ހއ. އަތޮޅު އެންމެ އަލިގަދަ ތަރި ގުރުއާން މުބާރަތް މިފަހަރުވެސް އެސްއެސްޓީވީން ދައްކަނީ

އަލި ގަދަ ތަރި މުބާރަތުގައި މީޑިއާ ޕާޓްނަރަކަށް އެސްއެސް ޓީވީ ވުމަށް ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަހްމަދު އަމަން ލަތީފް

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ހއ. އަތޮޅު އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތް އެސްއެސްޓީވީން ދެއްކުމަށް، ސަން ސިޔާމް މީޑިއާ އާއި މިޑްލް ސްޕޯޓްސް ކުލަބާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ އެ ކުލަބްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަހްމަދު ޝަމްވީލް އިބްރާހީމެވެ.

އެ މުބާރާތާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން މުބާރާތުގެ ކޯޑިނޭޓަރު ނަޝްވާން އިބްރާހިމް ވިދާޅުވީ، މީގެ ކުރިން ހަމައެކަނި ދިއްދުއަށް އަމާޒުކޮށް ބޭއްވި އެ މުބާރަތް މިފަހަރު މުޅި އަތޮޅަށް ހުޅުވާލެވުމުން އެކަަމާ ވަރަށް އުފާ ކުރާ ކަމަށެވެ.

އަލި ގަދަ ތަރި މުބާރަތުގައި މީޑިއާ ޕާޓްނަރަކަށް އެސްއެސް ޓީވީ ވުމަށް ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަހްމަދު އަމަން ލަތީފް

"އުންމީދަކީ އަދިވެސް މި މުބާރާތް އިތުރަށް ފުޅާކުރަން،" ނަޝްވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީ ދެ އަހަރާ އަޅާބަލާއިރު މި އަހަރުގެ މުބާރާތަށް ކުދި ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި މުބާރާތަށް މިފަހަރު ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝްވާން ވިދާޅުވީ އެ މުބާރާތުގެ މަގުސަދަކީ އަތޮޅުގެ މީހުންގެ މެދުގައި ކީރިތި ގުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި ތަޖުވީދާއި ހަމަތަކުގެ މައްޗަށް ގުރުއާން ކިޔަވާ މީހުން އިތުރުކުރުން ކަމަށެވެ.

އަދި އަތޮޅުގެ މީހުންގެ މެދުގައި ކީރިތި ގުރުއާނަށް އޮތް ލޯބި އިތުރު ކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މުބާރާތް ދެއްކުމަށް އެސްއެސްޓީވީ ޚިޔާރުކުރީ ނިމިދިޔަ އަހަރު އެސްއެސްޓީވީއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެވި، މުބާރާތުގެ ކަވަރޭޖު އެންމެ ރަނގަޅަށް ގެނެސްދެވޭނެ މީޑިއާއަކީ މިއީ ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުބާރާތުގެ މަސައްކަތްތަކުގައި އެސްއެސްޓީވީގެ އިސްބޭފުޅުން ވަރަށް ހިތްވަރު ދެއްވާ. ނިމިދިޔަ އަހަރު ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރެވިފަ ވާތީ،" ނަޝްވާން ފާހަގަކުރެއްވިއެވެ.

އަލި ގަދަ ތަރި މުބާރަތުގައި މީޑިއާ ޕާޓްނަރަކަށް އެސްއެސް ޓީވީ ވުމަށް ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަހްމަދު އަމަން ލަތީފް

އަންނަ ރަމަޟާން މަހު ބާއްވާ އެ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އެގޮތުން ފުރަތަމަ ބުރު މާޗު 15އާއި 16އިގައި ބޭއްވުމަށް ފަހު ދެވަނަ ބުރު ބާއްވާނީ 21އާއި 22ގައެވެ. އެ މުބާރާތުގެ ފިނާލޭ މާޗު 28ގައި ބާއްވާއިރު ގްރޭން ފިނާލޭ އޮންނާނީ އޭގެ ޖެހިގެން އަންނަ ދުވަހުގައެވެ.

އެ މުބާރާތުގައި އަތޮޅުގެ 12 ރަށުން 46 މީހުން ބައިވެރިވިއިރު މުބާރާތުގެ އޮޑިޝަން މިހާރު ވަނީ ނިމިފައެވެ. އެ އޮޑިޝަނުން ހޮވާފައި ވަނީ 20 މީހެކެވެ.

އެ މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނައަށްދާ މީހަކަށް ތިން އުމްރާ ދަތުރު ދޭން ވަނީ ނިންމައިފައެވެ. އަދި އެހެނިހެން ބައިވެރިންނަށް ވެސް އިނާމުތައް ދިނުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މުބާރާތަށް ހާޒިރުވާ އެންމެންގެ މެދުގައި ވެސް ގުރުއަތެއް ނަގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ މުބާރާތުގެ ވަނަތަކަށް ދާ މީހުންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ނައުޝާން ވިދާޅުވިއެވެ. އަދި އަލިގަދަ ތަރީގެ ސްޕޮންސަރުންނަށް ވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު 7656766 ނަމްބަރަށް ގުޅުމުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް