ބަޔާން މިއުނިކަށް ވުރެ ބޮޑަށް ޗެލްސީގައި އިހުތިރާމު ލިބުނުކަމުގެ އިހުސާސްކުރެވޭ ކަމަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ޗެލްސީގެ އާ ވެރިންގެ ގޮތުގައި ޓޮޑް ބޮއެލީއާއި ބެހްދާދް އެގްބާލީ ހަވާލުވުމަށްފަހު، އެ ކްލަބުގެ ކޯޗުކަމުން ޓުޗެލް ވަކިކޮށް، ގްރަހަމް ޕޮޓާއާ ޓީމު ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ޕޮޓާއަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމުގައި ހުރެވޭ ގޮތް ވަނީ ނުވެފައެވެ.
އިނގިރޭސިވިލާތުގައި ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކެކޭ އެއްގޮތަށް ޖަރުމަންގައި ވެސް މިހާރު ޓުޗެލް ދަނީ ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ކުރިމަތިލަމުންނެވެ. އެކަމާ ގުޅޭގޮތުން 'އީއެސްޕީއެން'އަށް ދިން އިންޓަވިއުއެއްގައި ޓުޗެލް ވަނީ ވާހަކަދައްކައިފައެވެ.
"ޖަރުމަންގައި ކޯޗުން އަދި ކުޅުންތެރިންނަށް ވެސް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވޭ. އެ ފާޑުކިޔުންތަކުން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަރެންނަށް އިނގިރޭސިވިލާތުގައި މާ ބޮޑަށް އިހުތިރާމު ލިބުނުކަމުގެ އިހުސާސްކުރެވޭ،" ޓުޗެލް ބުންޏެވެ.
ޗެލްސީގެ ކޯޗުކަމުން 2022 ވަނަ އަހަރު ޓުޗެލް ވަކިކޮށްފައިވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވަނިކޮށެވެ. އޭނާ ވަނީ 19 މަސްދުވަހުގެ ތެރޭގައި ޗެލްސީއަށް ޔޫއެފާ ޗެމްޕިއަންސް ލީގަކާއި ކްލަބު ވޯލްޑް ކަޕެއްގެ އިތުރުން ސުޕާ ކަޕެއް ވެސް ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން ދެ ސީޒަނެއްގެ އެފްއޭ ކަޕްގެ ފައިނަލަށް ގެންގޮސްދީ، ކަރަބައޯ ކަޕެއްގެ ރަނަރަޕްކަން ވެސް ހޯދައިދީފައެވެ.
ބަޔާނަށް މިދިޔަ ސީޒަންގެ ބުންޑަސްލީގާ ކާމިޔާބުކޮށްދިން ނަމަވެސް، ޓުޗެލްއަށް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނީ މި ސީޒަނުގެ ލީގުގެ ދެވަނައިގައި އޮތުމުންނެވެ. މި ވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ބަޔާ ލެވަކޫސަންއެވެ.