16،000 ފޫޓު މަތިން ވެއްޓުނު އައިފޯނަށް ކަމެއް ނުވޭ!

މުޅި ދުވަހު އަބަދުވެސް މީހާ އާއެކު އެންމެ ގިނަ އިރު ވަގުތު ހޭދަ ކުރާ އެކައްޗަކީ ސްމާޓްފޯނެވެ. ތަފާތު އެކި ކަހަލަ ކަވަރާއި އެއްޗެހި ލައްވައިގެން މި ފޯނުތައް ގެންގުޅެނީ މީގެ ނާޒުކު ކަމުންނެވެ. އަތުން ކައްސާލައިގެން ދާގޮތަކުން ވެސް ފޯނު ތަޅައިގެން ގޮސްދާނެއެވެ. ނަމަވެސް މި ފަހަރު ކަންތައް މިއޮތީ މުޅީން އެހެން ގޮތަކަށް ވެފައެވެ. އެއީ 16،000 ފޫޓު މަތިން ވެއްޓި ފޯނު ސަލާމަތްވުމުންނެވެ.

މި ފަހުގެ ސްމާޓްފޯނުތަކަކީ މުޅީން އެއްކޮށްހެން ބިއްލޫރިން ހަދާފައި ހުންނަ އެއްޗެއްސެވެ. މޮޅެތި ޓެކްނޮލޮޖީ ހުރި ނަމަވެސް މިއީ އެހާމެ ފަސޭހައިން ތަޅައިގެން ވެސް ދާ އެއްޗެކެވެ. ޖީބުން ވެއްޓި ވެސް ފޯނުގެ ސްކްރީން ވަރަށް ފަސޭހައިން ތަޅައިގެން ގޮސްފައި އެބަހުއްޓެވެ.

ނަމަވެސް މި ފަހަރު މިއޮތީ އައިފޯނެއް 16،000 ފޫޓު މަތީން ވެއްޓި ސަލާމަތް ވެފައެވެ.

އެލެސްކާ އެއާލައިންސްގެ ފްލައިޓް 1282ގެ ދޮރު، ވައި މަތީގައި އޮއްވާ ހުޅުވިގެން ދިޔަ ވާހަކަ ވަނީ މިދިޔަ ހަފުތާގައި ހެޑްލައިނަށް އަރާފައެވެ. ދަތުރު ކުރަމުން ދިޔަ ފްލައިޓުގެ ދޮރު ހުޅުވުމާ ގުޅިގެން ފްލައިޓު ވަނީ އިމަޖެންސީކޮށް ޖައްސާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފްލައިޓުގެ ދޮރު ހުޅުވުމާއެކު މީހެއްގެ އަތުގައި އޮތް އައިފޯނެއް ވަނީ ދަމާލައިގެން ފްލައިޓުން ބޭރުވެފައެވެ.

ގޭމް ޑިޒައިނަރެއް ކަމަށްވާ ޝޯން ބޭޓްސްގެ ފޯނު ދަމައިގަތުމުން އޭނާ ހީކުރީ އެ ފޯނު އަނބުރާ ނުލިބޭނެ ކަމަށެވެ. އަދި އެ ލިބުނު ނަމަވެސް އެ ބޭނުން ކުރެވޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެކަމަކު ފޯނު އެންމެ ފަހުން ލޮކޭޝަން ފޮނުވި ތަނަށް ދިޔަ އިރު އެ ފޯނު އެހެން ސާމާނުތަކަކާއެކު ބިންމަތީގައި އޮތެވެ.

ފޯނަށް އެއް ކަމެއް ވެސް ނުވެ އޮތް އިރު ފޯނުގައި އޭރުވެސް ޗާޖު ހުރި ކަމަށް ޝޯން ބުނެއެވެ. މި ފޯނު އެހާ މަތީން ވެއްޓުނު އިރު ވެސް ސަލާމަތްވި ގޮތެއް ނޭނގެއެވެ.

comment ކޮމެންޓް