ލޯ ހުޅުވާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާއާ ދިމާލަށް ގުދުވެލައިގެން އޮތް އަންހެން މީހާއެވެ. ދުވި އަންހެން ސެންޓްގެ މީރުވަހާއެކު އޭނާއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ. އެއާއެކު އެ އަންހެންމީހާ ތުއިވެލާފައި އޭނާއާ އިތުރަށް ގާތްވެލިއެވެ. އެއީ ދޮން އަންހެނެކެވެ. އިސްތަށިގަނޑު އޮތީ ބްލޮންޑް ކުލައިގައެވެ. އުމުރުން ސާޅީސް ފަސް އަހަރަށް ވުރެ މަތިވެފައިވާއިރުވެސް އޭނަގެ ރީތިކަމަށް ބަދަލެއް އައި ހެނެއް ހިޔެއް ނުވެއެވެ. އަދިވެސް އެހާ ޒުވާންވެފައި ރީއްޗެވެ. ހަށިގަނޑުގެ ބައްޓަންވެސް އަންހެން ވަންތަ ވެފައި ލާފައި ހުރި ހެދުމުން އޭނާގެ ވަނާތައް ފާޅުވަމުން ދިޔައެވެ.
"ކޭޓް…" ކޭޓްގެ އުނަގަނޑުގައި ހިފާ އޭނާއާ ގާތަށް ދަމާލަމުން ފުއާދު ބުނެލިއެވެ.
"ކޮންކަމަކާ ހާސްވެފަ؟" ކޭޓް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ކޭޓްއަކީ ފުއާދުގެ ލޯބިވެރިޔާއެވެ. ފުރިހަމަނަމަކީ ކެތްރީން އެވެ. ފުއާދާ ކެތްރީންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަކެއް އަހަރެއް ވެއްޖެއެވެ. ކެތްރީންއަކީ މިނިވަންކަމަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން ދުނިޔޭގެ އެކި ގައުމުތަކަށް އޭނާ ދަތުރުކުރެއެވެ. ލަންޑަނަކީ އޭނާ އާއްމު ދިރިއުޅުން ބިނާކުރި ތަން ކަމުގައި ވީނަމަވެސް، އެއްވެސް އިރެއްގައި އެއް ތަނެއްގައި މާ ގިނަ ދުވަހު ހުރުމަކީ އޭނާއަށް އުނދަގޫކަމެއްކަމުން ކެތްރީން އަބަދުވެސް އެކި ގައުމުތަކަށް ދެއެވެ. އެތަނުގެ މާހައުލު ތަޖުރިބާކުރެއެވެ.
"ނުވޭ ކަމެއް…" ކެތްރީންއާ އިތުރަށް ގާތްވެލަމުން ފުއާދު ބުންޏެވެ.
"ކަމެއް ނުވާނަމަ ދެންމެ އެހާ ރުޅި އައިސްގެން ފޯނުން ވާހަކައެއް ނުދައްކާނެއެއްނު ލޯބީ." ކެތްރީން އާ ފުއާދާ ދެމީހުން ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ.
"އެއީ ބޭބީ އާ ބެހޭ ކަމެއް ނޫނޭ… ދުރަށް ދަނީ ކީއްވެތަ؟ އާދެބަލަ ކައިރިއަށް." ކެތްރީން ކުޑަކޮށް ދުރަށް ޖެހިލިގެން ހީވެ ފުއާދު ބުނެލިއެވެ. އޭނާ ކެތްރީން އޭނާއާ ދިމާލަށް ދަމާލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅޭހާ ކައިރިވެލިއެވެ. މިހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް، ކައިވެންޏެއް ކުރުމުގެ ޚިޔާލެއް ދެމީހުން ކުރެ އެކަކުވެސް ނުކުރެއެވެ. ކެތްރީންއަކީ އެއްވެސް ދީނެއް ގަބޫލުކުރާ މީހެއް ނޫންކަމުން ކައިވެންޏަކީ މާ މުހިންމު އެއްޗަކަށް އޭނާއަށް ނުވެއެވެ. ފުއާދު އެހެން މީހަކާ އިނދެގެން އުޅޭ ކަމާއި ފުއާދުގެ އާއިލާ ކަންކާގައި އުޅޭކަން ކެތްރީންއަށް އެނގުނުނަމަވެސް، އޭނާ ބޭނުންވާ ހުރިހާކަމަކާ ފައިސާއެއް ފުއާދުގެ ފަރާތުން ލިބޭތީ އެކަން އޭނާއަށް މާ ބޮޑުކަމަކަށް ނުވެއެވެ. ފުއާދުގެ އަނތްބަކު ހުއްޓެއްކަމަކު، އޭނާއަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ.
ކިޔަވަން އުޅުނުއިރުވެސް ފުއާދަކީ އެގޮތަށް އުޅުނު މީހެކެވެ. ފަހަރަކު އަންހެން ކުއްޖަކު ގެންގުޅުމަކީ އޭނާގެ އުސޫލެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ކައިވެންޏާ ހިސާބަށް ދާން އަންހެން ކުއްޖާ ބުނާ ހިސާބުން ފުއާދު އެ ކުއްޖަކު ދޫކޮށްލަނީއެވެ. އޭނާ ބޭނުންވަނީ އަނތްބަކު ނޫނެވެ. އޭނާއާއެކު މިނިވަންކަމާއެކު ވަގުތު ހޭދަކޮށްލާނެ ބައިވެރިއެކެވެ. މީހަކާ އިންފަހުންވެސް ފުއާދުގެ އެ އުޅުމެއް ބަދަލެއް ނުވިއެވެ. އޭނާގެ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާއަށް ކެތްރީން އެންމެ ކަމުދަނީ ކެތްރީންގެ އާއިލާގެ މީހަކުވެސް ދުނިޔޭގައި ނެތުމާއި، ކައިވެނި ކުރުމުގެ ޚިޔާލު ކެތްރީންގެ ނެތީތީއެވެ. އެއީ އެކަކަށްވެސް ނޭނގޭ އޭނާގެ ސިއްރު ލޯބިވެރިޔާއެވެ. ކުރެވޭ ފާފައިގެ ބޮޑުކަން އަންދާޒާ ކޮށްލެވޭ ވަރަށް ވުރެ ފުއާދު ވަނީ ޣާފިލުވެފައެވެ. ހެވާ ނުބައި ވަކި ކުރެވޭ ވަރަށް ވުރެ އޭނާގެ ސިކުނޑިވަނީ ސައިޠާނާގެ ވަސްވާސްތަކުގައި ޖެހިފައެވެ. ދުނިޔޭގެ އުފަލަކީ ވަގުތީ އުފަލެއްކަމުގައި ވިސްނޭވަރަށް ވުރެ ފުއާދުގެ ވިސްނުންވަނީ ކިލަނބުވެފައެވެ. ކުރެވޭ ފާފައަކަށް ބިރުވެތިވުމެއް ނުވާއިރު، އޭނާގެ ހިތުގައިވަނީ ނަފްރަތާއި ހަސަދައާއި ރުޅިވެރިކަމެވެ. އަމިއްލަ ހިތުގެ މުރާދު ހާސިލް ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ފުއާދުކޮށްފާނެއެވެ.
ކުއްލިއަކަށް ފުއާދުގެ ފޯނު ރިންގްވުމާއެކު، އޭނާ ފޯނު ސައިލެންޓަށް ލަމުން ކެތްރީންއަށް ސަމާލުކަން ދިނެވެ. އެހެންނަމަވެސް ދެވަނަ ރިންގާއެކު އޭނާ ކެތްރީން ދުރުކޮށްލަމުން ފޯނު ނެގިއެވެ. ގުޅީ އެލެންއެވެ.
"ހަލޯ.." ފުއާދު ފޯނު ނަގާފައި އެހެން ބުނެލިއިރު، ކެތްރީން ސޯފާގައި އޮށޯވެއްޖެއެވެ.
"ހެންރީއެއް ދެން ނުފެންނާނެ. ފުލުހުން އޭނަ އަތުލައިފި." އެކޮޅުން ބުނެލުމާއެކު ފުއާދަށް ފުންމައިގެން ތެދުވެވުނެވެ.
"ކިހިނެއް؟" ފުއާދު ސުވާލުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް އޭނާ ނުތަނަވަސް ވިކަން ރަމްޒުކޮށްދިނީ ނިތުގައި އަތް ހިންގާލުމާއެކު އިސްތަށިގަނޑުގެ ތެރެއަށް ވެސް އަތްމަހާލުމުންނެވެ.
"ނޭނގެ. އެނގޭހާވެސް އެއްޗަކީ ހެންރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން. އަދި އެމީހުން މިހާރު…" އެ ހިސާބަށް ބުނެފައި އެމީހަކު މަޑުޖެހިލިއެވެ.
"މިހާރު ކޯންޗެއް؟ ކިހިނެއްވީ؟ ހެންރީ އަނެއްކާ… މަގޭ ވާހަކައެއް ބުނީތަ؟" އެހެން ބުނެލާފައި އޭނާ ހެންރީއަށް ހުތުރު ބަހެއް ނިސްބަތްކޮށްލިއެވެ. އެލެން ބުނީ ފުލުހުން ފުއާދު ހޯދުމުގެ މަސައްކަތް ފަށައިފިކަމުގައެވެ.
"ވަޓް…" ފުއާދު ހާސްވެއްޖެއެވެ. އޭނާއަށް ބަލައިލެވުނީ ކެތްރީންއަށެވެ. ސޯފާއިން ތެދުވެލި ކެތްރީން ކޮޅަށް ހުރި ފުއާދު ކައިރިއަށް ގޮސް ހުއްޓުނެވެ.
"ވީ އެންމެ އަވަހަކަށް ކަލޭ މިތަނުން ދިޔުމަކީ އޮތްގޮތް." އެލެން ބުނެލިއެވެ. އެލެންއާ ފުއާދު ދިމާވީ ކިޔަވަން އުޅުނުއިރުއެވެ. އެލެންއަކީ އޭރު "ބުލީގެ" ޝިކާރައަކަށް ވީ ކުއްޖެކެވެ. އެލެންގެ މައިންބަފައިން، ވަކިވީފަހުން އެކަކުވެސް އެލެންއާ ހަވާލުނުވުމުން އެލެން ބޮޑުވީ ކުދިން ބަހައްޓާ ތަނެއްގައި ހުރެއެވެ. އަށާރަ އަހަރުވުމުން އެތަނުން ނުކުމެ ވަޒީފާއެއް އަދާކުރަމުން އޭނާ ކިޔަވަން ފެށިއިރު ކްލާހުގެ ކުދިންގެ އިތުރުން އެހެން މީހުންގެ ފަރާތުންވެސް އެލެންއަށް އަނިޔާއާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން އޭރު އުޅުނު ޔުނިވާސިޓީ ދޫކޮށްލާފައި އެހެން ޔުނިވާރސިޓީއަކަށް ބަދަލުވާން އެލެންއަށް މަޖުބޫރުވިއެވެ. ފުއާދާ ދިމާވީ ދެވަނައަށް އޭނާ ބަދަލުވި ޔުނިވާރސިޓީއިންނެވެ. މާޒީގެ ސަބަބުން ގިނަ މީހުންނާ ގާތްކަން ބާއްވަން އެލެން ބޭނުން ނުވިނަމަވެސް، ފުއާދު ވާހަކަ ދައްކަން ފެށުމުން އޭނާ ވެސް ވާހަކަ ދައްކަން ފެށީއެވެ. ގިނަ ދުވަސްތަކެއް ނުވެ ފުއާދުވީ އެލެންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. އެހެންކަމުން މިހާރުވެސް އެލެންއަށް ފުއާދު ވަރަށް ޚާއްސައެވެ.
މިހާރު އެލެން މަސައްކަތް ކުރަނީ ގޭންގެއްގައިކަމުން ފުއާދު ބޭނުންވާ މައުލޫމާތު އެލެން މެދުވެރިކޮށް ހޯދުމަކީ އޭނާއަށް އުނދަގޫކަމެއް ނޫނެވެ. އެލެން ގޭންގާ ގުޅުނީ ކޮން އިރަކު ކިހިނެއްކަމެއް ފުއާދަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ދިމާނުވެ ހަމަސް ދުވަހު ހުރެފައި ދެން ދިމާވިއިރު އެލެންއަކީ ގޭންގެއްގެ މެންބަރެއް ކަމެވެ. ފޯނު ބޭއްވުމާއެކު އޭނާ ކެތްރީންއަށް ބަލާލިއެވެ.
"ވަޓް ހެޕެންޑް ލަވް؟" ކެތްރީން ބުނެލިއެވެ.
"އައި ހޭވް ޓު ގޯ.." ފުއާދު ބުނެލިއެވެ.
"ބަޓް ވެއަރ އާރ ޔޫ ގޮއިން." ކެތްރީން ސުވާލުކޮށްލިއެވެ.
"އައި ކާންޓް ޓެލް ޔޫ ދެޓް." ފުއާދު އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. ކެތްރީންއަށްވެސް އޭނާ އެ ދާތަން ސިއްރުކުރަން އެބަ ޖެހެއެވެ. ކޮންމެވެސް ގޮތަކުން ކެތްރީންއާ ހިސާބަށް ފުލުހުން އައިސްފިނަމަ، ކެތްރީންއަށް އޭނާ ވީތަން ބުނަން މަޖުބޫރުވެދާނެއެވެ. އޭރުން އޭނާ ހޯދަން ފުލުހުންނަށް ފަސޭހަ ވާނެއެވެ.
"އައި ނީޑް ސަމް މަނީ ފޮރޮމް ޔުއަރ އެކައުންޓް." ފުއާދު ބުނެލިއެވެ. ކެތްރީންގެ އެކައުންޓުގައި އެތަކެއް ބައިވަރު ފައިސާ ހުއްޓެވެ. ކެތްރީން ފުއާދުގެ އެކައުންޓަށް ފައިސާ ފޮނުވަން އުޅުމުން ފުއާދު އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ ކެތްރީންގެ ކާޑު އޭނާއަށް ދިނުމެވެ. އޭނާގެ ނަމުގައިވާ އެއްވެސް އެކައުންޓަކުން ލާރި ނެގިކަން ފުލުހުންނަށް އެނގެން ބޭނުން ނުވާތީއެވެ. އޭނާ ބުނީ ކެތްރީންގެ ދެވަނަ އެކައުންޓަށް ބޭނުންވާ ވަރަށް ފައިސާ ފޮނުވާފައި އަނެއް އެކައުންޓުގައި ބާކީ ފައިސާ ބެހެއްޓުމަށެވެ. އެހެން ބުނެފައި ފުއާދު މިސްރާބުޖެހީ ކޮޓަރިއަށެވެ. އަވަސް އަވަަހަށް ބޭނުންވާ ޒަރޫރީ ބައެއް އެއްޗެހި ދަބަހަކަށް އަޅައިގެން އޭނާ ކޮޓަރިން ނުކުމެފައި، ކެތްރީންއަށް ބަލައިލަމުން ކެތްރީންގެ ގައިގައި ބައްދާލިއެވެ.
ގެއިން ބޭރަށް ނުކުމެފައި އޭނާ އެލެންއަށް ގުޅާލިއެވެ.
"ކޮންތާކަށް މަ ދާންވީ؟" ފުއާދު ސުވާލުކޮށްލިއެވެ.
ޝާކިރުމެން މަރާލުމުގެ ފަހަތުގައި ހުރީ ފުއާދުކަން އެނގެނީ ހެންރީގެ އިތުރުން ހަމައެކަނި އެލެންއަށެވެ. އެކްސިޑެންޓަށްފަހު ނަގާފައިވާ ފޮޓޯތައް ނެގިމީހަކީވެސް އެލެންއެވެ.
"ޕޯޓަށް ދާންވީ. އެތަނުގައި އޮންނާނެ މީގެ ދެ ދުވަސްފަހުން އަހަރެމެންގެ ޑްރަގް ޝިޕްމެންޓެއް ހިފައިގެން ފުރާ ބޯޓެއް. އެއަށް ކަލޭ އަރާ. "އެލެން ބުނެލިއެވެ.
"ދެ ދުވަސް ވާނެއޭ." ފުއާދަށް ސުވާލުކޮށްލެވުނެވެ.
"އާނ. އެންމެ އަވަހަށް ވެސް ފުރާނީ މީގެ ދެ ދުވަސްފަހުން. ލަންޑަންގެ އެތެރޭގަ އުޅުމަށްވުރެ ރަނގަޅުވާނެ ކަލޭ ބޯޓުގަ އުޅުނަސް. އެތަނަށް ގޮސް އަހަންނަށް ގުޅާ. އޭރުން ދެންވާނީ ގޮތް ބުނާނަން. އަދި މަޑުކޮށްބަލަ! އަހަރެން ފޮނުވާނަން ކާރު. އެއަށް އަރައިގެން ދާނީ." ފުއާދު ފޯނު ބާއްވަން އުޅުމުން އޭނަ މަޑު ކުރުުވާފައި އެލެން ބުނެލިއެވެ.
"ތޭންކްސް ބަޑީ." އެހެން ބުނެލާފައި ފޯނު ބާއްވަމުން ފުއާދު އޭނާގެ އަތުގައި އޮތް ތޮފި އަޅާލިއެވެ. އަދި ފޮތިގަނޑަކުން އަނގަމަތިވެސް ކުޑަކޮށް ނިވާކޮށްލިއެވެ.
އެލެން އެ ބުނާ ކާރު އައުމުން ފުއާދު އެއަށް އެރިއެވެ. ޕޯޓަށް ދާން ތިންގަޑިއިރަށްވުރެ ގިނައިރު ނެގިއެވެ. އެ ހުރިހާއިރުވެސް ފުއާދު އިނީ ނުތަނަވަސްވެފައެވެ. ހުރިހާވެސް މައްސަލައަކީ ހެންރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަނެއްކާ މައާލްއަށް ގެއްލުން ދޭންއުޅެނިކޮށް ފަޅާއެރީ ހެއްޔެވެ؟ ވީ ގޮތެއް ނޭނގި ފުއާދުގެ ހިތް ވަނީ ނުތަނަވަސްވެފައެވެ.
ޕޯޓަށް ދެވުމާއެކު އޭނާ ކާރުން ފައިބާ އެލެންއަށް ގުޅާލިއެވެ.
"މަ މިހުރީ އެތާ. ކިހިނެއް ހަދަންވީ؟" ފުއާދު ބުންޏެވެ.
"އިރުކޮޅަކުން ތިތަނަށް އަންނާނެ ރަތްކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް. އޭނަ ގެންގޮސްދޭނެ ބޯޓަށް. އަދި ބުނަން. މިހާރު މިވަގުތުން ފެށިގެން ކަލޭ ފޯނު ނިއްވާލާ. ބޯޓަށް އެރީމަ ކަލޭއަށް ލިބޭނެ ފޯނެއް. އޭތި ބޭނުން ކުރޭ މީގެ ފަހުން." އެލެން ބުނެލިއެވެ. ފޯނު ބޭއްވިތަނާ އެލެން އެބުނާ މީހަކު އަންނަތަން އޭނައަށް ފެނިއްޖެއެވެ. އެއީ އިސްކޮޅުން ބިޔަ މީހެކެވެ. ބޮޑަށް ވައްތަރީ އެފްރިކާ މީހަކާއެވެ. ކަޅުވެފައި މަސްތައް ވަރުގަދަވެފައި އިސްތަށގަނޑު ބުޅިއެވެ.
"މިސްޓަރ ފުއާދު." އޭނަ ފުއާދަށް ބަލާލުމާއެކު ފުއާދު ބޯޖަހާލިއެވެ.
"ކަމް ވިތް މީ." އެހެން ބުނެލާފައި އެމީހާ ހިނގައިގަތުމުން ފޯނު ނިއްވާލަމުން ފުއާދުވެސް ހިނގައިގަތެވެ. އެއީ މުދާ އުފުލާ ބޮޑު ޝިިޕެކެވެ. އޭރުވެސް ބަޔަކު މީހުން އެއަށް މުދާ ބަރުކުރަމުން ދެއެވެ. ބޯޓަށް އަރާ އޭނާ ފުއާދު ގޮވައިގެން ގޮސް ވެއްދީ ކޮޓަރިގަނޑެއްފަދަ ތަަނަކަށެވެ. އަދި އޭނަ ފުއާދު އަަތަށް ފޯނެއް ދިނެވެ.
"މީ ކަލޭއަށް ބޭނުން ކުރެވޭނެ. ދެ ދުވަސް ވަންދެން ކަލޭ މަޑުކުރަން ޖެހޭނީ." އެމީހާ އިނގިރޭސިން ބުނެލިއެވެ.
****
ފުއާދު ހޯދުމުގެ މަސައްކަތް ޖެހިގެން އައި ދުވަހު ފުޅާކުރެވުނު ނަމަވެސް އެއްވެސް ކަހަލަ ކުރި އެރުމެއް ނުލިބުނެވެ. ދެވަނަ ދުވަހުވެސް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބުމުން ފުއާދު ފިލީކަން ފުލުހުންގެ ފަރާތުން، ރާދިންމެންނަށްވެސް އެނގުނެވެ. ރޭގަނޑުގެ ކެއުމަށްފަހު، ބޮޑު ކޮޓަރިއަށް ގޮސް މުނީރު ޓީވީ އަޅުވާލިއެވެ. އޭރު ޚަބަރުގައި ކިޔަމުން ދިޔައީ އެހެން ގައުމެއްގެ ބޯޓެއް ޑްރަގާއެކު ފުރަން އުޅެނިކޮށް ހުއްޓުވި ވާހަކަ އެވެ. ޚަބަރު އަޑު އެހުމުގެ ޝައުގުވެރިކަން ނެތުމާއެކު ޓީވީ ނިއްވާލިތަނާ ރާދިންއައިސް ވަނެވެ.
"ދަރިފުޅާ…" މުނީރު ގޮވާލިއެވެ. ރާދިން ހިނިތުންވެލާފައި ގޮސް ސޯފާގައި އިށީނެވެ.
"މިއަދު ހެނދުނު އައިސްފައި ދިޔަގޮތަށް ހަބަރެއް ނުވާތީ ގުޅާލަންވެގެން އަދި މިއުޅެނީ. ފުލުހުންގެ އެއްވެސް ހަބަރެއް ނުވޭ ދޯ." މުނީރު ސުވާލުކޮށްލިއެވެ.
"ލައްބަ. ކޮބާ… ކޮބާ މައާލް؟" ވަށައިގެން ބަލާލަމުން ރާދިން ސުވާލުކޮށްލިއެވެ.
"މައާލް މައްޗަށް ދިޔައީ." މުނީރު ބުނެލިއެވެ. އޭނާ ކޮޓަރިއަށް ދިޔުމާއެކު ރާދިން މައްޗަށްއެރިއެވެ. އޮޕަރޭޝަނަށް ފަހު މައާލް މިހާރު އުޅެނީ ކުރިން ވެސް އުޅުނު ކޮޓަރީގައެވެ. އޭނާ ގޮސް ޓަކި ޖަހާލާފައި ދޮރު ހުޅުވާލާފައި އެތެރެއަށް ވަތްއިރު، މައާލްއެއް ނެތެވެ. ތރިއަށް ގޮސްވެސް އޭނާ މައާލް ހޯދިއެވެ. އެެހެން ނަމަވެސް، މައާލް އެއް ނެތެވެ. ދެން ރާދިން މިސްރާބުޖެހީ ޓެރެސްއަށް އެރުމަށެވެ. މިހާ ފިނިއިރު، މައާލް ޓެރެސްގައި ހުރެފާނެބާއޭ ވެސް އޭނާގެ ހިތަށްއެރިއެވެ.
ޓެރެސްއަށް އެރުމާއެކު އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ރެއިލިންގެ ކައިރީގައި ހުރި މައާލްއެވެ.
"މައާލް…" މައާލްއާ ދާދި ގާތަށް ހުއްޓިފައި ރާދިން ގޮވާލިއެވެ. ވިސްނުމަކަށް ގެއްލިފައި ހުރި މައާލްއަށް ސިހުން ލިބުނީ ދެނެވެ.
"ކީއްވެ ބޭރުގައި." މައާލް އެނބުރިލުމާއެކު އޭނާގެ ލޮލުގައި ރާދިންގެ ސޫރަ ދާދި ގާތުން އަޅައިގަތެެވެ. ބޯ ޖެކެޓެެއް ލާފައި ހޫޑުން ބޯ ނިވާކޮށްލާފައި ހުރިއިރުވެސް މައާލް ހުރީ ފިނިވެގެން ދެއަތް މޭގައި ހުރަސްކޮށްލައިގެންނެވެ. ފިނިވެގެން ތުންފަތް ވެސް ވަނީ ހިކިފައެވެ.
"ފިނިވަނީތަ؟ ކީއްވެ މިތާ ތިހުރީ. ހިނގާ އެތެރެއަށް." ރާދިންއަށް އަވަސް އަވަހަށް ބުނެވުނެވެ. އޭނާ މައާލްގެ އަތުގައި ހިފައްޓަމުން ދާން އުޅުުނު ނަމަވެސް، މައާލް ގަދަ ހަދާލިއެވެ. ރާދިން އެ އަތް ދޫކޮށްލަމުން މައާލްއަށް ބަލާލިއެވެ.
"ކިހިނެއްވީތަ މާލް. ހާދަ ފިންޏޭ މިތަން. ރޯގާ ޖެހިދާނެ. ލެޓްސް ގޯ…" އަނެއްކާވެސް ރާދިން ބުނެލިއެވެ.
"ކޮން އިރަކު ރާދިން އަހަންނަށް ތިހާ އަޅާލަން ފެށީ…" މައާލްއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އިންފަހުން ފުރަތަމަ ކޮޅު ރާދިންގެ ފަރާތުން އޯގާތެރިކަން ނުލިބުނު ނަމަވެސް، ފަހުން ރާދިންގެ އެ ހުރިހާ އާދައެއް ވެސް ބަދަލުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ހަނދާން ނެތް ފަދައަކުން މައާލްގެ ދުލުން އެ ބަސްތައް ނުކުތުމުން ރާދިންގެ ހިތަށް ތަދުވިއެވެ. އިންސާނާގެ ހިތަކީ ފާޑެއްގެ އެއްޗެކޭ މީހުން ބުނަނީ އެހެންވެއެވެ. އެހިތަށް ކިތަންމެ އޯގާތެރިކަމެއް ލިބިފައިވި ނަމަވެސް، އެންމެ ޒަޚަމަކުން އެ ހުރިހާކަމެއް މަތިން ހަނދާން ނައްތާލެވޭ ގޮތްވެއެވެ.
"އަހަރެން މާލްއަކަށް އަޅައެއް ނުލަންތަ؟ ލޯތްބެއް ވެސް ނުވަމުތަ؟" ރާދިންއަށް ބުނެވުނެވެ. އޭނާ ދުރުބަލާލިއެވެ. ރާދިންގެ ހިތަށް ތަދުވެފައިވާ ވަރު މައާލްއަށް ވެސް އިޙްސާސްކުރެވުނެވެ. ވިސްނާ ނުލާ ބުނެވުނު އެންމެ ބަހަކުން ވެސް ރާދިންއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އެ ދެލޮލުން ރިހުން ފާޅުވެއްޖެއެވެ. ރާދިން އޭނާ ދެކެ ވަނީ ހަޤީގީ ލޯބިކަމުގައި އެ ހިތް އެބަ ބުނެއެވެ. ރާދިންގެ ވާހަކަތައް އެންމެ ފަހަރަކު އަޑު އަހާލަން އެބަ ބުނެއެވެ. އޭނާގެ ހިތުގައިވެސް ރާދިންއާ މެދު ލޯބިވާތީ އެ ހިތް އެ ހުރިހާކަމަކަށް އޭނާއަށް މަޖުބޫރުކުރަނީއެވެ. އަދި އަމްދުން މިހާރު ރާދިންގެ މޫނުމަތިން އޭނާއަށް އެ ފެންނަ ހިތްދަތިކަމާއި ތެދުވެރިކަމުގެ ސަބަބުން ރާދިންގެ ވާހަކަތައް އަޑު އަހަން އެ ހިތް އެދި ގޮވަނީއެވެ.
"އަހަރެން މިތަނަށް އައީ ހިތަށް ހަަމަޖެހުމެއް ލިބޭތޯ." މައާލް ރެއިލިންގައި ހިފައްޓާލަމުން މުޅިން އެހެން ވާހަކައެއް ފެށިއެވެ. ރާދިންގެ ސުވާލަށް ޖަވާބު ދިނުން ވެސް މުހިންމު ނުވީ ކަންނޭނގެއެވެ. ނޫނީ އޭނާގެ ހިތަށް ވީ އުނދަގުލުން އެއާ ވިއްދާ އެއްޗެއް ބުނަން ފަސްޖެހުނީއެވެ. ކުރިޔާ ޚިލާފަށް މިފަހަރު މައާލްގެ އަޑުގައި މަޑުމައިތިރިކަން ވެއެވެ. ރާދިންވެސް ރެއިލިން ކައިރިއަށް ޖެހިލިއެވެ.
"މާލް ބަލިވެދާނެތީ އަހަރެން ކަންބޮޑުވަނީ. މާލް ފިންޏަށް ބަލިކަން އަހަންނަށް އެނގޭ." ރާދިން ދުރު ބަލަހައްޓައިގެން އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.
"ރާދިން." މައާލްގެ އަޑުގައި މިފަހަރު ބުނެދޭން ނޭނގޭ އަސަރެއް ވެއެވެ. އެ ހާދިސާގެ ފަހުން އޭނާގެ ނަމުން މައާލް އެފަދަ ގޮތަކަށް ގޮވާލި އެއީ ފުރަތަމަ ފަހަރު ކަމުން ރާދިންއަށްވެސް މައާލްއަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ.
(ނުނިމޭ)