އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުން އަލްކަރާޒް ޖާގަ ހޯދައިފި

އަލްކަރާޒް ބޭނުންވަނީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން -- ފޮޓޯ/ އޭޓީޕީ ޓުއާ

އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުން އަލްކަރާޒް ޖާގަ ހޯދީ ފުރަތަމަ ބުރުގައި ފަރަންސޭސިވިލާތުގެ ރިޗަޑް ގަސްކުއޭއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މެލްބަން ޕާކްގައި ކުޅުނު މި މެޗުގެ ސެޓުތައް އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ 7-6، 6-1 އަދި 6-2 އިންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ބައިވެރި ނުވެވުނު އަލްކަރާޒް ދެވަނަ ބުރުގައި ބައްދަލުކުރާނީ އިޓަލީވިލާތުގެ ލޮރެންޒޯ ސޮނޭގޯއާއެވެ. ސޮނޭގޯ ދެވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި އިނގިރޭސިވިލާތުގެ ޑޭން އިވާންސް ބަލިކޮށްގެންނެވެ.

މުބާރާތުގައި އަށްވަނައަށް ސީޑު ކުރެވިފައިވާ ފިރިހެން ކުޅުންތެރިޔާ ޑެންމާކްގެ ހޮލްގާ ރޫންއާއި ޖަޕާންގެ ޔޮޝިހީޓޯ ނިޝިއޯކާ ބައްދަލުކުރި މެޗު ތިން ސެޓު އެެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ރޫންއެވެ.

މެޗުގެ ސެޓުތައް ރޫން ކާމިޔާބު ކޮށްފައިވަނީ 6-2، 4-6، 7-6 އަދި 6-4 އިންނެވެ. އެގާރަވަނައަށް ސީޑް ކުރެވިފައިވާ ފިރިހެން ކުޅުންތެރިޔާ ނޯވޭގެ ކެސްޕާ ރޫޑާއި ސްޕެއިންގެ އަލްބާޓް ވިނޮލާސް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ރޫޑްއެވެ.

މި މެޗުގެ ސެޓްތައް ރޫޑް ކާމިޔާބު ކޮށްފައިވަނީ 6-1، 6-3 އަދި 6-1 އިންނެވެ.

ރޭގެ މެޗުތަކަށް ބަލާލާއިރު އެންމެ ފާހަގަ ވެގެންދިޔަ އެއް މެޗަކަކަށް ވެގެންދިޔައީ ދުނިޔޭގައި 139 ވަނައަށް ރޭންކް ކުރެވިފައިވާ އިންޑިއާގެ ސުމިތު ނަގާލްއާއި މި މުބާރާތުގައި 31 ވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލެގްޒެންޑާ ބުބްލިކް ބައްދަލުކުރި މެޗެވެ.

މި މެޗު ސީދާ ތިން ސެޓުން ކަމިޔާބު ކޮށްފައިވަނީ ނަގާލެވެ. މިއާ އެކު އޭނާ ވެފައިވަނީ 1989 ވަނަ އަހަރަށް ފަހު ގްރޭން ސްލޭމް މުބާރާތެއްގައި ސީޑު ކުރެވިފައިވާ ކުޅުންތެރިއެއް ބަލިކުރި ފުރަތަމަ އިންޑިއާ ކުޅުންތެރިޔާއަށެވެ. މި ނަތީޖާ ވެފައިވަނީ މި ފަހަރުގެ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާއެއްގެ ގޮތުގައެވެ.

comment ކޮމެންޓް