ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަަޅަނީ ޗައިނާގެ ހިލޭ އެހީގައި: ރައީސް

މި ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރަން ނިންމައިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު އެ މަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި، މާދަމާ އޮންނަ މާލޭ މޭޔަރު އިންތިޚާބާ ގުޅޭގޮތުން ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަަމަށެވެ.

އެހެންކަމުން ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ. އެކަމުގެ އެއްބަސްވުމުގައި މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރައްވައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ހޮސްޕިޓަލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ޗައިނާގައި މިހާރު އަޅުގަނޑުމެން ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން މި ވަނީ މަގުފަހިވެފައި. ހިލޭ އިރާދަކުރެއްވިއްޔާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ލަސްތަކެއްނުވެ ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ. އަދި، ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް އެހެން ތަނަކަށް ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭ ބަދަލު ކުރައްވާނެ ކަމަށެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ ނިމިދިޔަ މަހުގެ 27ވަނަ ދުވަހެވެ. އޭރު އެ މަޝްރޫއު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ. ނަމަވެސް މަޝްރޫއުގެ އިތުރު ތަފުސީލެއް ނުދެއްވައެވެ.

މީގެ ކުރިން ރައީސް ވަނީ، ވިލިމާލެއަށް އެހެން ސަރުކާރުތަކުން އިހުމާލުވެފައި އޮތް ނަމަވެސް މި ސަރުކާރުން ވިލިމާލޭގެ ތަރައްގީއަށް ވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިހާރު ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ ތަރައްގީގެ ޕްލޭންގައި ހުރި މުހިންމު ގިނަ ކަންތައްތަކަކަށް ޗައިނާގެ އެހީވަނީ ހޯއްދަވައިފައެވެ.

comment ކޮމެންޓް