އާޒިމާ އެމްއައިބީއަށް ދައްކަންޖެހޭ ދަރަނީގެ އިސްތިއުނާފް ބަލައިނުގަތް

އާޒިމާ ޝަކޫރު: -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނެންގެވި ލޯނަކަށް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކަވާތީ އެ ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.

އެ މައްސަލަ އިސްތިއުނާފްކުރަން އާޒިމާ ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހެވެ.

އާޒިމާއަށް މި މަހުގެ ދެވަނަ ދުވަހު، ހުކުމްކޮށްފައިވަނީ އޭނާ ބޭންކުގައި ރަހުނު ބަހައްޓައިގެން، ލޯނެއް ނަގައި، އެ ލޯނު ނުދައްކާތީ ބޭންކުން އޭނާއާ ދެކޮޅަށް މައްސަލަ ވެއްދުމުންނެވެ.

އެ ހުކުމްގައިވަނީ އާޒިމާގެ ނަމުގައި ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނުކޮށްފައި އޮތްކަން ހާމަވާކަމަށާއި، އެ ރަހުނަށް އޭނާ 3.18 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ އަދައިކުރަމުން ނުދާކަމަށް އެ ހުކުމުގައިވެއެވެ.

އެހެންވެ، ކޯޓުން ހުކުމްކޮށްފައިވަނީ، މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ފެސިލިޓީގެ ބާކީ ހުރި 4.03 މިލިއަން ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާއާއެކު ޖުމްލަ 4.15 މިލިއަން ރުފިޔާ އާއި މަހުން މަހަށް އަރާ ކުލީގެ ފައިސާ، އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ދައްކައި ޚަލާސްކުރުމަށެވެ.

އެ މައްސަލައިގައި ހުކުމް ކުރީ އާޒިމާގެ ޣައިރު ހާޒިރުގައެވެ.

ދަރަނި ދައްކަން އާޒިމާގެ މައްޗަށް ހުކުމެއް އައީ މާލޭ މޭޔަރުކަމުގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ވަރަށް ބޮޑަށް ކުޑަތަން ވެފައިވަނިކޮށެވެ.

ނަމަވެސް އެ ހުކުމްގެ ސަބަބުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނެތުމާއެކު، އާޒިމާ ވެސް ވާދަކުރެއްވިއެވެ.

ނަމަވެސް ތަފާތު ބޮޑުކޮށް އޭނާ ނާކާމިޔާބުވެ، މޭޔަރުކަން ހާސިލްކުރެއްވީ އާޒިމާއާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.

comment ކޮމެންޓް