މަނޫ ރާއްޖޭގައި، ޕޯސްޓުގައި ދިވެހި ބަސް

މަޝްހޫރު ސްޕެނިޝް އެކްޓަރު އަދި މޮޑެލް މަނޫ ރިއޯސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ރިއޯސް މި ވަގުތު ހުރީ ރާއްޖޭގެ ރިސޯޓެއްގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަމުން އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ޗުއްޓީގެ ވާހަކަ ދައްކަމުންނެވެ.

އޭނާ އެންމެ ފަހުން އިންސްޓަގްރާމްއަށް އާންމުކުރި ޕޯސްޓު އަންނަނީ ގިނަ ދިިވެހީންގެ މެދުގައި ވައިރަލް ވަމުންނެވެ. އެގޮތުން އެ ޕޯސްޓު ވައިރަލް ވެފައިވަނީ ޕޯސްޓުގެ ކެޕްޝަންގެ ސަބަބުންނެވެ. ކެޕްޝަންގައި ލިޔެފައިވަނީ އެންމެ ބަހެކެވެ. ނަމަވެސް މި ބަސް އޭނާ ލިޔެފައިވަނީ ދިވެހީންނެވެ.

ސައިމާ ގަހެއް ކައިރީގައި މަޑުކޮށްލައިގެން ހުރި ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ "ފޮޅުން" އެވެ. ނުވަތަ "ބްލޫމް" އެވެ. މި ޕޯސްޓުގައި ދިވެހި ބަސް ބޭނުން ކޮށްގެން ކެޕްޝަން ލިޔުމަކީ އެތައް ބަޔަކަށް ވަރަށް ކަމުދިޔަ ކަމަކަށް ވަނީ ވެފައެވެ.

އުމުރުން 25 އަހަރުގެ ރިއޯސް އެންމެ ފުރަތަމަ މަގުބޫލު ކަމެއް ހޯދާފައިވަނީ އިންސްޓަގްރާމް މޮޑެލް އެއްގެ ގޮތުގައެވެ. އެއަށްފަހު އެކި ކަހަލަ ޕްރޮޖެކްޓުތަކާއެކު އޭނާ ވަނީ މެއިންސްޓްރީމް މީޑީއާއަށް ވަދެފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"އެވެ. ޝޯގެ ފަހު ސީޒަންތަކުގައި ރިއޯސް ވަނީ ޝޯގެ ލީޑް އެކްޓަރުންގެ ލިސްޓުގައި ހިމެނިފައެވެ. އަދި ޝޯ މިހާރު ނިމެން ދާއިރު އެންމެ ފަހުގެ އެޕިސޯޑުތަކުން ވެސް އޭނާ ފެނިގެންދާނެއެވެ.

ރިއޯސް މިވަގުތު ޗުއްޓީ ހޭދަކުރަމުން ދަނީ ޖޯލި ބީން، ބޮޑުފުށި ރިސޯޓުގައެވެ. އަދި ޗުއްޓީ ހޭދަ ކުރުމަށްފަހު އޭނާ އެނބުރި ދާނެ ދުވަހެއް އަދި ނޭނގެއެވެ.

comment ކޮމެންޓް