އޮޅުވާލައިގެން ހަނގުރާމައަށް: ނުރައްކަލުން ސަލާމަތަށް ކުރަނީ އުނދަގޫ ދަތުރެއް!

ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދައްކުވައިދޭ ފޮޓޯއެއް --

މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ މީހެއްގެ ވިސްނުމާއި އަގީދާއާ ގުޅިފައިވާ ނުރައްކާތެރި ކަމެކެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން، އެހެން ގައުމެއްގައި ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑަައަޅައިފައިވާ އެއްވެސް ސަރަހައްދަކަށް ގޮސް އެ ތަނެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެކެވެ. އެއީ, އެ މީހަކާ މެދު ޓެރަރިޒަމް ގާނޫނުގެ ދަށުން ޖިނާއީ ތަހުގީގެއް ހިންގައި، ގާނޫނީ އަދަބު ތަންފީޒުކުރެވޭނެ ކަމެކެވެ.

މި ހަރުކަށި އިބާރާތް އެންމެނަށް އެނގެއެވެ. އެކަމަކު، އެއީ މާ ބޮޑު ކަމެއް ކަމަށް ނުބަލައި، އެ ފަދަ ހަނގުރާމައަކަށް ދާން ފަސްނުޖެހޭ މީހުން ރާއްޖޭގައި އެބަތިއްބެވެ. މިއީ ނުރައްކާތެރި ކަމެކެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުން، ރާއްޖެއިން ބޭރުވެ، އެ ފަދަ ސަރަހައްދުތަކަށް ދާ ދިއުމުން އެ ކަން ހާމަވެއެވެ.

އެ މީހުން ރާއްޖެ ދޫކުރަނީ، އެ ކަމުގެ ނުރައްކަލާއި، ފަހުން އުޅެން ޖެހޭނެ ހާލު ފަހަރުގައި އެންމެ ރަނގަޅަށް ނުވިސްނިކަމަށް ވެދާނެއެވެ. ނަމަވެސް އެ ނުރައްކަލާއި، ކުރިމަތިވާނެ ދަތީގެ ވާހަކަ ބުނެދީ އޮއްވައި ދިއުމަކީ، ސަރުކާރާއި، ރައްޔިތުން އުފުލަންޖެހޭ ޒިންމާއެއް ހެއްޔެވެ؟ މިއީ ދަތި، އުނދަގޫ ކަމެކެވެ.

ހަނގުރާމައަށް ގެންދަނީ ކިހިނެއް؟

ހަނގުރާމަ މަތީ ސަރަހައްދަކަށް ފޮނުވުމަށް، ވިސްނައިދިނުމަށް އެންމެ އާންމުކޮށް ދައްކާ އެއް ވާހަކައަކީ ރާއްޖޭގެ ވެރިކަމަކީ އިސްލާމީ ވެރިކަމެއް ނޫންކަމަށް ބުނެ ދައްކާ ވަހަކައެވެ. އަދި, މި ދިވެހި ބިމަކީ 'ކުފުރުގެ ބިމެއް' ކަމަށް ބުނެ ވިސްނައިދޭ ވިސްނައިދިނުމެވެ. މި ފަދަ ހަރުކަށި ވިސްނުންތަކުގެ ތެރެއިން ގިނަ ބައެއްގެ ވިސްނުމާ ކުޅެ، އެ މީހުން އެކި ތަންތަނަށް ފުރުވައިލުމަކީ އެންމެ އާންމު އެއް އުކުޅެވެ.

ދިވެހީން ހަނގުރާމައަށް ދާ ބައެއް ސަބަބުތައް ހާމަކޮށް، 2020ވަަނަ އަހަރު، ޔޫރޮޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީޒްއިން ނެރެފައިވާ، ރިޕޯޓެއްގައި ވާގޮތުން، ގުދުރަތީ ކާރިސާތަކާއި އަގީދާއާ ގުޅުވައި ވެސް ހަރުކަށި ވިސްނުން ފަތުރައިގެން ވިސްނުން ބަދަލުކުރަން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

ހަނގުރާމަވެރި ސަރަހައްދެއްގައި ހުރި ރެފިއުޖީ ކޭމްޕެއް --

އެ ރިޕޯޓުގައިވާ ގޮތުން، މީގެ 19 އަހަރު ކުރިން އެރި ސުނާމީގެ ވާހަކަ ވެސް އެ ފަދަ މީހުން ބޭނުންކޮށްފައިވަނީ ހަރުކަށި މޭރުމަކުންނެވެ. އެ ކާރިސާއަކީ ވަރުގަދަ ކޯފާއެއްކަމާއި، އެއީ ދީނަށް ތަބާނުވާތީ ކުރިމަތިވާ ކަންކަން ކަމަށް ވިސްނައިދީ، މި ބިމަކީ ރައްކާތެރި ތަނެއް ނޫންކަން އަންގައިދޭ ނިޝާނެއްކަމަށް ބުނެ ހަރުކަށި ވިސްނުންތައް ފަތުރައިފައިވާ ކަމަށްވެއެވެ.

މީގެ އިތުރުން, ޒުވާން އާބާދީގެ 32 ޕަސެންޓަށް އިގުތިޞާދީ ގޮތުން ހުރި ފުރުސަތުތައް މަދުވުމުގެ ސަބަބުން، ދަތި ހާލުގައި އުޅެންޖެހުމަކީ ވެސް ގިނަ ފަހަރު އެ ފަދަ ޒުވާނުންނަށް ހުށަހެޅޭ ކަންކަން ގަބޫލުކުރަން މަގުފަހިވާ ސަބަބެއްކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

މިފަދަ ވިސްނުންތައް ވިސްނައިދިނުމުގެ އިތުރުން ވެސް، އޮޅުވައިލައިގެން، އެ މީހަކާ އެއްކޮށް، އެ މީހެއްގެ ބާރު ފޯރާ އެންމެން ގޮވައިގެން ދިއުމަކީ ވެސް ރާއްޖޭގައި ހިނގާ ކަމެކެވެ. ބޭސް ފަރުވާއާއި، ޗުއްޓީ ހޭދަކުރުން ފަދަ އެތައް އޮޅުވައިލުމެއްގެ ތެރެއިން މިފަދަ ސަރަހައްދުތަކަށް ދިވެހިން ގެންގޮސް، ނިކަމެތި ހާލުގައި އުޅެން ޖެހިފައި އެބަހުއްޓެވެ.

އަދި، ފިރިމީހާ ހަނގުރާމައަށް ދާއިރު، އޭނާގެ އަންހެނުން ގެންދިއުމާއި، ދަރިން ތިބޭނަމަ ދަރިން ވެސް ގޮވައިގެން އެ ފަދަ ތަންތަނަށް ގޮސްފައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ ހަނގުރާމައަށް ގޮސް ތިބި 90 އަށްވުރެ ގިނަ މީހުން އަންނަން ބޭނުންވެފައި ތިބި ކަމަށް -- ސަން ފޮޓޯ؛ އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

"އެ ތަނަށް މި ދެވުނީކީ ސީދާ އެ ތަނަށް ދާން ގަސްތަކު ނޫން. އެހެންވީމާ، ހާއްސަކޮށް ތުއްތު ކުދިންނާއި އަންހެން ބޭފުޅުން، މި ފަހަރު ގެނެވުނު ބޭފުޅުން އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނީ ވިކްޓިމްސްގެ ގޮތުގައި.. އެ ތަނަށް ދެވުނު ހިސާބުން، މި ދެވެނީ މި ތަނަށްކަން އިހުސާސްވި ހިސާބުން ފެށިގެން ރާއްޖެ އެނބުރި އަންނަން ބޭނުންވެފައި ތިބި މީހުން މީގެ ތެރޭގައި ތިބީ،" ސީރިއާއިން، އިއްޔެ ރާއްޖެ ގެނައި ފަސް އާއިލާގެ 21 މެންބަރެއްގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން, ހަނގުރާމައިގެ ޖައްވަކަށް އުފަންވެފައި ތިބި ކުދިން ވެސް މި ފަދަ އާއިލާތަކުގައި މަދެއް ނޫނެވެ.

މިހާރު ވެސް ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހީންކަމަށް ބެލެވޭ 100 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށް އިހުސާން ވިދާޅުވިއެވެ. އޭގެ ތެރެއިން 90 މީހުންނަކީ ރާއްޖެ އަންނަން ބޭނުންވެ، އެ ކަން އަންގައިފައި ތިބި މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައަށް ދާ މީހުން ގެނައުމަކީ އެންމެ ރަނގަޅު ގޮތްތަ؟

ހުރިހާ ރައްޔިތުންހެން، އުފައްދާނެ އެންމެ ބޮޑު ސުވާލަކީ، ހަނގުރާމައެއްގައި ބައިވެރިވެ، ޓެރަރިޒަމްގެ އެތައް އަމަލެއްގެ ތެރޭ ހުށަހެޅިފައި ތިބި ބަޔަކު، ރާއްޖެ ގެނައުމަކީ އެންމެ ރަނގަޅު ގޮތްބާވައެވެ. އެއީ، އެ މީހުން އެދިގެން، ރުހިގެން ކަމުގައިވީ ނަމަވެސް އެކަމުގެ ސަބަބުން ގައުމަށާއި، ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް ނުރައްކަލަކީ ކިހައި ބޮޑު ކަމެއްތޯ ވެސް ސުވާލު އުފެދެއެެވެ.

ރާއްޖެ އަންނަން އެހީތެރިކަމަށް އެދެނީ ހަނގުރާމައަށް ގޮސް ހާލުގައި ޖެހި، ރެފިއުޖީ ކޭމްޕަކަށް ވަންނަންޖެހޭ ހިސާބުންނެވެ.

ބައެއް އާންމު ރައްޔިތުން ބުނާ ގޮތުގައި މިއީ ފަހަރުގައި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެއެވެ. ސަބަބަކީ އެ މީހުން ފުރަތަމަ ކަމަކަށް ދަނީ އެ މީހުން އަމިއްލައަށް ބޭނުންވެގެންކަމުގައި ވުމުންނެވެ.

"އަސްލު މި ފަދަ މީހުން އަލުން ރާއްޖެ ގެނައުމަކީ އެހާ ބޮޑަށް ތާއީދުކުރެވޭ ކަމެއް ނޫން. އެންމެންނެއް ނޫން، މީގެ ތެރެއިން ގިނަ މީހުންނަކީ ހަމަ އަމިއްލައަށް ބޭނުންވެގެން ދާ މީހުން. ދެން އެހެންވީމާ ފަހު ވަގުތު ހާލުގައި ޖެހުނީމާ އަނބުރާ ގައުމަށް އަންނަން ބޭނުންވަނީ،" އާންމު ރައްޔިތަކު ކިޔައިދިނެވެ.

ސީރިއާގެ ރެފިއުޖީ ކޭމްޕެއް، ގިނައީ އަންހެނުންނާއި ކުޑަކުދިން -- ފޮޓޯ: އޭޕީ

ޔޫރޮޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީޒްގެ ހަމަ އެ ރިޕޯޓުގައިވާ ގޮތުން، މީގެ ހަތަރު އަހަރު ކުރިން އިންޑޮނޭޝިއާ ސަރުކާރުން ވަނީ، އިރާގާއި، ސީރިއާގައި ހިނގަމުން އަންނަ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ 689 މީހުން އަލުން އަނބުރައި ގައުމަަށް ނުގެނައުމަށް ނިންމައިފައެވެ.

"މިއީ އެ ގައުމުގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް ބަލައިގަތް ނިންމުމެއް...،" އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓު ބުނާ ގޮތުން، އިންޑޮނޭޝިއާ ސަރުކާރުން އެ ނިންމުން ނިންމީ، އެ ގައުމުގައި އެ މީހުން ރިހެބިލިޓޭޓްކުރުމުގެ ހަރުދަނާ ނިޒާމަކާއި، އެ ކަމަށް ބޭނުންވާ ވަސީލަތްތަކެއް ގާއިމްކުރެވިފައި ނެތުމުންނެވެ. އެހެންވެ، އެއީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި އެ ފަދަ ވިސްނުންތައް ފެތުރެން މަގުފަހިވެދާނެ ސަބަބެއްގެ ގޮތުގައި ވެސް އެ ކަން ފާހަގަވާތީއެވެ.

މި ކަމުގައި ދިވެހި ސަރުކާރުގެ ނިންމުން ވަރަށް ސާފެވެ. ރާއްޖޭގެ އެއްވެސް ރައްޔިތަކު، ދުނިޔޭގެ އެއްވެސް ތަނެއްގައި ދަތި ހާލުގައި އުޅޭކަށް ދިވެހި ސަރުކާރުން ދޫކޮށެއް ނުލާނެއެވެ. ސަރުކާރަށް އެ ކަން ފާހަގަވެ، އެ ބަޔަކު އަންނަން ބޭނުންވެގެން އެދޭ ހިސާބުން އެ ކަމަށް މަސައްކަތް ކުރާނެއެވެ.

"އަަޅުގަނޑުމެން ގަދަކަމުންނެއް އެއްވެސް ބަޔަކު ނުގެންނާނަން. އެ ބަަޔަކު އަންނަން ބޭނުންވުމުން މި ފަދަ ހާލަތްތަކުގައި ގެންނާނީ. އެހެންނޫންނަމަ ރިހެބިލިޓޭޓްކުރުމަކީ ވެސް އުނދަގޫ ކަމަކަށް ވާނީ ދެއްތޯ،" ހަނގުރާމަ މަތީ ސަރަހައްދުތަކުން ރާއްޖެ ގެންނަ މީހުން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ކުރާ، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު (އެންއާރްސީ)ގެ ޑިރެކްޓަރު ޖެނެރަލް އަންވަރު ނައީމް "ސަން"އަށް ވިދާޅުވިއެވެ.

މިފަދައިން ރާއްޖެ އަންނަން ބޭނުންވި ނަމަވެސް އެކި މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި ހިނގާ މުއްދަތަކީ ދިގު މުއްދަތެކެވެ. މުއާސަލާތުކުރުމުގައި ހުންނަ ދައްޗާއި، ކާކުކަން ދެނެގަތުމަށް ކުރާ މަސައްކަތަށް ހޭދަވާ ވަގުތާ އެކު އަހަރަކަށްވުރެ ގިނަ ދުވަހު ވެސް މަޑުކުރަން ޖެހެއެވެ.

"މިއަދު މި ގެނެވުނު އެންމެންނަކީ ވެސް ގައުމަށް އަންނަން ބޭނުންވެފައި ތިބި މީހުން، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ އިންތިޒާރަކަށް ފަހު އެ މީހުންނަށް އެ އާދެވުނީ،" އިހުސާން އިއްޔެ ވިދާޅުވިއެވެ.

ހަނގުރާމައަކަށް ދާ ދިވެހީން، ރާއްޖެ ގެނައުމަށްފަހު އެ މީހުންގެ އެސެސްމަންޓުތައް 30 ދުވަހުގެ ތެރޭގައި ހަދައި، ގައުމު ދޫކޮށް ފުރި ބޭނުމާއި، ސަބަބު އޮޅުން ފިލުވައެވެ. އެސެސްމަންޓަށްފަހު، ގަސްތުގައި ފުރިކަން ހާމަވަޖެއްނަމަ އެ މީހަކު ޖިނާއީ ތަހުގީގަކަށް ހުށަހަޅައެވެ. އެހެން ނޫންނަމަ އެ ފަދަ މީހުން، ހިންމަފުށީގައި ހުންނަ އެންއާރްސީގެ ރިހެބިލިޓޭޝަން ސެންޓަރަށް ގެންދާނެއެވެ އަދި އެ މީހުންނަށް ޚާއްސަކޮށް ފަރުމާކުރާ ޕްރޮގްރާމްގައި ބައިވެރިކުރުވާނެއެވެ.

އެންއާރްސީގެ އިދާރީ ބަންދެއްގައި ބައިތިއްބައިގެން ހިންގާ މި ޕްރޮގްރާމަކީ ނަފުސާނީ ދުޅަހެޔޮކަމާއި، ވާހަކަދެއްކުމުގެ ހުނަރާއި، ތައުލީމާއި، ދީނީ ކަންކަން ހިމެނޭހެން ހުރިހާ ކަމެއް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. އެ މީހެއްގެ ވިސްނުން ބަދަލުކޮށް، އާންމު މާހައުލަށް ހޭނުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

މި ފަދަ ޕްރޮގްރާމްތައް ފުރިހަމަވާ ހިސާބުން، ހަދައި އެސެސްމަންޓުތަކަށް ބަލައި، އެ މީހަކު މުޖުތަމައަށް ދޫކުރަން ފެންނަ ނަމަ، ފަސް އަހަރަށް މޮނީޓަރުކުރާ ގޮތަށް އެ ބަޔަކު މުޖުތަމައަށް ރީއިންޓަގްރޭޓް ކުރެއެވެ. މިހާރު ވެސް އެ ފަދަ އާއިލާއެއް ރީއިންޓަގްރޭޓްކޮށްފައި އެބަވެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް އެއްވެސް މައްސަލައެއް އެ އާއިލާގެ ފަރާތުން ފާހަގައެއް ނުވެއެވެ.

ކޮންމެ ސަބަބެއްގައި ނަމަވެސް ރާއްޖެ ދޫކޮށް ހަނގުރާމައަށް ދާ ދިވެހީން އެބައުޅެއެވެ. އެ ފަދަ ވިސްނުން ހުރި މީހުން ވެސް މަދެއް ނޫނެވެ. ހުއްޓުވަންވީ އެ މީހުން ރާއްޖެ ދޫކޮށް ދިއުމެވެ. ހަރުކަށި ނިޒާމުތައް ގެނެސް، އެ ފަދަ ވިސްނުން ހުންނަކަމަށް ފާހަގަވާ މީހުން މޮނީޓަރުކުރުމަކީ ކުރަންޖެހޭ ކަމެކެވެ.

ރާއްޖެ ދޫކޮށް ގޮސް، އެ ފަދަ މައިދާނެއްގައި ތާށިވެ، ދަތި ހާލުގައި ޖެހުމުގެ ކުރިން، އެ ފަދަ މީހުން ދެނެގަނެވިއްޖެނަމަ ދައުލަތަށް އުފުލަން އޮންނަ ބުރަ، ދަތި މަގާއި، ދިވެހި މުޖުތަމައަށް އޮންނަ ނުރައްކާ ކުޑަވާނެއެވެ.

comment ކޮމެންޓް