އަފީފް: ގައުމީ ޖޯޝު ކައްކުވައިދޭ ޅެންވެރިޔާ

މަޝްހޫރު ޅެންވެރިޔާ އަބްދުﷲ އަފީފް--

ދިވެހިންގެ ލޭކައްކުވާލާފަދަ އެތައް ޅެމެއް ދިވެހި ޅެންވެރިކަމުގެ ދުނިޔެއަށް އުފަން ކޮށްފައިވާ އެއް ޅެންވެރިއަކީ ގދ. ތިނަދޫ އަލިދޯދި، އަބްދުﷲ އަފީފެވެ. "ގައުމީ ގޮވުމަށް އިޖާބަދޭން، ކެރިގެން ދާނަން ފުރާނަ ދޭން" ފަދަ އެތައް ޅެމަކުން އަފީފް ވަނީ ދިވެހިންގެ އެއްބައިވަންތަ ރޫހު ދައްކުވާފައެވެ.

މި ރޫހުގައި އަފީފް ވަނީ، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ޝަރަފްވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައެވެ. މިއަދު ފާހަގަކުރާ ޅެންވެރިންގެ ދުވަސް ވެސް ޚާއްސަ ކޮށްފައިވަނީ ޅެންވެރިމުގައި އެފަދަ އެފަދަ ދެވަނައެއް ނުވާ އަބްދުﷲ އަފީފަށެވެ. އަދި މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދިވެހީންގެ ގައުމީ ލޭ ހޫނުކޮށްލި އެއް ޅެން ކަމުގައިވާ "ގައުމީ ގޮވުމަށް އިޖާބަދޭން، ކެރިގެން ދާނަން ފުރާނަ ދޭން" މި ޅެމެވެ.

މަދަރުސީ ދައުރުގައި ބައިތު ބާޒީގެ ތެރެއިން ހިތުގައި ޅެންވެރިކަމަށް އުފެދުނު ލޯބި ފޮތަކަށް ބަންޑުންކޮށް ޅެންވެރިކަމުގެ ދުނިޔެއަށް އަފީފް ވަދެވަޑައިގަތީ އުމުރުފުޅުން އެންމެ 14 އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ޅެމެއް ލިޔުއްވީ، 1995ވަނަ އަހަރެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބްދުﷲ އަފީފަށް ޝަރަފުވެރިކަމުގެ އިނާމް ހަވާލު ކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ ފެއްޓެވި ގޮތަށް އަފީފް ވަނީ އެތައް ދުވަހެއް ވަންދެން ގިނަ އަދަދެއްގެ ޅެންތައް ހައްދަވާފައެވެ. އެގޮތުން އެކި މުނާސަބަތްތަކާ ގުޅިގެން އެކި މީހުންގެ އެދުމުގެ މަތިން އަފީފް ވަނީ ވަރަށް ގިނަ ލަވައާއި ޅެން ހައްދަވާފައެވެ. މީގެ ތެރެއިން ގިނަ ޅެންތަކަކީ ދިވެހީންގެ ހިތްތަކުން މަތީ ޖާގައެއް ކަށަވަރު ކޮށްފައިވާ ޅެންތަކެކެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ޅެންތަކަކީ:

  • ބޮނޑިބަތް ތޯއެ އުދަންވީ
  • ފެންމީރުވި ރީތި ރަށޭ މީ، ރޫޙު ވަނީ ތިނަދޫގައޭ
  • ޒިކުރާ ޖަމީލް
  • މާބުރާ ކޮކާލާ
  • ދެކެމި އަސަރީ މާދަމާ

އަފީފް ވަނީ ސަރުކާރު މުއައްސަސާ ތަކަށާއި ސްކޫލުތަކަށް ވެސް ލަވަ ހައްދަވައިދެއްވާފައެވެ. އެ މީހުން ސިފަކުރައްވާ ގޮތުގައި އަފީފަކީ ޅެންވެރިކަމާ ގުޅޭ ކަމަކަށް އެދިވަޑައިގެންފި ނަމަ އެކަން ވީހާ ވެސް ރަނގަޅަށް ކޮށްދެއްވާ ބޭފުޅެކެވެ.

އެގޮތުން، އަފީފް ސަރުކާރު މުއައްސަސާތަކަށާއި ސްކޫލުތަކަށް ހަދައިދީފައިވާ ލަވައާއި ޅެންތަކުގެ ލިސްޓަށް ބަލާއިރު، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ނިދާ" އަލްބަމާއި، އަލްމަދަރުސަތުން އަރަބިއްޔަތުލް އިސްލާމިއްޔާގެ ސްކޫލު ލަވައާއި މާލޭ އިންގްލިޝް ސްކޫލުގެ ލަވައިގެ އިތުރުން މަދްރަސަތުލް ޣާޒީ މުހައްމަދުގެ ސްކޫލު ލަވަ އަދި ދިވެހިރާއްޖޭގެ ދިފާއީ ބާރުން ނެރުއްވި ގައުމީ ލަވަ އަލްބަމްގެ ލަވަތައް ވެސް އޭނާ ހައްދަވާފައި ވެއެވެ.

ޅެންވެރިކަމުގެ އުދަރެހުގައި އެތައް ދުވަހަކު ފިޔަ ޖެހުމަށްފަހު އޭނާ މިހާރު ކުރައްވާ މަސައްކަތަކީ ޒުވާން ޖީލުތަކަށް ޅެންވެރިކަން ދަސްކޮށްދެއްވުމެވެ. އެގޮތުން އުފަން ރަށް ތިނަދޫއާއި އެހެން ރަށްރަށުގައި ވެސް އޭނާ ވަނީ ޅެންވެރިކަމުގެ ކޯސްތައް ކުރިއަށް ގެންގޮސްފައެވެ. އަފީފާއި އެހެން ޅެންވެރިންގެ ބުރަ މަސައްކަތުން އިންދި ޅެންވެރިކަމުގެ އޮށް ފޯދި، ޒުވާން ކުދިންގެ ހިތްތަކުގައި ޅެންވެރިކަމުގެ ޝައުގުވެރިކަން ކުރިފަޅާ ހެދެމުން ދާކަމަށް އަފީފް ގަބޫލުކުރައްވައެވެ.

ޅެންވެރިކަމުގެ ފެހިކަން ޒުވާނުންގެ ތެރޭގައި ގަދަވަމުން އައި ނަމަވެސް، އަފީފް ގަބޫލުކުރައްވާ ގޮތުގައި ދެބަސްވެވެން ނެތް ހަގީގަތަކީ މިއަދުގެ ދަރީން ދިވެހި ބަހާ ދުރުވާކަމެވެ.

"އެހެންވާކަމަށް ވަންޏާ ދިވެހި ބަހުން ހުންނަ ޅެންތަކާ ވާހަކަތަކާ އެއްޗިއްސަށް އަންނަންވާ ކުރިއެރުމެއް ނާންނާނެ،" އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޒުވާނުންގެ ހިތުގައި ޅެންވެރިކަމަށް ޝައުގުވެރިކަން އުފެއްދޭނީ ދިވެހި ބަހާ ގާތްކުރުވައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޅެންވެރިކަން ދަސްކުރުމުގެ ގޮތުން ކޯސްތަކުގައި ކިތަންމެ ކުދިންނެއް ވެސް ބައިވެރިވާ ކަމަށެވެ. ނަމަވެސް ކޯސް ނިމުމަށްފަހު ޅެން ހަދަން މާބޮޑު ޝައުގުވެރިކަމެއް ނުހުންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ޅެންވެރިކަމުގެ ތެރެއަށް ވަދެ ދަސްވީމާ، އެކަމަށް ޝައުގުވެރިވެ ޅެންތައް ހަދާ ޅެންތައް އާންމު ކުރަން ފެށީމަ އެމީހާ ޅެންވެރިއެއް ކަމުގައި މުޖުތަމައު ބަލައިގަންނާނީ،" ޅެންވެރިކަމަށް ނުކުންނަށް ތިބި ކުދިންނަށް ދޭނެ ނަސޭހަތް އޭނާ ވިދާޅުވިއެވެ.

ޅެންވެރިކަމުގެ ރޮނގުން އަފީފަށް ލިބިވަދައިގަންނަވާފައިވާ ކާމިޔާބީތައް ވެސް ވަރަށް ގިނައެވެ. އޭނާ ވަނީ ޓީވީ މޯލްޑިވްސްއިން ބޭއްވި ސްކޫލު ކުދިންގެ ލަވަ މުބާރާތުގައި ޅެންވެރިކަމުން 1993، 1995 އަދި 1996 ވަނަ އަހަރު އެއްވަނަ ހޯއްދަވާފައެވެ. އަދި އެ މުބާރާތުން 1989ވަނަ އަހަރު ގައުމީ ލަވަތަކުން ދެވަނަ އަދި ތިންވަނަ އަދި ގައުމީ ލަވަތައް ނޫން އެހެން ލަވަތަކުން ދެވަނަ ހާސިލް ކުރައްވާފައި ވެއެވެ.

ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 1993ވަނަ އަހަރު އަފީފް ވަނީ ހޯއްދަވާފައެވެ. އަދި ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު 2017ވަނަ އަހަރު އަފީފަށް ލިބިވަޑައިގަތެވެ. މިއަދު ފާހަގަ ކުރާ ޅެންވެރިންގެ ދުވަސް ޚާއްސަ ކޮށްފައިވާ އަފީފްގެ ހިދުމަތް ވަރަށް ވެސް ބޮޑެވެ.

comment ކޮމެންޓް