ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިއްޖެ

ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް: ރާއްޖޭގައި ހެޕިޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ވަނީ ބަލައިގެންފައި ---

ރާއްޖޭގައި، ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބަލައިގެންފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

ހެޕަޓައިޓިސް ބީ ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ބަލައިގެންފައިވާއިރު، ހެޕަޓައިޓިސް ބީ ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން ވަނީ މަސައްކަތް ކޮށްފައެވެ.

ހެޕަޓައިޓިސް ބީ ފެތުރޭ މިންވަރު ދެނެގަންނަން ރާއްޖޭގައި ހެދި ސާވޭގެ ނަތީޖާއަށް ބަލާއިރު، އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ސްކޫލު ކުދިންގެ ގައިން ބަލި ފެނިފައިނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ހެޕަޓައިޓިސް ބީއަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ.

އެ ބައްޔަކީ ފުރަތަމަ ދުވަސްކޮޅު ފެންނަ އަލާމާތްތަކުގެ އިތުރުން، ގިނަ ދުވަސްތަކަކަށް ދެމިގެންދާ އަދި އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށް މަގުފަހިކޮށްދޭ ވެސް ބައްޔެކެވެ. އެގޮތުން ހެޕަޓައިޓިސް ޖެހި ގިނަ ދުވަސްވުމުން ފުރަމެޔަށް ކެންސަރު ޖެހޭގޮތް ވެއެވެ.

މި ބަލި ޖެހޭކަށް ވަކި އުމުރުފުރައެއްނެތެވެ. މަންމަގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް ވެސް ޖެހިދާނެއެވެ. ނޫނީ ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށް ފަހުގައި ވެސް މި ބަލި ޖެހެއެވެ.

މިއީ ހެޕަޓައިޓިސް ވައިރަސްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއްބާވަތުގެ ވައިރަހެވެ. ދުނިޔޭގައި ގާތްގަނޑަކަށް 220 މިލިޔަން މީހުން ވަނީ މި ބަލީގެ ޝިކާރައަކަށް ވެފައެވެ.

comment ކޮމެންޓް