ދިއްދޫ ފެނަކައިގެ 53 މުވައްޒަފެއްގެ ކޮންޓްރެކްޓު އާނުކުރުމުން އިހުތިޖާޖު ކުރަނީ

ހއ. ދިއްދޫ ފެނަކައިގައި މަސައްކަތްކުރާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރުމުން އިހުތިޖާޖު ކުރަނީ --- ފޮޓޯ/ އެކްސް

ހއ. ދިއްދޫ ފެނަކައިގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން، ކޮންޓްރެކްޓު އާނުކޮށް 53 މުވައްޒަފުން ދޫކޮށްލުމުން، އެ މީހުން މިއަދު އިހުތިޖާޖުކުރަން ފަށައިފިއެވެ.

އެ މައްސަލައިގައި މިއަދު ހެނދުނުން ފެށިގެން ދަނީ އިހުތިޖާޖުކުރަމުންނެވެ. އެއީ، އެ ރަށު އިންޖީނު ގޭގެ މަސައްކަތަށް ނަގާފައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓު އާނުކުރާން ފެނަކައިން ނިންމި މުވައްޒަފުންނެވެ.

އެ މީހުން ވަޒީފާއިން ކަނޑާލިކަން އެނގުނީ މިއަދު އޮފީހަށް ދިޔުމުން ކަމަށް އެ މީހުން ބުނެއެވެ. އަދި، އެ މީހުންނަށް ކުރިން އެންގުމަކައިނުލާ ވަޒީފާއިން ކަނޑާލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރުމުން އިހުތިޖާޖު ކުރަނީ --- ފޮޓޯ/ އެކްސް

މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ވެސް ކޮންޓްރެކްޓު ހަމަވެގެން 40 އަށްވުރެ ގިނަ ރަށުން 900 އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އޭރު 'ސަން'އަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ ނިމުނު ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ނަގާފައި ކަމަށް ފެނަކައާ ހަވާލުވީ އާ މެނޭޖުމަންޓުން ވަނީ ތުހުމަތުކޮށްފައެވެ. ރަށްރަށުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އެކިއެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ކޮންޓްރެކްޓު ހުސްވި ނޮވެމްބަރު 30 ގައި ވަނީ ހަމަވެފައެވެ.

https://sun.mv/185815

މުއާޒު އޭރު ވިދާޅުވީ، ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަނީ މަސައްކަތްތަކަށް ނަގާފައި، މިހާރު އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްނުދާ ތަންތަން ނުވަތަ މަސައްކަތް އެއްކޮށް ނިމިފައިވާ ތަންތަނުގައި ތިބި ކޮންޓްރެކްޓު މުވައްޒަފުން ކަމަށެވެ.

"އޭގެ ތެރެއިން އެގްރިމެންޓު އާނުކުރާން ނިންމީ އެއްކޮށް ނިމިފައިހުރި ތަންތަން ނޫނީ އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށްނުދާ ތަންތަން. ގާތްގަނޑަކަށް ހަތަރު ފަސް މަސްވެ، އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށްނުދާ ތަންތަން،" އޭރު އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގައެވެ. އެ ސަރުކާރު ނިމުނުއިރު ފެނަކައިގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް