އިންޑިއާ ސިފައިން ފޮނުވާލަނީ ޗައިނާއިން އެދިގެނެއް ނޫން: ޗައިނާ

ރައީސް ޑރ. މުޙައްމަަދު މުއިއްޒު ޗައިނާގައި، އެ ގައުމުގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ތެރެއިން: އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލަނީ ޗައިނާއިން އެދިގެން ނޫން ކަމަށް ޗައިނާއިން ވަނީ ބުނެފައި -- ފޮޓޯ/ ޒިންހުއާ

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން މާޗު 15ގެ ކުރިން މި ގައުމުން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރުގައި އެދިވަޑައިގަތީ ޗައިނާގެ އެދުމުގެ މަތިން ނޫންކަމަށް ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕަގަންޑާ ޑިޕާޓްމެންޓުން ހިންގާ ޗައިނާ ޑެއިލީން ބުނެފިއެވެ.

އެ ނޫހުގައި އިއްޔެ ލިޔެފައިވާ އެޑްވަޓޯރިއަލްްއެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ފަހު އިންޑިއާ ސަރުކާރުގައި އެ ގައުމުގެ ސިފައިން ވަކި މުއްދަތެއްގެ ކުރިން ބާލަން އެދުމުން އެއީ ޗައިނާގެ އެދުމުގެ މަތިން ނިންމި ނިންމުމެއްކަމަށް އިންޑިއާއިން ސިފަކުރި ކަމަށެވެ.

ރާއްޖޭގައި ތިބީ 88 އިންޑިއާ ސިފައިން ކަމަށާއި އެއީ ރާއްޖެއަށް ނުރައްކާވާނެ އަދަދެއް ނޫންކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީން ބުނެފައިވާ ކަމަށާއި ރާއްޖެއިން އެ ސިފައިން ބާލަނީ ރާއްޖޭގައި ޗައިނާ ސިފައިން ގާއިމުކުރަން ކަމަށް ވެސް އެންޑީޓީވީން ބުނެފައިވާ ކަމަށް ޗައިނާ ޑެއިލީގައި ރިޕޯޓުކޮށްފައިވެއެވެ.

މި ވާހަކަތަކަށް ރައްދުދީ ޗައިނާ ޑެއިލީގައި ލިޔެފައި ވަނީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެޑައިގަތީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަމަށް ހުވާކުރެއްވުމަށް ފަހު ކަމަށެވެ.

https://sun.mv/187382

މީގެ އިތުރުން، ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑިއާގެ ލަކްޝަދީޕް ޕްރޮމޯޓުކުރުމަށް ކުރި ޕޯސްޓަކީ، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއައުން ހުއްޓުވަން ކުރި ޕޯސްޓެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އެ ދަނޑިވަޅުގައި އިންޑިއާ ސިފައިން ބާލަން ރާއްޖެއިން އެދުމުން ދޭހަވަނީ، ސަރުކާރުގެ ނިންމުމުގެ ސަބަބުން އިންޑިއާ ފަތުރުވެރިން މަދުވެދާނެކަމަށް ރާއްޖެއިން ފަރުވާލެއް ނުބަހައްޓާކަން ކަމަށާއި ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާތައް ކުރެވުނު ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

ޗައިނާ ޑެއިލީގައި ވަނީ، ރާއްޖެއިން ކާޑުގެ ބާވަތްތަކަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުމަކީ އިންޑިއާއިން ގެންގުޅޭ ރާއްޖޭގެ މައްޗަށް ބާރުވެރިވުމުގެ ވިސްނުމަށް ބާރުދޭ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ރައްޖޭގެ މިފަދަ ބޭނުންތައް އިންޑިއާއަށް ބަރޯސާ ނުވެ ފުއްދުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި ރައީސްގެ ޗައިނާ ދަތުރުފުޅަށް ފަހު ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވެފައިވާ ކަމަށް ޗައިނާ ޑެއިލީގައި ރިޕޯޓުކޮށްފައި ވެއެވެ.

comment ކޮމެންޓް