ލޯނުގެ ދަށުން ޕެލަސްއިން ފިލިޕްސް ގެންދަނީ

މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް -- ފޮޓޯ/ ގެޓީ

ޖެނުއަރީ ޓްރާންސްފާގައި ލޯނުގެ ދަށުން މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ގެންދިއުމުގެ މަސައްކަތް ކްރިސްޓަލް ޕެލަސްއިން ފަށައިފިއެވެ.

ލޯނުގެ ދަށުން ނިއުކާސަލް ޔުނައިޓެޑާއި ޔުވެންޓަސްއިން ވެސް ފިލިޕްސް ހޯދުމުގެ މަސައްކަތްކުރިއެވެ. ނަމަވެސް އެއިން ކްލަބަކަށް އެ މަސައްކަތްތައް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އުމުރުން 28 އަހަރުގެ ފިލިޕްސް ހޯދުމުގެ މަސައްކަތް ޕެލަސްއިން މިހާރު ކުރަމުންދާ އިރު، ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ގެންދިއުމަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ގަބޫލުކުރެއެވެ. ނަމަވެސް ލޯނުގެ ދަށުން ފިލިޕްސް ހޯދިދާނެކަމުގެ ފުރުސަތު ބޮޑު ކަމަށް ހޮޖްސަން ބުންޏެވެ.

"ފިލިޕްސްއަކީ މޮޅު ކުޅުންތެރިއެއް. އަހަރެމެންނަށް އޭނާ ހޯދިދާނެ، ނަމަވެސް ފައިސާގެ މައްސަލަތަކެއް އުޅޭނެ. ކުޅުންތެރިޔާ މިހާރު ހުރި ލެވަލަށް ބަލަންޏާ، ގިނަ ކޯޗުންނަށް ބޮޑު އަގެއްގައި ފިލިޕްސް ހޯދަން ފަހަތަށް ޖެހޭނެ. ލޯނުގެ ދަށުން އޭނާ ގެނެވިދާނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ޕެލަސްގެ ކޯޗު ހޮޖްސަން ބުންޏެވެ.

ހޮޖްސަން ބުނީ ސިޓީން ވެސް ފިލިޕްސް ވިއްކާލުމަށް މަސައްކަތްކުރާނެ ކަމަކަށް ނުބެލެވޭ ކަމަށާއި ނަމަވެސް އޭނާ ލޯނުގެ ދަށުން ދޫކޮށްލުމަށް އެއްބަސްވުން ގާތް ކަމަށެވެ. އަދި, ފިލިޕްސް ވެސް ބޭނުންވާނީ ގިނަ ވަގުތު ކުޅުމުގެ ފުރުސަތު ލިބޭނެ ޓީމަކަށް ގުޅުމަށް ކަމަށް ހޮޖްސަން ބުންޏެވެ.

ލީޑްސް ޔުނައިޓެޑުގައި ވިދާލުމަށްފަހު، 2022 ވަނަ އަހަރު 42 މިލިއަން ޕައުންޑުގެ އަގަކަށް ސިޓީއާ ގުޅުނުއިރު، އޭނާ އެ ކްލަބުގައި ވެސް ވިދާލާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ސިޓީގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުން، އޭނާއަށް ޓީމުން ފުރުސަތު ހޯދުމަށް ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

comment ކޮމެންޓް