މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމުނު މައްސަލަތައް 55 އިންސައްތަ ދަށަށް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު 854 މައްސަލަ ހުށަަހަޅާފައިވާއިރު، ނިމުނު މަައްސަލަތައް 55 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯޓުން އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން، މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު 64 މައްސަލައިގެ އިތުރު އަދަދެކެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު 7،242 މައްސަލަ ތާވަލު ކުރެވިފާއިވާއިރު، މިއީ 2022 ވަނަ އަހަރު ތާވަލުކުރެވުނު މައްސަލަތަކުގެ އަދަދާ އަޅާބަލާއިރު 5،515 މައްސަލަ ނުވަތަ 43 އިންސައްތަ މަދު އަދަދެކެވެ. އެގޮތުން، 2022 ވަނަ އަހަރު 12،757 މައްސަލަ އެ ކޯޓުން ތާވަލުކުރިއެވެ.

ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު ވެސް ފާއިތުވި އަހަރަށްވުރެ އިތުރެވެ. އެގޮތުން 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން 701 މައްސަލަ ނިންމާފައިވާއިރު، މިދިޔަ އަހަރު ނިމިފައިވަނީ 497 މައްސަލައެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 54 އިންސައްތަ މަދު އަދަދެކެވެ.

ކްރިމިނިލް ކޯޓުން ބުނިގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވި ނަމަވެސް ކޯޓުން ނިންމި މައްސަލައިގެ އަދަދު ދަށްވެފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކޯޓު ހިންގާ އިމާރާތުގެ އެއްބައި ބޭނުން ނުކުރަން ކަމާ ގުޅޭ އިދާރާތަކުން އެންގުމުންނެވެ.

އެގޮތުން، ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި، ގޭގައި މަސައްކަތް ކުރުމާއި, ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް