އިތުރު ދެ ފިލްމީ ތަރިންގެ ކައިވެނި އަންނަ މަހު؟

ފިލްމީ ތަރިން ކަމަށްވާ ވިޖޭ އަދި ރަޝްމިކާ-- ފޮޓޯ/ އިންޓަނެޓް

މި އަހަރު ފެށުނުއިރު އެންމެ ގަދައަށް ދެކެވެން ފެށި ވާހަކަ އަކީ ސައުތު ސިނަމާގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާގެ އެންގޭޖްމެންޓްގެ ވާހަކަތަކެވެ. އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ "ނިވްސް18"އިން ގެނެސްދިން ޚަބަރެއްގައި ބުނެފައިވާ ގޮތުން ވިޖޭއާއި ރަޝްމިކާގެ އާއިލާއިން ވެސް ވަނީ މި ކައިވެންޏާއި ރުހޭކަން ހާމަކޮށްފައެވެ.

ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ދެވަނަ ހަފުތާގެ ތެރޭ ކައިވެނީގެ ކުރިން ކުރެވޭ އެންގޭޖްމަންޓް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި ނޫސްތަކުން ޝާއިއު ކުރަމުން އައި ނަމަވެސް ދެ ތަރިންގެ ފަރާތުން މި ކަމަށް އެއްވެސް ރައްދެއް މިހާތަނަށް ދީފައެއް ނުވެއެވެ.

ވިޖޭ އާއި ރަޝްމިކާ ވިއެޓްނާމްގައި ނަގާފައިވާ ފޮޓޯތަކެއް-- ފޮޓޯ/ އިންޓަނެޓް
އެކީގައި ގިނަ ފިލްމުތައް ކުޅެފައިވާ ވިޖޭއާއި ރަޝްމިކާގެ އެންގޭޖްމެންޓުގެ ވާހަކަ ފެތުރިފައި ވަނިކޮށް ދެ ތަރިން އެކީގައި ޗުއްޓީ ދަތުރެއްގައި ވިއެޓްނާމަށް ގޮސްފައިވާކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ރަޝްމިކާއާއި ވިޖޭ އެކީގައި އެކި މަންޒިލްތަކަށް ޗުއްޓީ ހޭދަކުރަން ދިޔަކަމަށް ތުހުމަތު ކުރެވުނަސް ދެ ތަރިން އެކީގައި ހުރި އެއްވެސް ފޮޓޯއެއް އާއްމުވެފައެއް ނެތެވެ.

މިދިޔަ އަހަރު ތެރޭ ވިޖޭއާއި ރަޝްމިކާ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރިއިރު އެ ފޮޓޯތައް ހިއްސާކުރީ ވަކިވަކިންނެވެ.

ބަތަލާ ރަޝްމިކާ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/ފޭސްބުކް
މިދިޔަ އަހަރު ފިލްމު "އެނިމަލް"އިން އެންމެ ފަހުން ފެނުނު ބަތަލާ ރަޝްމިކާއާއި ވިޖޭ އެކީގައި ވަރަށް އަވަހަށް ފިލްމަކުން ފެންނާނެކަމުގެ ޚަބަރު ފެތުރިފައިވާއިރު މި ފިލްމު ވަރަށް އަވަހަށް އިއުލާނު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ވިޖޭއާއި ރަޝްމިކާ އެންގޭޖު ވުމަށް ފަހު ދެ ތަރިންގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ ކަމަށް މީޑިއާތަކުން ބުނެފައިވާއިރު، ފެބްރުއަރީ މަހުގެ 22ގައި ބޮލީވުޑްގެ ބަތަލާ ރަކުލް ޕްރީތު އާއި ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް