ޔާމީންގެ އިސްތިއުނާފު ހުކުމް ކުރެވޭނެ ދުވަހެއް އަދިވެސް ނޭނގޭތީ، ޖަމީލުގެ ތުހުމަތު ސަރުކާރަށް

ހައިކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުމެއް --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިމުނުތާ މަހަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، ހުކުމް ކުރެވޭނެ ދުވަހެއް ނޭނގޭތީ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިމިފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދެން އޮންނާނީ ހުކުމް ކުރުމެވެ. ނަމަވެސް މި މައްސަލައިގައި ހުކުމްކުރުމަށް ބާއްވާ އަޑުއެހުން އަދިވެސް ހައިކޯޓުން ތާވަލްކޮށްފައެއް ނުވެއެވެ.

https://sun.mv/185023

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ޖުޑީޝަރީގެ އާންމު މިންގަޑުން ބެލި ނަމަވެސް، ރައީސް ޔާމީންގެ ޝަރީއަތް މިހާރު ލަސްވެފައި ވާކަމަށެވެ. އަދި އެނގިގެން ނަމަވެސް ނޭނގި ނަމަވެސް މިކަމުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމާމެދު ރައްޔިތުންގެ ނަޒަރިއްޔާތު ތަޣައްޔަރުވަމުން އަންނަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރަންފެށިފަހުން، ވެރިކަން ކޮށްފައިވާ ސިޔާސީ ލީޑަރަކަށް މިވަރަށް އަނިޔާ ނުދޭކަމަށެވެ. އަދި ރައީސް ޔާމީނަށް އަނިޔާ ދެނީ ޖުޑީޝަރީ ހަތިޔާރަކަށް ހަދައިގެން ކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށާއި އެއީ ދެރަކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މަރުހަލާއަކީ އެއިރެއްގެ ވެރިއަކު އަބަދުވެސް ނުފޫޒު ފޯރުވި ކަމެއްކަމަށް ތުހުމަތު ކުރައްވާ ޖަމީލް ވިދާޅުވީ، ރިޔާސީ ރޭހުން ރައީސް ޔާމީން ބާކީ ކުރެއްވީ އޭރު ވެރިކަންކުރި އެމްޑީޕީން ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ނުފޫޒަކީ އަތްލެވޭ، އުފުލޭ އެއްޗެއް ނޫން. އެއީ ކަންހިނގާ ގޮތުން އާންމު އިންސާނަކަށް ދެއްވާ ގޮތް. އެހެން ބަލާއިރު ފެންނަނީ އެމްޑީޕީން ސަރުކާރުން ޖުޑީޝަރީ މެދުވެރިކޮށް ރައީސް ޔާމީން ހިފެހެއްޓި ގޮތަށް، ޑރ. މުއިއްޒުގެ ސަރުކާރުން ވެސް ހިފަހައްޓާތަން. އެއީ ނުފޫޒު،" މި ސަރުކާރަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ޝަރީއަތަށް ނުފޫޒު ފޯރުވުމުން އަދުލު އިންސާފުގެ ނިޒާމަށް ލިބޭ ގެއްލުމެއް ލިބޭނެ ކަމަށެވެ. އެގޮތުން އަދުލު އިންސާފުގެ ނިޒާމަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އާންމުންގެ ނަޒަރިއްޔާތު ބަދަލުވުން ކަމަށާއި، ރައީސް ޔާމީންގެ ޝަރީއަތުގެ ސަބަބުން އެކަން ވެއްޖެކަމަށް ޖަމީލް ވިދާޅުވިއެވެ.

އެހެންކަމުން އުންމީދު ކުރަނީ، ނުފޫޒު ނުފޯރުވާ ނަމަ ރައީސް ޔާމީންގެ އިސްތިއުނާފު އިތުރަށް ލަސްނުކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ. އެ މަނިކުފާނު ވެރިކަމަށް އިންތިޚާބުވުމާއެކު އެދިވަޑައިގަތް ގޮތަށް، ކުރީގެ ސަރުކާރުން ވަނީ ޔާމީން ގެޔަށް ބަދަލުކޮށްފައެވެ.

މި ސަރުކާރުން ވަނީ ޔާމީން މިނިވަންކުރަން ސަރުކާރަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށާއި މިހާރު އެ ހުރިހާ ކަމެއް އޮތީ ޝަރުއީ ދާއިރާގެ އަތްމަތީގައި ކަމަށް މީގެ ކުރިން ބުނެފައެވެ.

https://sun.mv/186663

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.

ހަމަ އެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ވެސް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

comment ކޮމެންޓް