މިދިޔަ އަހަރުގެ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ 6.5 ޕަސެންޓް އިތުރު

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފާއިތުވި އަހަރު މީރާއިން 24.74 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 6.5 ޕަސެންޓް އިތުރު އަދަދެއްކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ 23.06 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، މި ދިޔަ އަހަރުގެ ނޮވެންބަރު މަހު ފާސްކޮށްފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި މި އަންދާޒާއަށް ގެނެވުނު އިސްލާހާއެކު މި އަދަދު 23.22 ރުފިޔާއަށް އިސްލާހުކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ދިޔަ މަހު މީރާއިން ބަލައިގެންފައިވާ ޖުމުލަ އާމްދަނީއަކީ 2.21 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 15.4 ޕަސަންޓް ދަށް އަދަދެއް ކަމަށް މީރާއިން ބުންޏެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 9.4 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، 2022ގެ ޑިސެންބަރު މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ ޑިސެންބަރުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ އެ އާމްދަނީ ދަށްވުމެވެ.

އެގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާ ބެހޭ ގަވާއިދުގެ ދަށުން 99 އަހަރަށް ކުޅިގެ މުއްދަތު އިތުރު ކުރުމަށް ދައްކަން ޖެހޭ ފީގެ ރޭޓު 2022ގެ ޑިސެމްބަރުގެ ފަހުން އިތުރު ކުރުމުގެ ސަބަބުން ރިޒޯޓުތަކުން ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 57.50 މިލިއަން ޑޮލަރު ދެއްކި ކަމަށް މީރާއިން ބުންޏެވެ. ނަމަވެސް މިދިޔަ މަހު އެ ފީގެ ގޮތުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޖީޖީއެސްޓީ އަދި ވޯކް ޕާމިޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މިދިޔަ މަހު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 30.5 އިންސައްދަ އިތުރުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށް މިރާއިން ބުންޏެވެ. އެއީ 54.8 ޕަސެންޓް ނުވަތަ 1.21 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ކަމަށް މީރާއިން ބުންޏެވެ. އެއީ 17.05 ޕަސެންޓް ނުވަތަ 377.51 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 113.87 މިލިއަން ރުފިޔާ, އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި 105.91 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.21 މިލިއަން ރުފިޔާ, އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 314.23 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާއިން ބުންޏެވެ.

comment ކޮމެންޓް