ޖިނާއީ ކުށަކަށް ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލަން ނިންމާ ޝަރިއަތްތަކުގެ އަޑުއެހުމުގައި ޝަރުތުތަކާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުުރުސަތު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބެން ޖެހޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ، މައްސަލައްގެ ވަށައިގެން ހުންނަ ކަންކަމާއި، ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިޢާޔަތްކޮށް، ފުލުހުންގެ ފަރާތުން ވަކި ހާއްސަ ޝަރުތެއް ހިމެނުމަށް އެދޭނަމަ، އެ ކަންކަން ހިމެނުމަށް އެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޤާނޫނުން ފުލުހުންނަށް ލިބޭންޖެހޭނެއެވެ.
މިހާރު ވެސް ބައެއް ކޯޓުތަކުން އެ ފުރުސަތު ދެއްވި ނަމަވެސް، ބައެއް ކޯޓުތަކުގައި އެ ފުރުސަތު ފުލުހުންނަށް ނުލިބޭ ކަމުގެ ޝަކުވާ އެ އޮފީހަށް ލިބޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ޤާނޫނުން ލިބޭ ފުރުޞަތު، ހުރިހާ ކޯޓެއްގައި އެއްގޮތަކަށް، ފުލުހުންނަށް ލިބުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އޮފީހުން ދެކެއެވެ.
އެއީ، އެކި ކުށުގެ ތުހުމަތުގައި ހުރެފައި ދޫވާ މީހުންނަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށް ކަށަވަރު ކުރެވޭނެތީއެވެ. އަދި، ޖިނާއީ މައްސަލައެއްިގައި ބަންދުކޮށްފައި ހުރި މީހަކު، ވަކި ކަންކަމަށް ބަލައި، ޝަރުޠުކޮށްފައި ބަންދުން ދޫކުރެވިދާނެއެވެ.
އެގޮތުން ބަލައި ކަންކަމުގެ ތެރޭގައި، ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަޙުޤީޤު މަރުޙަލާގައި ޤާނޫނު ތަންފީޛުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައް ވެސް ޤަބޫލުކުރާކަމަށް ބަންދުގައި ހުންނަ މީހާ އިޤްރާރުވެ ސޮއިކުރުމުންނެވެ.