ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލްގައި ރެއާލާއި ބާސާ

ބާސެލޯނާ އިން ވަނީ ސްޕެނިޝް ސުޕާ ކަޕް 14 ފަހަރު ކާމިޔާބު ކޮށްފަ / ފޮޓޯ: ދި ނެމީބިއަން

ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ބާސާ ޖާގަހޯދީ ސައުދީ އަރަބިއާގައި ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި އޮސަސޫނާއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. ބާސާގެ ރޮބަޓް ލެވަންޑޯސްކީއާއި އެންޑްރިއާސް ކްރިސްޓެންސަން ފޮނުވާލި ދެ ހަމަލާއެއް އޮސަސޫނާގެ ކީޕާ ސާޖިއޯ ހެރޭރާ މަތަކޮށްފައިވާއިރު އޮސަސޫނާގެ އެންޓޭ ބުޑިމީރަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާއަށް ލީޑު ނަގާދިނީ މެޗުގެ 59 ވަނަ މިނެޓްގައި ލެވަންޑޯސްކީ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު ބާސާއިން ހަމަޖެހިލިއިރު އޮސަސޫނާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. މެޗުގައި ބާސާއިން ކާމިޔަބު ކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ ލެމީން ޔަމާލްއެވެ.

މި ކާމިޔާބީއާ އެކު ބާސާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ފައިނަލްގައި އެ ޓީމު ބައްދަލުކުރަން ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި ރެއާލް މެޑްރިޑާއެވެ.

ސްޕެނިޝް ސުޕާ ކަޕަކީ ލަލީގާގެ ޗެމްޕިއަންގެ އިތުރުން ދެވަނައާއި ތިންވަނަ އަދި ކޮޕާ ޑެލް ރޭގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މުބާރާތެކެވެ. މި ފަހަރު އޮސަސޫނާއަށް މި ޖާގަ ލިބިގެންދިޔައީ މިދިޔަ ސީޒަންގައި ކޮޕާ ޑެލް ރޭގެ ފައިނަލްގައި ރެއާލާ ވާދަ ކޮށްފައިވަނީ އޮސަސޫނާ ކަމުންނެވެ. މި ފަހަރުގެ މުބާރާތް ކުޅެމުންދަނީ ސައުދީ އަރަބިއާގައެވެ. ބާސާއިން ވަނީ މިމުބާރާތް ރިކޯޑް އަދަދެއް ކަމަށްވަ 14 ފަހަރު ކާމިޔަބު ކޮށްފައެވެ.

comment ކޮމެންޓް