ކޮމަންޑުއަށް އުދަ އަރައި، 5 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކޮމަންޑޫ ގެއެއްގެ ތެރޭގައި ފެން ބޮޑުވެފަ --- ފޮޓޯ/ފޭސްބުކް/ ކައުންސިލް

ރޭ ދަންވަރު ށ. ކޮމަންޑޫއަށް އުދަ އަރައި އެ ރަށުގެ ފަސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ކޮމަންޑޫ ކައުންސިލުގެ ނައިބު ރައީސް އާދަމް އަބްދުﷲ މިއަދު "ސަން"އަށް ވިދާޅުވީ، ރޭ 11:30 ހާއިރު އެ ރަށަަށް އުދަ އަރައި ފަސް ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ބޮޑަށް އުދައިގެ ރާޅު އަރައިފައިވަނީ ތޮށިގަނޑުން ހަލާކުވެފައިވާ ދިމާލަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުދައިގެ ސަބަބުން އެއް ގެއިން މީހުން ހުސްކުރަންޖެހި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ކަމަށާއި ގިނަ ގެތަކަށް ފެން ވަދެ އެކި ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫއަށް ރޭ ދަންވަރު އުދަ އަރައި ގެއެއްގައި ފެންބޮޑުވެފަ --- ފޮޓޯ/ފޭސްބުކް/ ކައުންސިލް

"ފަސް ގެއަކަށް ލޮނުގެ އަސަރު ކޮށްފައިހުރި ކަމަށް ފާހަގަކުރެވިފައިވަނީ. ދެން ހިފައި ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރީ" އަބްދުﷲ ވިދާޅުވިއެވެ.

މިހާރު ވެސް ލިބިފައިވާ ގެއްލުންތައް އިތުރަށް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. އެ ކަމުގައި ކައުންސިލާއި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ އަދިވެސް އުރައަރާފާނެ ކަމަށް ލަފާކުރެވޭތީ، ގޮނޑުދޮށުގައި ވެލި ބަސްތާއި ޖެހުމާއި ފެންގަނޑު އެހެން ދިމާލަކަށް ދާނެ ގޮތަށް ކޯރު ކޮންނަމުންދާ ކަމަށް އާދަމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކޮމަންޑޫއަށް ރޭ ދަންވަރު އުދަ އަރައި ރަށުތެރޭގަ ފެންބޮޑުވެފަ --- ފޮޓޯ/ފޭސްބުކް/ ކައުންސިލް

"ރޭގައި ހުރީ ހަމަ ފުދޭވަރަކަށް ބޮޑުކޮށް. ތިން ފޫޓަށް ހުރި ގޮނޑުދޮށް ކައިރީގަ ލޮނުގަނޑު. އަވަށު ތެރެއަށް އައި ފެން ގަނޑު ހުރި ގާތް ގަަނޑަކަށް 500 ފޫޓަށް ދެމިފައި،" އަބްދުﷲ ވިދާޅުވިއެވެ.

ވިއްސާރަ ދުވަސްތަކަކަށް ފަހު މި ދޭތެރެއިން މޫސުން ރަނގަޅުވެފައި އޮތުމަށް ފަހު އަނެއްކާ ވެސް މި އަންނަނީ ވިއްސާރަކުރަމުންނެވެ. މިއަދު ހެނދުނުން ފެށިގެން ވިއްސާރަ ކުރާއިރު، މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މެޓް އޮފީހުން ވަނީ ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މިރޭ 8:00 އިން ފެށިގެން ރޭގަނޑު 1000 އަށް ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

comment ކޮމެންޓް