އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ބްރިސްޓޮލް ޖާގަ ހޯދައިފި

ބްރިސްޓޮލްގެ ހަމައެކަނި ލަނޑު ޖަހައިދިނުމަށް ފަހު ކޯންވޭ އުފާފާޅު ކުރަނީ --- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ބްރިސްޓޮލް ސިޓީން މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބްރިސްޓޮލް ސިޓީގެ ދަނޑުގައި ކުޅުނު ތިންވަނަ ބުރުގެ ރީޕްލޭ މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 އިންނެވެ

ދެ ޓީމުގެ މެދުގައި މީގެ ނުވަ ދުވަސް ކުރިން ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.

ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވެފައިވުމުގެ ސަބަބުން މި މެޗުގައި ވެސްޓް ހޭމްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޖެރޮޑް ބޮވެންއާއި ލޫކަސް ޕަކުއެޓާ ނުކުޅެއެވެ. އަދި، މުހައްމަދު ކުޑޫސް ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާ ތަމުސީލު ކުރުމަށްޓަކައި ގޮސްފައެވެ. އެހެންކަމުން މި މެޗުގައި އެ ޓީމުގެ ކުރިއަށް ކުޅޭފައިވަނީ ޑެނީ އިންގްސްއާއި މެކްސްވެލް ކޯނޭ އަދި ސައިދު ބެންރަހްމާއެވެ.

ބްރިސްޓޮލް ސިޓީން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށް އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ ތިންވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިދިން ޓޮމީ ކޯންވޭއެވެ. މި ލަނޑާ އެކު ވެސްޓް ހޭމުން ބްރިސްޓޮލްގެ ޑިފެންސް ފޫއަޅުވާލެވޭތޯ މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް މިކަން މި މެޗުގައި ވާގޮތެއް ނުވިއެވެ.

އެ ޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހީނަރުކަން ލިބިގެންދިޔައީ މެޗުގެ 51 ވަނަ މިނެޓުގައި ބެންރަހްމާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

މި ކާމިޔާބީއާ އެކު މުބާރާތުގެ ހަތަރުވަނަ ބުރުގައި ބްރިސްޓޮލް ސިޓީ ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާއި ބްލެކްޕޫލް ބައްދަލުކުރާ ރީޕްލޭ މެޗުން މޮޅުވާ ޓީމަކާއެވެ.

comment ކޮމެންޓް