ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ތެޔޮ ޕަންޕު ނަގައިގެން އެ ދިމާލުން ބައެއް ހިއްކައިގެން އެ ތަނުގައި އާ ޕަންޕު ސްޓޭޝަނެއް ހެދުމަށް އެމްޓީސީސީއާއި ސްޓެލްކޯއާ ދެމެދު މިއަދު ފަހުމުނާއެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
ފަހުމުނާގައި ސޮއިކުރެއްވުމަށް ފަހު ވާހަކައްކަވަމުން ފަހުމީ ވިދާޅުވީ، ޕަންޕު ސްޓޭޝަން ބަދަލުކުރުމަށް ޚަރަދު ކުރާނީ އެ ކުންފުނީގެ ބަޖެޓުން ކަމަށެވެ. އެގޮތުން މި މަޝްރޫއަށް 7.1 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ އެ ކުންފުނިން މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރާނީ މިހާރު ދެމުންދާ ޚިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ދުރައިލާ ޕްލޭންތަކެއް ރާވައިގެން،" ފަހުމީ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕު ސްޓޭޝަން މަގުން ނަގައި، އެހެން ތަނަކަށް ބަދަލުކުރަން އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް
މި މަސައްކަތުގެ މަގުސަދަކީ ބޮޑުތަކުރުފާނު މަގުން ދަތުރުކުރަމުންދާ ފަރާތްތަކަށް ލިބެމުންދާ ދަތިތަކަށް ހައްލެއް ހޯދައިދެއްވުމަށް ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، މި މަސައްކަތުގެ ޑިޒައިން ފައިނަލައިޒް ކުރައްވާނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ މަޝްވަރާ ކުރެއްވުމަށް ފަހު، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.
މަޝްވަރާއަށް ފަހު ހުއްދަ ލިބޭތާ ދެ މަސް ދުވަސް ތެރޭ މަސައްކަތް ނިންމޭނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
"އީޕީއޭއާއި މަޝްވަރާ ކުރެއްވުމަށް ފަހު އެ ފަރާތުގެ އެއްވެސް ކޮންސާންއެއް ނެތްނަމަ ދެ މަސް ތެރޭ މަސައްކަތް ނިންމައިލެވޭނެ،" ޒިޔާދު ފާހަގަކުރެއްވިއެވެ.
އާ ޕަންޕު ސްޓޭޝަން އެޅުމަށް ފަޅުން ހިއްކާ ބިމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަގުތައް ބަންދުވާ ގޮތަށް އަދި ޓްރެފިކަށް އުނދަގޫވާ ގޮތަށް ހުރި ސްޓެލްކޯގެ ފޯމަރުތަކާއި އެ ނޫން ވެސް ތަކެތި ނެގުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން، ދޮންއަދަރާދަ މަގުގައި ހުރި އިންޖީނުތައް ވެސް އެހެން ތަނަކަށް ބަދަލުކޮށް، އެ މަގު އާންމުންނަށް ހުޅުވައިލުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.