ވައި ނުސާފުވާ މިންވަރު ބަލައި، ރައްކާތެރިވާން އަޅާނީ ކޮން ފިޔަވަޅެއް؟

މީހަކު މާސްކެއް އަޅައިގެން: ވައި ތަޣައްޔަރުވެފައިވާ ހާލަތްތަކުގައި ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަށް ސިއްހީ މާހިރުން ލަފާދޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިނުސާފުވުމަކީ އިރުވައި މޫސުމުގެ ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ދިމާވާ މައްސަލައެކެވެ. އެގޮތުން ވައި ނުސާފުވަނީ ޖައްވުތެރޭގައި ހިމެނޭ ޕްލާސްޓިކާއި ވައިގެ ސަބަބުންނެވެ. އެހެންވެ ސިއްހަތަށް ނުރައްކާތެރި މިންވަރު ދެނެގަނެ އެކަމުން ރައްކާތެރިވާން ފިޔަވަޅުއެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

މެޓް އޮފީހުން މިއަދު "ސަން"އަށް ބުނި ގޮތުގައި މި ދުވަސްވަރު މެދު ރާއްޖެތެރެއާއި އުތުރުގައި ސިއްހަތަށް ނުރައްކާވާ ވަރަށް ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ދުރުނުފެންނަ މިންވަރު ކުޑަވުމުގައި ވައިގެ މިސްރާބާއި ބާރުމިނާއި ވިއްސާރަވުން ވެސް މުހިންމު ދައުރެއް އަދާކުރާކަމަށް މެޓުން ވަނީ ބުނެފައެވެ.

މާލޭގައި ވައި ނުސާފުވެފައި -- ސަން ފައިލް ފޮޓޯ

އެ އޮފީހުން ބުނީ ވައި ނުސާފުވެފައިވަނީ އާއްމުކޮށް އިރުވައި މޫސުމުގެ ވައި އިރުމަތިން އަންނަ އިރު ހުޅުމާލޭ ސަރަހައްދުން އަންނަ ހިރަފުހާއި ވައިގެ ތެރޭގައި ހިމެނޭ ޕާޓިކަލްސްގެ ސަބަބުން ކަމަށެވެ. ދެ މޫސުން ބަދަލުވުމާ ހަމައަށް މި ގޮތަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންވެ، ވައި ނުސާފުވާ މިންވަރު ބެލޭނެ ގޮތާއި ތަޣައްޔަރުވެފައިވާ ވައިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ކިޔާދީފައެވެ.

ވައި ނުސާފުވާ މިންވަރާއި އެކަމުގައި ސިއްޙީ މާހިރުންގެ ލަފާ!

އެޗްޕީއޭއިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ އައިކިއުއެއާއިން އިން ރާއްޖޭގައި ވެސް ވައި ތަޣައްޔަރުވެފައި ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.

އެ އެޕްގައި ހިމެނޭ ކުލަތަކަކީ ފެހި ކުލަ، ރީނދޫ ކުލަ، އޮރެޖު ކުލަ، ރަތް ކުލަ، ދަނބުކުލައިގެ އިތުރުން އެއަށްވުރެ މަޑު ކުލައެކެވެ.

އެއެޕުން ދައްކާގޮތުގައި ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެހެންކަމަށް ވާ ނަމަ ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެެއް ނެތް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މީހަކު މާސްކެއް އަޅައިގެން: ވައި ތަޣައްޔަރުވެފައިވާ ހާލަތްތަކުގައި ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަށް ސިއްހީ މާހިރުން ލަފާދޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްޙީ ގޮތުން ބަލާއިރު ވައިގެ މިންވަރު 100-51 ދެމެދު ހުންނައިރު ނޭވާލާ ނިޒާމުގެ އަލާމަތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހެއެވެ.

ނާޒުކު ހާލަތުގައިވާ މީހުންނަކީ ތުއްތު ކުދިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ހުންނަ މީހުންނާއި އެލާޖީ މައްސަލަތައް ހުންނަ މީހުންނެވެ.

ސިއްހަތަށް ގެއްލުންވާ މިންވަރެއްގައި ހުންނާނީ 150-101 ދެމެދުގައެވެ. މި ހާލަތުގައި ނޭވާލާ ނިޒާމު މައްސަލަތައް އެންމެންނަށް ދިމާވުމުގެ ނުރައްކާ ބޮޑުވާނެއެވެ.

އައިކިއު އެއާ ވިޝުއަލް އެޕްގައި ދައްކާ ވައި ނުސާފުވާ ރޭންޖުތަކާއި، ސިއްހީ ލަފާ ---ފޮޓޯ/ އެޗްޕީއޭ

ހަމައެއާއެކު، އެންމެެންގެ ހިތާއި ފުއްޕާމެއަށް ނޭދެވޭ އަސަރުތައް ކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑުވާނީ 200-151 މިންވަރެއްގައި ވައި ނުސާފުވެފައި ހުރުމުންނެވެ.

އާންމުކޮށް އެންމެންނަށް ވައި ނުސާފުވުމުގެ އަސަރު ކުރާނީ ވައި ތަޣައްޔަރުވެފައިވާ މިންވަރު 300-201އަށް ދިޔުމުން ކަމަށް ވާއިރު މި ހާލަތުގައި ނާޒުކު ފަރާތްތަކުން ބޭރުގައި އުޅުން އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މީގެއިތުރުން ވައި ނުސާފުވާ މިންވަރު އެންމެ ނުރައްކާތެރިވާ ވާނީ 300 އަށްވުރެ މައްޗަށް ދިޔުމުންނެވެ. މިހެންވުމުން ސިއްހީ ގޮތުން އެންމެންނަށް ވެސް އަސަރުކުރާއިރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ.

އައިކުއެއާއިން މިވަގުތު ދައްކާ ގޮތުގައި ރާއްޖޭގެ މެދުތެރޭގެ އިތުރުން އުތުރުގައި ވެސް ވައި ވަނީ ނުރައްކާތެރި މިންވަރަކަށް ނުސާވެފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ވައި ނުސާފު މިންވަރު 170ގައި ހުރިއިރު، އުތުރުގައި އެ އަދަދު ވަނީ ށ. އަތޮޅާ ކައިރީގައި އެ އަދަދު ހުރީ 154ގައެވެ.

ރާއްޖޭގެ ދެކުނުގައި، ފުވައްމުލަކުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު 122އަށް އަަރާއިރު އައްޑޫ ސިޓީގައި އެ އަދަދު 119އަށް އަރައެވެ.

ވައި ނުސާފުވުމުން ރައްކާތެރިވާން އަޅާނީ ކޮން ފިޔަވަޅެއް؟

ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރެވެ. އެހެންވެ، ވައި ނުސާފުވުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތަކަކީ:

  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުން
  • ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން
  • ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ނޫޅުން
  • ތުއްތު ކުދިން ބޭރަށް ނުނެރުން
  • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ކަސްރަތާއި ކުޅިވަރު ފަދަ ކަންކަން ނުކޮށް މަޑުކޮށްލުން

މީގެ އިތުރުން، ވައި ނުސާފުވާ މިންވަރު ގަވައިދުން ބަލައި، އޭރަކު ހާލަތު އޮންނަ ގޮތަކުން ފިޔަވަޅު އަޅަމުން ދިޔުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް