ކޯޓެޑިއުއާގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މާލީން ދެކުނު އެފްރިކާގެ މައްޗަށް ކުރި ހޯދައިފިއެވެ.
ކޯހޯގޯގެ އަމަޑޫ ގޮން ކޯލީބާލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މާލީން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިނުކަން ފާހަގަ ކޮށްލެވެއެވެ. މީގެ ތެރެއިން ވެސް މެޗުގެ 19 ވަނަ މިނެޓުގައި ދެކުނު އެފްރިކާއަށް ލިބުނު ޕެނަލްޓީ ފާހަގަ ކޮށްލެވުނެވެ. ނަމަވެސް ޕާސީ ޓައު ފޮނުވައިލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގައި މާލީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަމާރީ ޓްރައޯރޭއެވެ. އަދި، އޭގެ ހަ މިނެޓް ފަހުން މާލީދެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ ލަސީނޭ ސިނަޔޯކޯއެވެ.

ނެމީބިއާގެ ތަރީޚީ ލަނޑު ޓިއުނީޝިއާ ކޮޅަށް ހޯޓޯ ވައްދާލަނީ -- ފޮޓޯ/ ބީބީސީ
މި ކާމީޔާބީއާ އެކު މާލީން އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ޓިއުނީޝިއާއާއި ނެމީބިއާ ބައްދަލުކުރި މެޗު ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ކަމިޔާބު ކޮށްފައިވަނީ ނެމީބިއާއެވެ. ފީފާ ރޭންކިންގެ 28 ވަނައިގައި އޮތް ޓިއުނީޝިއާގެ މައްޗަށް 115 އަށް ރޭންކް ކުރެވިފައިވާ ނެމީބިއާއިން ކާމިޔާބު ހޯދީ 1-0 އިންނެވެ.
މިއީ އެފްކޮންގެ ތާރީޚުގައި ނެމީބިއާއަށް މިހާތަނަށް މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. މި ތާރީޚީ ކާމިޔާބީގައި ނެމީބިއާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 88 ވަަނަ މިނެޓުގައި ޖަހައިދިނީ ޑިއޮން ހޯޓޯއެވެ.
މި ކާމިޔާބީއާ އެކު ނެމީބިއާއަށް މިހާރު ވަނީ މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު ތަނަވަސް ވެގެން ގޮސްފައެވެ.