ހަނގުރާމައަށް 100 ދުވަސް ތެރޭގައި 10،000 ކުޑަކުދިން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުގައި ސަބަަބުން ގެދޮރު ގެއްލިފައިވާ ކުޑަކުދންތަކެއް ރެފިއުޖީ ކޭމްޕެއްގައި -- ފޮޓޯ/ސީއެންއެން

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް 100 ދުވަސްވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި 10،000 ކުޑަކުދިން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމަރާތްތަކުގެ ދަށުގައި އަދިވެސް އިތުރު ކުޑަކުދިން ތާށިވެފައިއެބަތިބި ކަމަށް އިނގިރޭސިވިލާތުގެ އެންޖީއޯއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރެއިންއިން ހާމަކުރެއެވެ. ޣައްޒާގައި ޖުމްލަ 1.1 މިލިއަން ކުޑަކުދިން ދިރުއުޅެއެވެ.

ޝަހީދުކޮށްލައިފައިވާ ކުދިންގެ އިތުރުން އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްވެފައިވާ ޣައްޒާގެ ކުދިން ދަނީ ބުނެދޭން ނޭނގޭ ބިރުވެރި ކަންތައްތަކެއް ތަހައްމަލުކުރަމުން ކަމަށާއި އެ ކުދިންނަށް މަޖުބޫރުވެފައި ވަނީ ޔަގީންކަމެއްނެތް މުސްތަގުބަލަކާ ކުރިމަތިލާން ކަމަށް ސޭވް ދަ ޗިލްޑްރެންއިން ބުނެއެވެ.

ޣާއްޒާގެ 1000 ކުދިންގެ ފަޔަށް އަނިޔާވެ، މުޅު އުމުރު ދުވަހަށް ފަރުވާދޭން ޖެހިފައި އެބަތިއްބެވެ.

ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި 370 ސްކޫލާއި، 94 ހޮސްޕިޓަލާއި ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ ސުންނާފަތިކޮށްލައިފައެވެ. އެންމެ އަސާސީ ބޭނުންތަކުން ވެސް ޣައްޒާގެ މުޅި އާބާދީ ހާއްސަކޮށް ކުޑަކުދިން ވަނީ މަހުރޫމުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ރަހުމުކުޑަ ހަމަލާތަކާ ގުޅިގެން ސޭވަ ދަ ޗިލްޑްރެންގެ ކަންޓްރީ ޑިރެކްޓާ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގައި އެވްރެޖްކޮށް ދުވާލަކު 100 ކުދިން ޝަހީދުކޮށްލައެވެ. ކުޑަކުދިން މެރުމުގައި އެއްވެސް ކަހަލަ ބަހަނާއެއް ނުދެއްކޭނެ ކަމަށާއި ޣައްޒާގެ ހާލަތަކީ އަހަރުމެން އާންމު އިންސާނިއްޔަތަށް ލިބުނު ގެއްލުމެކެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 23،500 ފަލަސްތީނުގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 59،604 އަށް އިތުރުވެފައެވެ.

comment ކޮމެންޓް