އެޕަލް ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމަށް މައިކްރޮސޮފްޓް

އެޕަލްއާއި މައިކްރޯސޮފްޓްގެ ލޯގޯ ފެންނަ އިލަސްޓްރޭޝަން އެއް -- ރޮއިޓާސް

ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގައި ޖެހިޖެހިގެން ދެ އަހަރު ރެކޯޑް ދިފާއުކޮށްފައިވާ އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށްފަހު މައިކްރޮސޮފްޓްއިން އެ މަގާމު ހޯދައިފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމް މައިކްރޯސޮފްޓަށް ލިބިފައިވާއިރު، އައު އަހަރު ފެށުނީ އައިފޯން އުފައްދާ ކުންފުނި އެޕަލްގެ ހިއްސާގެ ޑިމާންޑާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ އެކުގައެވެ.

މިދިޔަ އަހަރުން ފެށިގެން މައިކްރޮސޮފްޓްގެ ހިއްސާ ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މައިކްރޮސޮފްޓްގެ ހިއްސާ 0.5 އިންސައްތަ އިތުރުވެ، މާކެޓް ވެލުއޭޝަން 2.859 ޓްރިލިއަން ޑޮލަރަށް އަރައެވެ. މި ސެޝަންގައި ދެ އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، އެ ކުންފުނީގެ އަގަކީ 2.903 ޓްރިލިއަން ޑޮލަރެވެ.

އެޕަލްގެ ހިއްސާ 0.3 ޕަސެންޓް ދަށަށް ގޮސް، އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 2.886 ޓްރިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ. މައިކްރޮސޮފްޓާއި އެޕަލް ވަނީ ފާއިތުވި އަހަރުތަކުގައި ބޮޑު ކުރިއެރުމެއް ހޯދައި އެހެން ކުންފުނިތައް ފަހަތަށް ޖައްސާފައެވެ.

ޑީއޭ ޑޭވިޑްސަންގެ އެނަލިސްޓް ގިލް ލޫރިއާ ވިދާޅުވި ގޮތުގައި މައިކްރޮސޮފްޓް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިރު، ޖެނެރޭޓިވް އޭއައިގެ އިންގިލާބުން މައިކްރޮސޮފްޓުން އެޕަލް ފަހަތަށް ޖެއްސުމަކީ ވާނޭކަމެއް ކަމަށް ކުރިންވެސް ވަނީ ބެލެވިފައެވެ.

މައިކްރޮސޮފްޓުން ވަނީ އޯޕަންއޭއައިގެ ޓެކްނޮލޮޖީ އެ ކުންފުނީގެ ޕްރޮޑަކްޓިވިޓީ ސޮފްޓްވެއާގެ ސުއިޓްގައި ހިމަނައިފައެވެ.

އެޕަލްގެ އެންމެ ބޮޑު ފައިދާއެއް ނަގާ އުފެއްދުން ކަމަށްވާ އައިފޯނަށް ވެސް ވަނީ ޑިމާންޑް ދަށްވެފައެވެ. އެޕަލްގެ ބޮޑު މާކެޓެއް ކަމަށްވާ ޗައިނާގައި އައިފޯންގެ ޑިމާންޑް ދަށަށް ގޮސްފައިވާއިރު އޭގެ އެއް ސަބަބަކީ އެގައުމުގެ ވާވޭއިން ހޯދަމުންދާ ކުރިއެރުންތަކެވެ.

ކެލިފޯނިއާގެ އެޕަލްގެ ކުޕާޓީނޯގެ ހިއްސާ މިދިޔަ ޖެނުއަރީ މަހު 3.3 ޕަސެންޓް ދަށަށް ގޮސްފައިވާއިރު މައިކްރޮސޮފްޓްގައި ވަނީ 1.8 ޕަސެންޓް އިތުރުވެފައެވެ.

މި ދެ ސްޓޮކަކީ ވެސް އާންމުކޮށް ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ އާންމު އުސޫލެއް ކަމަށްވާ ހިއްސާގެ ޕްރައިސް ޓު އާނިންސް (ޕީއީ) ރޭޝިއޯއަށް ބަލާއިރު އަގުބޮޑު ދެ ސްޓޮކެކެވެ.

ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މާކެޓް ކެޕިޓަލައިޒޭޝަން 3.081 ޓްރިލިއަން ޑޮލަރަށް އަރާފައިވާ އެޕަލްގެ ހިއްސާ މިދިޔަ އަހަރު ނިމުނީ 48 ޕަސެންޓުގެ ކުރިއެރުމަކާ އެކުއެވެ. މިއީ މައިކްރޮސޮފްޓުން ހޯދި 57 އިންސައްތައިގެ ކުރިއެރުމަށްވުރެ ދަށް އަދަދެކެވެ.

ދެހާސް އަށާރަ ވަނަ އަހަރަށްފަހު އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގައި މައިކްރޮސޮފްޓުން އެޕަލްގެ މައްޗަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކުރި ހޯދާފައިވާއިރު، އެޕަލްގެ މި ވެއްޓުމުގެ އެއް ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ސަޕްލައި ޗެއިންއަށް ދިމާވި ދަތިކަމުގެ ސަބަބުން އެޕަލްގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރު ކުރުމެވެ.

comment ކޮމެންޓް