މިއަދު ވެސް ހުޅުމާލޭ ސަހަރާގައި ފެން ބޮޑުވެ، މީހުން ވަޅުލުން މާލެއަށް!

މީގެ ކުރިން ހުޅުމާލޭގެ ސަހަރާގައި ފެންބޮޑުވެފައި -- ފޮޓޯ/އަހުމަދު މުނައްވަރު

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލުން ވަގުތީގޮތުން މިއަދު ވެސް މާލޭގެ ގަލޮޅު އާސަހަރާއަށް ބަދަލުކޮށްފިއެވެ.

މިކަން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ހުޅުމާލެއަށް ބޯކޮށް ވާރޭވެހި މިދިޔަ ހަފުތާގެ ބުދަ ދުވަހު ވެސް މީހުން ވަޅުލުން ވަގުތީގޮތުން މާލެއަށް ބަދަލުކުރިއެވެ. އޭރު ސިޓީ ކައުންސިލުން ބުނީ، މީހުން ވަޅުލުމަށް ބިންގަނޑުގެ އަޑިން ދެ ފުޓާއި ތިން ފޫޓު އަޑިއަށް ކޮންނަންޖެހޭ ކަމަށެވެ. ނަމަވެސް، މި ވަގުތު ހުޅުމާލޭ ސަހަރާގައި އެއް ފޫޓު އަޑިއަށް ކޮންނަ ހިސާބުން، މައްޗަށް ފެންގަނޑު އަރައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭ ފެންބޮޑުވެ، ހިނަވާގެ ހިމެނޭ ސަރަހައްދަށް ވެސް ފެނުގެ އަސަރުކުރާ ކަމަށެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެން ހިންދޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަހަރާ މިސްކިތުގައި އިތުރު ހަތަރު ފާހާނާ ތަރައްގީކޮށް ހިނަވާގޭގެ އޮޅިގަނޑު ވެސް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދަށް މިއަދު ކުރާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިފައިން މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް