ކޮޅިގަނޑުގެ އަސަރު ކުޑަވެ، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

އަމީނީ މަގުގައި ފެންބޮޑުވެފައި: މެޓް އޮފީހުން ވަނީ މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ބުނެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

ކޮޅިގަނޑުގެ އަސަރު ކުޑަވެ މާދަމާއިން ފެށިގެން މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން "ސަން"އަށް ބުނީ މިއަދުން ފެށިގެން ވައިވެސް މަޑުވެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މި ދޭތެރެއިން ރާއްޖެއާ ކައިރިން އައި ކޮޅިގަނޑު ހުޅަނގަށް ޖެހި، އޭގެ އަސަރު ކުޑަވެ، އޭގެ ބާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށާއި ކަނޑުތައް ވެސް މަޑުވެ ވައިޖެހޭ ވަރުވެސް މަޑު ވާނެ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަ ވާނެ ކަމަށް ބުނެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރު ފެށުނު އިރު ރާއްޖެއަށް ކުރަމުން އައި ވިއްސާރަ ދުވަސްތަކަކަށް ހުއްޓުމަށް ފަހު މިދިޔަ ހަފުތާ ތެރޭގައި އަނެއްކާވެސް ވަނީ ވިއްސާރަވެފައެވެ.

މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ބުނީ، ވިއްސާރަވީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގެ ކުރި ވިއްސާރައިގައި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވެއެވެ. އޭގެ ތެރެއިން ހުކުރު ދުވަހު ލިބުނު ގެއްލުންތަކަށް ސަރުކާރުން ވަނީ ހަތް ލައްކަ ރުފިޔާ ދޭން ނިންމައިފައެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން މާލޭގެ އިތުރުން އެހެން ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

comment ކޮމެންޓް