މަޖިލިސް މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް، ލަންކާއާއެކު އަލުން ފަށަން މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް

ސްރީލަންކާއާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންގެ މެދުގައި ހިންގަމުން އައި ތަމްރީނު ޕްރޮގްރާމްތައް އަލުން ފެއްޓުމާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ މަޝްވަރާކުރައްވައިފިއެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާގެ ދައުވަތަކަށް އިއްޔެ އެގައުމަށް ވަޑައިގެންނެވި އަސްލަމް ވަނީ މިއަދު މަހިންދާއާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގޭގައި ބޭއްވި އެ ބައްދަލުވުމުގައި އަސްލަމް ވަނީ، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައިފައެވެ. އަދި ދެ ގައުމުގެ މަޖިލީހުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގަމުން އައި ޕްރޮގްރާމްތައް ކޮވިޑް-19އާ ގުޅިގެން ހުއްޓިފައިވާތީ އެ ޕްރޮގްރާމްތައް އަލުން ފެށުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް މަޖިލީހުން ބުންޏެވެ.

މަހިންދާ ދެއްކެވި ވާހަކައިގައި، ދެ ގައުމުގެ މެދުގައި އޮތީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި، ވެރިކަން ބަދަލުވި ނަމަވެސް ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އެ ބަޔާނުގައިވެއެވެ.

މަޖިލީހުން ބުނީ މިއަދު އަސްލަމް ލަންކާގެ އެކްޓިން ފޮރިން މިނިސްޓަރު ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލުކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމަށް އިތުރަށް ފައިދާވާނެ ގޮތްތަކުގެ މައްޗަށް ވާހަކަދައްކަވާފައި ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އަސްލަމް ކުރައްވާ ދަތުރުފުޅުގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ޗުއްޓީގައި އޮތް މަޖިލިސް އަލުން ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހެއްގައެވެ.

comment ކޮމެންޓް