މާލޭ ސިޓީ ކައުންސިލްގެ ދަށުން ހިންގަމުން އައި ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރަން މިއަދު އެ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 130 ވަނަ ޖަލްސާއަށް އޮތީ މަޝްރޫއުތަކާ ގުޅޭ ގޮތުން ހުރި ބައެއް ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.
ކައުންސިލުން ހިންގި މަޝްރޫއުތަކާ ހަވާލުވެގެން އޭރު ހުންނެވި މިހާރު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް، މުހައްމަދު ޝާހިދު ވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބައެއް މަޝްރޫއުތައް އަވަސްކުރަން ކަމާ ގުޅުންހުރި މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވައިފައެވެ.
"ކޮންމެ ޕްރޮޖެކްޓުތަކަކީ ވެސް ވެލުއޭޝަން ހަދާނަމަ، 100 މިލިއަން ރުފިޔާއިން މައްޗަށް އަރާ ޕްރޮޖެކްޓުތަކެއް. ކައުންސިލުން ޚަރަދު ނުކުރި ކަމުގައި ވީނަމަވެސް މި ވަރު ޕްރޮޖެކްޓްތަކެއް ހިންގާއިރު މީގެ ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ބަލަން ޖެހޭނެ،" މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހުށަހެޅުއްވި ސަބަބު ތަފުސީލު ކޮށްދެއްވަމުން ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މަޝްރޫއުތަކަށް ހަދާފައި ހުރި އެއްބަސްވުންތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.
"މި ޕްރޮޖެކްޓްތަކަށް މި ވަގުތު ކައުންސިލުން އެއްބަސްވެފައި ހުރި ޓާމްސްތަކަށް އެއްވެސް ބަދަލެއް ނުގެނެސް މި ޕްރޮޖެކްޓުތައް އަވަސްކުރުމަށްޓަކައި މިކަމާ ގުޅޭ ވުޒާރާއަށް ކޮންޓްރެކްޓުތައް ވަގުތީ ގޮތުން މެނޭޖުކުރުމަށް ހަވާލުކުރުމަށް،" ޝާހިދު ވިދާޅުވިއެވެ.
"މެކްސިމަމް ހަ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓު ހަވާލުކުރެވިފައި ހުރި ފަރާތްތަކަށް މަސައްކަތް ނުކުރެވޭ ކަމަށް ވަނީނަމަ، އެ ޕްރޮޖެކްޓުތައް އަނބުރާ ކައުންސިލަށް. އޭރުން ކައުންސިލުން އިތުރު ބަދަލެއް ގެންނަން ބޭނުންނަމަ، އެ ފުރުސަތު ކައުންސިލަށް ލިބިގެންދާނެ،"
އެ ހުށަހެޅުން އޮތް ގޮތަށް ފާސްކުރަން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަނީ ހުށަހަޅުއްވައިފައެވެ. ސަރުކާރަށް މެޖޯރިޓީ އޮތް ކައުންސިލުން ވަނީ އެ ހުށަހެޅުން އޮތް ގޮތަށް ފާސްކޮށްފައެވެ. ބައްދަލުވުމުގައި ބައިވެރިވި 11 ކައުންސިލަރުންގެ ތެރެއިން 10 ކައުންސިލަރުން ވަނީ އެ ކަމަށް ތާއީދުކުރައްވައިފައެވެ. އެއް ކައުންސިލަރު ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.
އެހެންވެ، މަޝްރޫއުތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ވަނީ ފާސްކޮށްފައެވެ. އެ ކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިހާރު ވަނީ އަންގައިފައެވެ.
އެކަމަކު، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް ތަފުސީލެއް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު، އެމްޑީޕީގެ އާދަމް އާޒިމް ވަނީ މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން އިދިކޮޅުން ކާމިޔާބުކުރިއިރު، އާޒިމް ހުވާ ކުރެއްވުން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.