ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ފައިފަލަ ބައްޔަށް ޓެސްޓުކުރުމުގެ ބޮޑު ހަރަކާތެއް މިމަހުގެ ކުރީކޮޅު ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއުލާނު ކުރި ނަމަވެސް، އެ ހަރަކާތް ފެށޭނެ ދުވަހެއް ނޭނގޭކަމަށް އެ އެޖެންސީން މިއަދު ބުނެފިއެވެ.
ފައިލޭރިއާއަށް މީހުން ޓެސްޓުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާ އެކަން އެޗްޕީއޭއިން އިއުލާނު ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭރު ހެލްތް މިނިސްޓްރީން ބުނީ މިމަހުގެ ދެވަނަ ހަފުތާއަށް އެ ޕްރޮގްރާމް ލަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް، މިއަދު "ސަން"އިން މިކަމާ ގުޅިގެން ސުވާލު ކުރުމުން އެޗްޕީއޭއިން ބުނީ، އެ ޕްރޮގްރާމް ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ.
މި ޕްރޮގްރާމާ ގުޅިގެން އެޗްޕީއޭއިން ކުރިން ބުނީ، އެންމެ ފުރަތަމަ ސާމްޕަލްތައް ނަގަން ފަށާނީ މާލެއާއި ހުޅުމާލޭގައި ކަމަށެވެ. އެއަށްފަހު ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި ވެސް ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ޓެސްޓުކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށެވެ. އެއީ، މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނަށް ވާތީ ކަމަށް އެ އިދާރާއިން އޭރު ބުންޏެވެ.
އެޗްޕީއޭއިން އޭރު ބުނީ، އެ ސްކްރީނިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ވެސް އޮންނާނެކަމަށެވެ. އަދި، ވީހާވެސް ގިނަ މީހުން ޓެސްޓުކޮށް، މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީންނެވެ. އެއީ އެ ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.