މައިކްރޯސޮފްޓް އެޖް ރީބްރޭންޑްކޮށްފި

އެޖްގެ މަގްބޫލްކަން އިތުރުކުރުމަށް މައިކްރޯސޮފްޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން --

މައިކްރޮސޮފްޓުން އެ ކުންފުނީގެ ހުރިހާ އެޕްލިކޭޝަނެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެންޑްރޮއިޑް އާއި އައިއޯއެސް ޕްލެޓްފޯމްތަކުގައި އެޖް ބްރައުޒާގެ ނަން "މައިކްރޮސޮފްޓް އެޖް އޭއައި ބްރައުޒާ"އަށް ބަދަލުކޮށްފިއެވެ.

މައިކްރޮސޮފްޓުން އެކަން ރަސްމީކޮށް އިއުލާނު ކޮށްފައި ނުވި ނަމަވެސް މިބަދަލު މިހާރުވަނީ ގެނެސްފައެވެ. މި ބަދަލު ގިނަ ބަޔަކަށް މިހާރު ފާހަގަކުރެވިފައިވާއިރު، ޕްލޭ ސްޓޯރާއި އެޕް ސްޓޯރުގައި ވެސް އެ ކުންފުނިން ވަނީ އޭއައި އާއި ކޯޕައިލޮޓް އިޝްތިހާރުކުރާ އިމޭޖް މެޓީރިއަލްތައް އެގޮތަށް އަޕްޑޭޓްކޮށްފައެވެ.

އަލަށް ރީބްރޭންޑްކުރި އެޖް އޭއައި ބްރައުޒާގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކުގެ ތެރޭގައި އާޓިކަލް ސަމަރީޒް، ޓްރާންސްލޭޝަން، ފައިލް ޓްރާންސްފާ، ރީޑް-އަލައުޑް، ޕާސަނަލައިޒޭޝަން އަދި ޕްރައިވެޓް ބްރައުޒިން ހިމެނެއެވެ.

މައިކްރޮސޮފްޓް އެޖް އޭއައި ހަދާފައި ވަނީ ބްރައުޒިން ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ޖީޕީޓީ-4 އިން ބާރުވެރިކޮށްފައިވާ ކޯޕައިލޮޓް މެދުވެރިކޮށް ސުވާލުކުރުމާއި، ސާޗްތައް ރިފައިންކޮށް، ކޮމްޕްރެހެންސިވް ސަމަރީޒް ހޯދުމާއި، ޑީއެލް-އީ 3 އާއެކު ފޮޓޯތައް ހެދުމުގެ ފުރުސަތު އެ ބްރައުޒާއިން ފަހިކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން އުފާފާޅުކުރާއިރު، ބައެއް ފަރާތްތަކުން ވަނީ މައިކްރޮސޮފްޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެޖް އަކީ "އޭއައި ބްރައުޒާ" އެއް ކަމަށް ބުނުމުގެ އެއްވެސް ހައްގެއް މައިކްރޮސޮފްޓަށް ނޯންނާނެ ކަމަށް ބައެއް މީހުން ބުނާއިރު، އަނެއް ބަޔަކު ނަން ބަދަލުކުރަން ވަރަށް ބޮޑަށް ލޯބިކުރާ ކަމަށް ބުނެފައިވެއެވެ.

މައިކްރޯސޮފްޓްގެ ބްރައުޒާ އެޖް އާއި ކޯޕައިލެޓް އެޕާއި ގުޅުވާލައިފައިވާއިރު، ކޯޕައިލޮޓްގެ އަމިއްލަ އެޕްލިކޭޝަނެއް ވެސް މިހާރު ވަނީ އުފައްދާފައެވެ.

މި އެޕްލިކޭޝަން އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް ޑިވައިސްތަކުން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

comment ކޮމެންޓް