ރެއިޑުގެ ދެވަނަ ބައިބައި އަޖޭއާއި ރިތޭޝްގެ ކުރިމަތިލުމެއް

ބޮލީވުޑްގެ ފިލްމީ ތަރި ރިތޭޝް ދޭޝް މުކް-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

މި އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ރެއިޑް2"ގެ ޓީމާ އެކްޓަރު ރިތޭޝް ދޭޝްމުކް ގުޅިއްޖެއެވެ.

ބޮލީވުޑްގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ރިތޭޝް "ރެއިޑް2"ގައި ކުޅޭނީ ވަރަށް ވަރުގަދަ ނުބައިބައި މީހެއްގެ ރޯލެވެ.

ދާދި ފަހުން ބަތަލާގެ ރޯލަށް ވާނީ ކަޕޫރު ސޮއިކުރި މި ފިލްމަކީ އަޖޭ ދޭވްގަން ލީޑު ރޯލު ކުޅޭ ފިލްމެކެވެ. މި ފިލްމަކީ ޓީ-ސީރީސް އާއި ޕެނެރޯމާ ސްޓޫޑިއޯ ގުޅިގެން 2018ވަނަ ގެނެސްދިން ފިލްމު "ރެއިޑް"ގެ ސީކުއަލް އެކެވެ. ވަރަށް އާދައިގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި އުއްމީދު ކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް އާމްދަނީ ހޯދުނެވެ. އެހެންވެ ފިލްމު "ރެއިޑް2" ސިނަމާތަކަށް ގެންނާނީ ކުރީގެ ފިލްމަށް ވުރެ ދެ ގުނަ ވަރުގަދަކޮށް ކަމަށާއި ފިލްމުގެ ސަސްޕެންސް ކުރިއަށް ވުރެ މާ ބޮޑަށް ޝައުގުވެރިވާނެ ކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ.

އެކްޓަރު އަޖޭ ދޭވްގަން އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލު ކުޅޭ މި ފިލްމުގެ މި ފަހަރުގެ ޓާގެޓަކީ ރިތޭޝް ދޭޝްމުކް ކަމަށް ވާއިރު މިއީ މި ދެ ތަރިން އެކީގައި މިފަދަ ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެއެވެ.

އެކްޓަރު ރިތޭޝް ދޭޝް މުކް އަދި ފިލްމީ ތަރި އާމްނާ ޝަރީފް ފިލްމު "އެކް ވިލެން'ގެ މަންޒަރެއްގައި-- ފޮޓޯ/އިންޓަނެޓް

މީގެ ކުރިން ރިތޭޝް ވިލެންގެ ރޯލު ކުޅެފައިވާ ފިލްމުތަކުގައި ދައްކުވައިދިން އެކްޓިންއަށް ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކަމަށާއި ފިލްމު "ރެއިޑް2"އިން ރިތޭޝް ފެންނާނީ ވަރަށް ތަފާތުކޮށް ކަމަށް ޑައިރެކްޓަރު ރާޖް ކުމާރު ގުޕްތާ ވަނީ ބުނެފައެވެ.

ފިލްމު "ވެދް"އިން 2022ވަނަ އަހަރު ބެލުންތެރިންނަށް އެންމެ ފަހުން ފެނުނު އެކްޓަރު ވިލެންގެ ރޯލް ކުޅެފައި ވަނީ ދެ ފިލްމެއްގައެވެ. އެއީ، 2014ވަނަ އަހަރު ރިލީޒްވި ފިލްމު "އެކް ވިލެން" އަދި 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަރުޖާވާން"އެވެ. ފިލްމު "ރެއިޑް2"ގެ އިތުރުން ރިތޭޝް އަންނަނީ އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް