ދިރާސީ އަހަރުގެ ފެށުން ބަދަލުކުރިއަސް، ގްރޭޑް 9، 10ގައި ތިބި ކުދިންގެ ކިޔެވުމަށް ބަދަލެއް ނާންނާނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު-- ފޮޓޯ: އެޑިއުކޭޝަން

ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށަން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމި ނިންމުމާ ގުޅިގެން މިހާރު ގްރޭޑް ނުވައަކާއި، ދިހައެއްގައި ތިބި ދަރިވަރުންގެ ކިޔެވުމަށް ބަދަލެއް ނާންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.

މިިނިސްޓަރު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ނިންމުމުގެ ސަބަބުން ގްރޭޑް ނުވައަކާއި، ދިހައެއްގެ ދަރިވަރުން ކިޔަވަން ހޭދަކުރާ ވަގުތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ ޖޫންގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އަދި ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމްގެ ލާނިން ޓައިމް ގެއްލިގެން ނުދާނެއެވެ،" މިނިސްޓަރު ލިޔުއްވައިފައިވެއެވެ.

މި ބަދަލު ގެންނާނީ ފަސް ސެމިސްޓަރަކަށް ބަހާލައިގެން ކަމަށާއި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަހަރާއި ދިރާސީ އަހަރު ދިމާވެ އޭގެ މަންފާ ސްކޫލު ހިންގުމުގެ ނިޒާމަށް ކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަފީއު ވިދަޅުވީ، ޓުއަރިޒަމް ދާއިރާގައި ރަށުން ބޭރުގައި މަސައްކަތް ކުރާ މީހުންނަށް އަހަރުގެ ތެރެއިން ލިބޭ ޗުއްޓީތައް މިހާރު ލިބެމުންދާ މިންވަރަށް ވުރެ މަދުވެގެން ނުދާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ ދިރާސީ އައު އަހަރު، އަންނަ ޖޫން މަހު ނިމޭނެއެވެ.

ޖެނުއަރީގައި ދިރާސީ އާ އަހަރު ފެށޭގޮތަށް އޮތުމަކީ ރާއްޖޭގައި އޮތް ޒަމާންވީ އާދައެކެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުނީއެވެ.

އެއާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭ ފަށާގޮތަށް ބަދަލުކޮށް އޯގަސްޓް މަހުގެ ކުރީކޮޅު ކިޔަވައިދޭން ފަށާގޮތަށް 2020ވަނަ އަހަރުން ފެށިގެން ބަދަލު ކުރިއެވެ.

ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަމަށް އެއް ބަޔަކު ތާއީދު ކުރާއިރު، ބައެއް ބެލެނިވެރިން މިކަމާމެދު ކަންބޮޑުވެ ނުރުހުން ފާޅުކުރެއެވެ.

comment ކޮމެންޓް