ކޮންމެ ތާކަށް ގެންދެވޭ ސްޓާލިންކް މިނީ ޑިޝް މި އަހަރު ނެރެނީ

ސްޓާލިންކް މިނީޑިޝް - އާދައިގެ މެކްބުކެއްގެ ސައިޒާ އެއްވަރު --

ސްޓާލިންކް މިނީ ޑިޝްގެ ނަމުގައި އާ ސެޓަޕެއް މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ބުނެފިއެވެ.

ދުނިޔޭގެ ދުރު ހިސާބުތަކަށް ފުޅާ ދާއިރާގައި ސެޓެލައިޓް އިންޓަނެޓް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުން އަންނަ ސްޕޭސް އެކްސްގެ ސީއީއޯ މަސްކް ބުނީ ސްޓާލިންކްގެ ޕޯޓަބަލް ވާޝަނެއް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނެރޭނެ ކަމަށެވެ.

ސްޕޭސް އެކްސްގެ ޚިދުމަތްތަކާ ބެހޭގޮތުން އޭނާ ދިން ތަގުރީރެއްގައި ބުނީ އާދައިގެ ދަބަހަކަށް ލެވޭވަރުގެ ސްޓާލިންކް މިނީ މި އަހަރުގެ ފަހުކޮޅު ތައާރަފުކުރާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ސްޕޭސް އެކްސްއިން ވަނީ މަސްކްގެ ތަގުރީރު އެކްސްގައި ޕޯސްޓްކޮށް، އެ ކުންފުނީގެ ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ކަމަށްވާ ސްޓާލިންކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމަ އެ ކުންފުނީގެ ވިޔަފާރިތަކާ ބެހޭ ގޮތުން ހިއްސާކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ން ވަނީ މެކްބުކެއްގެ ސައިޒުގެ ކަމަށް ބެލެވޭ ސްޓާލިންކް މިނީ ޑިޝް އުފެއްދުމަށް ސްޕޭސް އެކްސްގެ އެޕްލިކޭޝަނަށް ރުހުން ދީފައެވެ.

އެފްސީސީއަކީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ރޭޑިއޯ، ޓީވީ، ސެޓެލައިޓް އަދި ކޭބަލް މެދުވެރިކޮށް މުވާސަލާތީ ކަންކަން ރެގިއުލޭޓްކުރާ މިނިވަން އިދާރާއެކެވެ.

އެފްސީސީން އެކަމަށް ރުހުން ދިން ނަމަވެސް މިހާތަނަށް އެ ކުންފުނިން އެ ޕްރޮޑަކްޓާ ބެހޭ އިތުރު ތަފުޞީލެއް ދީފައެއް ނުވެއެވެ. ނަމަވެސް މަސްކް ބުނީ މި މޮޑެލް ވެގެންދާނީ "ވަރަށް ޕޯޓަބަލް ސްޓާލިންކެއް ބޭނުންވާ ކޮންމެ މީހަކަށް ވެސް ވަރަށް ކޫލް" މޮޑެލްއަކަށް ކަމަށެވެ.

މަސްކްގެ ތަގުރީރުގައި އެ ކުންފުނީގެ ނެކްސްޓް ޖެނެރޭޝަންގެ "ސްޓޭންޑަޑް" ސްޓާލިންކް ޑިޝްއާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކިއިރު، އެ ޑިޝް ބޭނުންކުރާ މީހުންނަށް އޯޑަރު ކުރުމަށް އެ ކުންފުނިން ދައުވަތު ދޭން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ހާޑްވެއާގެ އަގަކީ ވެސް 599 ޑޮލަރެވެ. މިއީ މިހާރު ބޭނުންކުރާ ސެކަންޑް ޖެނެރޭޝަން ޑިޝްއާ އެއް އަގެކެވެ.

މި ޚިދުމަތް މިހާރު ވެސް ބޭނުންކުރާ މީހުން ބުނެފައިވާ ގޮތުގައި ނެކްސްޓް ޖެނެރޭޝަން ޑިޝްއަކީ ޑައުންލޯޑް ސްޕީޑާއި އަޕްލޯޑް ރޭޓްތައް ވަރަށް ރަނގަޅު ކޮށްދޭ ޑިޝްއެކެވެ.

މީގެ ކުރިން ސްޓާލިންކްގެ އެންމެ ޑިޝްއެއް އުފެއްދުމަށް 3،000 ޑޮލަރު ޚަރަދުވި ނަމަވެސް އެ ކުންފުނިން އަންނަނީ އުފެއްދުންތެރިކަމުގެ ޚަރަދުތައް މަޑުމަޑުން ދަށްކުރަމުންނެވެ. އޭގެ ތެރޭގައި ޓެކްސަސްގައި އާ ސްޓާލިންކް ފެކްޓްރީއެއް ހުޅުވުން ހިމެނޭއިރު، މަސްކްގެ ތަގުރީރުގައި އެކަން ފާހަގަކުރިއެވެ.

އެ ކުންފުނީގެ އަނެއް ބޮޑު އަމާޒަކީ ސްޓާލިންކްގެ ސެލިއުލާ ވާޝަނެއް އޮޕަރޭޓްކޮށް، މޯބައިލް ފޯނުތަކަށް ޑޭޓާ ބީމްކޮށް، އެންމެ ދުރު ސަރަހައްދުތަކުގައި ވެސް ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް މުއާމަލާތް ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

comment ކޮމެންޓް