަނެއްގައި ވާހަކަ ކިޔަައިދެނީ ތަފާތު ގޮތަކަށެވެ.

ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލުން ބާއްވާ "ދޮންދޫނި ރީޑިން ކޭންޕް"-- ފޮޓޯ/ ދޮންދީނި ޕްރީސްކޫލް

އެގޮތުން އެއް ސްޓޭޝަންގައި ވާހަކައިގެ މެޕެއް ބޭނުންކޮށް ވާހަކަ ހުށަހަޅައިދީފައިވެއެވެ. ކުޑަކުދިން ޝައުގުވެރިވާ ފަދަ އެކި ވައްތަރު މޮޑެލްއާއި ފެލްޓްބޯޑުގެ އިތުރުން ޑްރާމާއިން ވެސް ވާހަކަ ހުށަހަަޅައިދީފައިވެއެވެ.

މި ރީޑިން ކޭންޕުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް އެ ހަރާކަތްތަކުން ބަހާ ގުޅުންހުރި މައުލޫމާތު ދޭހަކޮށް ދަސްކުރެވޭ ގޮތަށެވެ.

އެގޮތުން ބަސް ހެދުމާއި ޑައިލޮގް ފަރިތަކުރުމާއި ބަސް ހޯދައި ގުޅުުވުން ހިމެނެއެވެ. އަދި ތަސްވީރާއި ބަހާއި ދިމާކުރުމާއި، ޖުމްލަ ހެދުމާއި ރޭވުންފަދަ ހަރާކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އަހަރުގެ ތީމަކަށް ކަނޑައަޅައިފައިވަނީ "ކުޑަ ވެލާ" ކިޔާ ވާހަކައެކެވެ. މި ވާހަކައިން މޫދުގެ ދިރުންތަކާއި ކުލަތަކުގެ ނަންތައް ދަސްވެގެންދާނެއެވެ.

ދޮންދޫނި ލިޓްލް ލާނާސްގެ ޔޫޓިއުބް ޗެނަލުން ކުޑަ ވެލާގެ އެނިމޭޓެޑް ވާހަކަ ލިބިގެންދާނެއެވެ.

comment ކޮމެންޓް