އިއްޔެ ނޫސްތަކުން ފެނުނު އެއް ޚަބަރަކީ ޕާކުކުރާނެ ޖާގަ ހެދެންދެން، ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި އިސްޓިކާ ޖެހުން ވަގުތީގޮތުން ހުއްޓައިލި ޚަބަރެވެ. ސަރުކާރުގެ ނިއަތަކީ މިކަމުގެ ސަބަބުން މީހުންނަށް ލުޔެއް ދިނުން ކަމަށް ވިޔަސް، މަގުމަތީގެ އަދަބުތަކަށް ސުމެއް ވެސް ނުލިބޭވަރަށް މީހުންގެ ޢަމަލުތައް ނުބައިވެފައިވާ މި ދަނޑުވަޅުގައި، އެއީ އެންމެ ރަނގަޅު އިޢުލާނެއްތޯ ސުވާލުކޮށްލަންޖެހެއެވެ.
އިސްޓިކާ ޖެހުން މެދުކަނޑައިލުމާ ބެހޭ ސިޔާސަތާމެދު ޢާއްމުންގެ ޚިޔާލުހުރިގޮތް ބަލައިލީމެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޢާއްމުކޮށް އިޢުލާނުކުރުމަކާނުލައި އެކަން ކުރިނަމަ މާބޮޑަށް ރަނގަޅުވީހެވެ.
"މިހާރު އެ ހެދި އެއްޗަކުން ކަންތައް މިވީ އިތުރަށް ގޯސް. އެމީހަކާ އެމީހެއް. ގޮތެއްފޮތެއްނެތް. ޖެހުނު ތަނެއްގައި ބަހައްޓަނީ. ކުރިން ވެސް ބޭނުންގޮތަކަށް ޕާކުކޮށްފައި އުޅުނު ބަޔަކަށް ލުޔެއް ލިބުނީމަ ދެން ވާނެ ގޮތް ވިސްނާ،" މިއީ އެކެއްގެ ޚިޔާލު ހުރިގޮތެވެ.
އަނެކަކު ބުނި ގޮތުގައި، "ޕާކިން ޒޯނު ހަދާފައި ހުރި ތަންތަނުގައި ރީތިކޮށް ޒޯނުގައި ބަހައްޓާފައި ގޮއްސަ ދެން އަންނައިރު ސައިކަލު ނެރޭވެނެ ގޮތެއް ނޯވޭ. އެހާ ޓައިޓުކޮށް ފަހުން އަންނަ އެއްޗެތި ޖަހާފަ އެބަހުރޭ. ޒޯނެއް އެހެންތަނެއް ނުބަލާ މިހާރަކު. ބައެއް ފަހަރަށް އެ ހުންނަނީ ރަނގަޅަށް ޒޯނުގައި ބަހައްޓާ ސައިކަލު ޒޯނުން ބޭރުކޮށް އެހެން އެއްޗެތި އެތަނަށް ޖަހާފައި. ދެން ވާނީވެސް އެހެންނޭ. ސިޔާސަތު މި އޮންނަނީ އެ ފަހަރަކު ހިތަށް އެރިގޮތަކަށް. ފުރުސަތު ލިބުނީމާ ދެން ހެދުނު އެއްޗެއް ހަދާނެތާ،" ހިތްހަމަ ނުޖެހުނަސް ހިނިއައިސްފައި ހުރެގެން އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
މީހުންގެ ނުބައިކަމާއި ސަރުކާރުތަކުގެ އިހުމާލުގެ ސަބަބުން މާލޭ ސަރަޙައްދުގައި އިންތިހާއަށް ގޯސްވެފައިވާ ޕާކިންގެ މައްސަލަ އިތުރަށް ގޯސްވެގެން ދިއުމުގައި ސަރުކާރުން އެކުރި އިޢުލާނު ބޮޑު ދައުރެއް އަދާކުރާކަމަށް ދެކޭ މީހުން ގިނައެވެ.
"ހިޔާ ފުލެޓު ގްރައުންޑްގައި ސައިކަލު ޕާކު ކުރީ ރޭގައި. ހެނދުނު ސައިކަލު ނެރެން ދިޔައިރު ކަމަކުދާކަށްނެތް. ޒޯނުން ބޭރުގަ ސައިކަލުތައް ޕާކުކޮށް ފުރާފަ އޮތީ. ކުރިން ވެސް ހުރޭ އެގޮތަށް ޕާކުކޮށްފައި. އެކަމަކު އެހައިވަރެއްނޫން. ކުރިންވިއްޔާ ފުލުހުން ވަދެ އެހެން ހުންނަ އެއްޗެތީގައި އިސްޓިކާ ޖަހާތީކަންނޭނގެ މަދުން ހުންނާނީ ޒޯނުން ބޭރުގައި. މިހާރު މިވީގޮތުން ގަވާއިދަށް އުޅޭ މީހުންނަށް ހުރިހާ ދުއްތުރާލެއް މި ޖެހެނީ. އަދި ކޮބާ ކާރު ދުއްވާމީހުން؟ އެއީ މާމަތީގަ އުޅޭ ބައެއް. މަގު މެދަށްވާހެން ބާއްވާފަ ކާރުން ފައިބައިގެން ހިނގައިވެސްދާނެ،" އެހެން މީހަކު ބުންޏެވެ.
އެކެޑައިމިކް ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑުކުރުމުގެ ނިޔަތުގައިވިޔަސް، އަޅާ ކޮންމެ ފިޔަވަޅަކާ ބެހޭ ހުރިހާކަމެއް ކޮންމެހެން ރައްޔިތުންނަށް ހާމަކުރާކަށް ނުޖެހޭނެއެވެ.
"އޭގައި ބަލަންޖެހޭނީ މަޞްލަޙަތު ބޮޑީ ކޮންގޮތެއްގައިތޯ. ހާމަކުރުމުން ލިބޭ ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑިއްޔާ ހާމަނުކުރުން ރަނގަޅީ. މިހާރު ތި ދިމާވި ކަންތަކުގައި، ސްޓިކާ ޖެހުން މެދުކަނޑައިލިކަން އިޢުލާނުކޮށްލީމަ މައްސަލަ ގޯސްވިތަން މި ފެންނަނީ. އަސްލު ރާއްޖޭގެ މީހުންގެ ބިހޭވިއާ، ޚާއްޞަކޮށް ޓްރެފިކް ކަންކަމުގައި މި ހުންނަނީ ވަރަށް ނޭދެވޭ ގޮތަކަށް. އެންމެންނަށް ވެސް އެކަން އެބަ އެނގޭ. ދެން މިހެން ބުންޏަސް ސަރުކާރުން ވެސް ވިސްނާފައި ކަންނޭނގެ އެކަހަލަ ކަމެއް ކުރާނީ ދެއްތޯ؟" އެ ބޭފުޅާގެ ޚިޔާލު ފާޅުކުރިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން މި އައި ސަރުކާރުތަކުގައި ސިޔާސީ ބޭނުމަށްޓަކައި، އެންމެ އަވަހަށް ކުޅެލާ އެކައްޗަކީ ވެހިކަލާބެހޭ ސިޔާސަތުތަކެވެ.
އިސްޓިކާ ޖެހުން މެދުކަނޑައިލައިގެން ނުވަތަ ޓްރެފިކް ޤަވާޢިދާ ޚިލާފުވުމުގެ ޖޫރިމަނާ މަޢާފުކުރުންފަދަ ގޮތް ގޮތަށެވެ. ދިރާސީ ނަޒަރަކުން ބަލާއިރު، ވަގުތީ ބޭނުމަކަށްޓަކައި އެ ސިޔާސަތުތައް ކުޅޭކުޅޭ އެއްޗަކަށް ހެދުމުން، ކޮންމެ ވެސް ބަޔަކަށް ލިބޭ ކުޑަ މަންފާއަކަށްވުރެ ރައްޔިތުންނަށް ޖެހޭ ތަކުލީފު މާ ބޮޑެވެ.