ޔާރާ ނިމިއްޖެ، ދެ ސީޒަން ބިންޖު ކޮށްލަން ވީނުން؟

އާރް2ޒީ ޕްރޮޑަކްޝަނާއި ބައިސްކޯފު ގުޅިގެން ނެރުނު ޔާރާ ސީރީޒްގެ ރެޑް ކާޕެޓް އިވެންޓްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކާސްޓުންނާ އެކު އުފައްދައިފައިވާ ޝޯ "ޔާރާ"ގެ ކާމިޔާބު ދެވަނަ ސީޒަނެއް ދައްކާ ނިންމާލައިފިއެވެ.

ބައިސްކޯފުން ގެނެސްދޭ މި ރޮމޭންޓިކް ކޮމެޑީ ސީރީޒް "ޔާރާ"ގެ ޝޫޓިން ނިމި ފުރަތަމަ ސީޒަނެއް ދައްކަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. ޝޯއަށް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށް ބައިސްކޯފުން ހާމަކުރިއެވެ. އެއާއެކު ޝޯގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މާ ގިނަ ދުވަސްތަކެއް ނުވެ ވަނީ ފަށާފައެވެ.

ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ލީޑުން ފެނިގެންދާ މި ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ފަހުން ޝޯގެ ދެވަނަ ސީޒަން ވަނީ މީގެ ދެ ދުވަސް ކުރީން ނިންމާލައިފައެވެ. އެންމެ ފަހުގެ އެޕިސޯޑް ދައްކައި ޝޯ ނިންމައިލީ ބެލުންތެރިންނަށް ބަލާނެ ގިނަ ކޮންޓެންޓުތަކެއް ދޫކޮށްލުމަށް ފަހުގައެވެ.

މި ޝޯގެ ދެ ސީޒަނުގައި ގާތްގަނޑަކަށް 90 އެއްހާ ތަރީން ވަނީ ހަރަކާތްތެރިވެފައެވެ.

"ޔާރާ" ފިލްމުގެ މަސައްކަތުގެ ފަހަތުގައި އޮތީ ބައިސްކޯފުން މީގެ ކުރިން ގެނެސްދިން ވެބް ސީރީޒް "އެހެނަސް"ގެ ޓީމެވެ. "އެހެނަސް" ލިޔުނު އަހްމަދު އިގްބާލް (އައިކިއު) ލިޔާ މި ސީރީޒް ޑައިރެކްޓުކުރަނީ އޭނާއާ އެކު ރިޝްމީއާއި ރަވީއެ ފަރޫގެވެ.

ޔާރާ ޝޯގެ މެއިން ކާސްޓުންގެ ގޮތުގައި ވެސް 26 ފަންނާނުން މަސައްކަތް ކޮށްފައިވެއެވެ.

އާއްމު ދިރިއުޅުމުގައި މީހުންނަށް ދިމާވާނެ އެކި ކަހަލަ ކަންތައްތައް މި ޝޯގައި ދައްކުވައިދެއެވެ. އެކިކަހަލަ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ މި ޝޯގައި ލޯބީގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުމާއި އާއިލީ ގުޅުންތައް ދައްކުވައިދެއެވެ.

comment ކޮމެންޓް