ފައިޓާގެ ޓްރެއިލާ ބަލައިފިންތަ؟

މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރަށް އޮތް ފިލްމު "ފައިޓާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ރިތިކް ރޯޝަން، ދިޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު މުހިއްމު ރޯލެއް ކުޅޭ މި ފިލްމަކީ ތަޖުރިބާކާރު ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ. މި ފިލްމު ބިނާކޮށްފައި ވަނީ ފެބްރުއަރީ 14، 2019ވަނަ އަހަރު ޖައްމޫ - ސްރީނަގަރު ނެޝަނަލް ހައިވޭގައި ހިނގި ބޮމުގެ ހާދިސާގެ މައްޗަށެވެ.

ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓު ޖަމާޢަތަކުން ޒިންމާ ނެގި ބޮމުގެ އެ ހާދިސާގައި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވި 40 އޮފިސަރުން ވަނީ މަރުވެފައެވެ. ރިތިކް ރޯޝަންއާއި ދިޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު އެއަފޯސް ޕައިލެޓުންގެ ގޮތުގައި ފެންނަ "ފައިޓާ"އަކީ ވައިގެތެރޭ ހިނގާ ވަރަށް ވަރުގަދަ ހަނގުރާމައެއް ދައްކުވައިދޭ ފިލްމެއް ވެސް މެއެވެ. އިންޑިއާގެ ތާރީޚުގައި ދުށް އެންމެ ވަރުގަދަ އެއް ޙަމަލާ 11/26 ޙަމަލާއަށް ފަހު މިއީ ވަރަށް ގިނަ ބަޔަކަށް ސިހުމެއް ގެނުވި ބޮމުގެ ހާދިސާއެކެވެ.

ބަތަލާ ދިޕިކާ ޕަދުކޯން އަދި އެކްޓަރު ރިތިކް ރޯޝަން-- ފޮޓޯ/ އިންޓަނެޓް

ރިތިކް ރޯޝަން އާއި ބަތަލާ ދިޕިކާ ފުރަތަމަ ފަހަރަށް އެކީގައި ފެންނަ "ފައިޓާ"އަކީ މި އަހަރު ރިލީޒް ކުރެވޭ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ރިތިކާއި ދިޕިކާ އަދި އަނިލްގެ އިތުރުން ޓީވީ ސީރީސް ތަކުން ބޮޑު މަގުބޫލުކަމެއް ލިބުނު ކަރަން ސިންގް ގްރޯވަރު އަދި ސަންޖީދާ ޝޭހް އަދި އަކްޝޭ އޮބްރޯއި މުހިއްމު ރޯލުތަކުން ފެންނާނެއެވެ.

މި ފިލްމަކީ، ޑައިރެކްޓަރު ސިދާތު އާނަންދުގެ އަމިއްލަ ކުންފުނި ވިއަކޮމްއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަށް ފަހު ދިޕިކާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ މެއި މަހު ރިލީޒްކުރާ ނާގް އަޝްވިންގެ ސައިންސް ފިކްޝަން ފިލްމު "ކަލްކީ"އިންނެވެ.

comment ކޮމެންޓް